މީޑިއާ ކައުންސިލް ބައި-އިލެކްޝަނުގެ ވޯޓުލުން މި މަހު 21 ގައި ބާއްވަނީ މީޑިއާ ކައުންސިލް ބައި-އިލެކްޝަނުގެ ވޯޓުލުން މި މަހު 21 ގައި ބާއްވަނީ

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ހުސްވެފައިވާ ތިން މަގާމަށް މެންބަރުން އައްޔަނުކުރުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން މި މަހުގެ 21 ގައި ބާއްވަން ޔޫތު މިނިސްޓްރީން ނިންމައިފި އެވެ.
މީޑިއާ ކައުންސިލުގައި މީޑިއާތައް ތަމްސީލު ކުރާ ދެ މެންބަރުންނާއި އާންމުން ތަމްސީލު ކުރާ މެންބަރަކު އައްޔަނު ކުރުމަށް ބާއްވާ އިންތިހާބު ބާއްވަން ތާވަލު ކޮށްފައި އޮތީ މިދިޔަ މަހުގެ 30، ގަ އެވެ. ނަމަވެސް އޭގެ 10 ދުވަސް ކުރިން މިނިސްޓްރީން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަލުން ހުޅުވާލި އެވެ.
މިއަދު ގެޒެޓުކުރި އިއުލާނުގައި މިނިސްޓްރީން ބުނީ ވޯޓުލުން ކުރިއަށް ދަނީ ޖޫން 21، ގެ ހެދުނު 10:00 އިން 11:00 އަށް ސޯޝަލް ސެންޓަރުގެ ޖިމްނޭޒިއަމް ރޫމްގައި ކަމަށެވެ.
މި އިންތިހާބުގައި ހޮވާ މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންގެ މަގާމަށް ތިން މީހަކު ވާދަކުރާއިރު، އާންމުން ތަމްސީލުކުރާ މެންބަރުކަމަށް ހަ މީހަކު ވާދަކުރެ އެވެ.
ކުރިން އެ މަގާމުތަކަށް ކުރިމަތިލާފައި ތިބި މީހުން އަލުން ފޯމު ހުށަހަޅަން ނުޖެހޭ ގޮތަށް މެއި 10، ގައި މީޑިއާ ކައުންސިލުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ޔޫތު މިނިސްޓްރީން އަލުން ހުޅުވާލީ އެ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓު ވެސް އާންމު ކުރުމަށްފަހު އެވެ.
އެންމެފަހުން މިދިޔަ އަހަރު ބޭއްވި މީޑިއާ ކައުންސިލުގެ އިންތިހާބަށް ވެސް ކުޑަތަންވެފައި އޮއްވައި ޔޫތު މިނިސްޓްރީން ވަނީ ވޯޓާސް ލިސްޓަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެކަމާ ގުޅިގެން އޭރު ވެސް ބައެއް ނޫސްތަކުން ކަންބޮޑުވުން ފާޅު ކުރި އެވެ. ނަމަވެސް އިންތިހާބު ކުރިއަށް ގެންދިޔައީ އެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ