ހއ. ހޯރަފުށީގައި ތަރަގީކުރަމުން އަންނަ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާނުލާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކައިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންޑިއާގެ އެހީއާއެކު އެ ކުންފުންޏާއި ހޯރަފުށީ ކައުންސިލާ ދެމެދުގައި 2019 ވަނަ އަހަރު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ރަށުގައި ހަދަން ފަށާފައިވާ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓައިލި ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އެ މަޝްރޫއު ހިނގާފައިވާ ގޮތަށް ބަލާއިރު، 2019 ވަނަ އަހަރު މަޝްރޫއު މަސައްކަތް ފަށަން ތައްޔާރުވި ނަމަވެސް، އެ މަސައްކަތަށް ކަނޑައެޅި 20،000 އަކަފޫޓާއި 30،000 އަކަފޫޓާ ދެމެދުގެ ބިމުގައި ވަށައިގެން އިންފާރެއް ރޭނުން ފިޔަވާ އެއްވެސް މަސައްކަތެއް ދެ އަހަރު ދުވަސް ވަންދެން ކޮށްފައި ނުވާ ކަމަށް ފެނަކަ އިން ބުންޏެވެ.
ފެނަކަ އިން ބުނީ އެ މަޝްރޫއުއަށް އެ ކުންފުނިން 30 މިލިއަނެއްހާ ރުފިޔާ މިހާތަނަށް ހޭދަކޮށްފައިވާ ކަމަަށެވެ. ނަަމަވެސް، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ހަމައަށް ނިމިފައި އޮތީ މަޝްރުއޫގެ 70 އިންސައްތަ މަސައްކަތް ކަމަށް ބުންޏެވެ.
އެ މަޝްރޫއަށް ޖުމްލަ 36.7 މިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، އެއީ އިންޑިއާ ސަރުކާރުން ދިން 9 މިލިއަން ރުފިޔާގެ އެހީ އާއި ކައުންސިލުން ހިއްސާކޮށްފައިވާ 2.4 މިލިއަން ރުފިޔާ އަދި ފެނަކައިން ހަރަދުކޮށްފައިވާ 34.3 މިލިއަން ރުފިޔާ ހިމަނައިގެން ކަމަށް ފެނަކައިން ބުންޏެވެ.
ބޮޓްލިން ޕްލާންޓުގެ އިމާރާތުގައި މުވައްޒަފުން ތިބޭނެ ގޮނޑި އާއި މޭޒު ހުރި ނަމަވެސް، މުވައްޒަފުން މަސައްކަތް ކުރަން ބޭނުންވާ މެޝިނަރީގެ ބޮޑު ބައި ހުރީ ރާވާ ނުނިމި ކަމަށާއި އިމާރާތުގެ އެތެރޭގައި ނިންމަން ޖެހޭ ބައެއް މަސައްކަތްތައް ވެސް ހުރީ ނުނިމި ކަމަށް ފެނަކަ އިން ބުންޏެވެ.
އެހެންވެ، ކުންފުނީގެ މާލީ ހާލަތަށް ރިއާޔަތްކޮށް، މަސައްކަތެއް ނެތިފައި ތިބި މުވައްޒަފުންނަށް މުސާރަ ދެމުން ގެންދިއުމަކީ މި ވަގުތު ކުރެވެން އޮތް ކަމަކަށް ނުވާތީ އެ މުވައްޒަފުން ވަކިކުރީ ކަމަށާއި އެ ޕްލާންޓުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދަން ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.
ފެނަކަ އިން ބުނީ އެ ކުންފުނީގެ ޓެކްނިކަލް ޓީމެއް ހޯރަފުއްޓަށް ގޮސް، އެ މަޝްރޫއުގެ މަސައްކަތް އަލުން ފެށުމަށް ކުރަން ޖެހޭ ކަންކަން ބެލުމަށް ފަހު، އަންނަ މަހު މަސައްކަތް ފަށާނެ ކަމަށެވެ. އަދި ޕްލާންޓުގެ މަސައްކަތް ނިމުނުހާ އަވަހަކަށް އެ ތަން ހިންގުމަށް ބޭނުންވާ މުވައްޒަފުން ނެގުމަށް އިއުލާންކުރާނެ ކަމަށްވެސް ފެނަކައިން ބުންޏެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ހޯރަފުށީ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާނުލާ: ފެނަކަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ