ބޮޑީބޯޑިން ޖޫނިއާ ޓީމުގެ އެތުލީޓުންނަށް ސީނިއާ ގައުމީ ޓީމަށް އެރުމަށް ފަހި ފުރުސަތެއް ބޮޑީބޯޑިން ޖޫނިއާ ޓީމުގެ އެތުލީޓުންނަށް ސީނިއާ ގައުމީ ޓީމަށް އެރުމަށް ފަހި ފުރުސަތެއް

ބޮޑީބޯޑިން ޖޫނިއާ ގައުމީ ޓީމުގައި ހިމެނޭ އެތުލީޓުންނަށް ސީނިއާ ގައުމީ ޓީމަށް އެެރޭނެހެން ބޮޑީބޯޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީބީއޭ) އިން ގަވައިދަށް އިސްލާހު ގެނެސްފި އެވެ.
އެމްބީބީއޭ އިން އެ އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާ ރޭ ބޭއްވިއިރު، މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓްވެސް ވަނީ ފާސްކޮށްފަ އެވެ. އެ ގޮތުން، އެމްބީބީއޭ އިން ވަނީ މި އަހަރަށް 6.4 މިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފަ އެވެ.
އެ އެސޯސިއޭޝަނުން މި އަހަރަށް ގެނައި އެންމެ ބޮޑު ބަދަލަކީ ޖޫނިއާ ޓީމުގެ އެތުލީޓުންނަށް ސީނިއާ ޓީމުގައި ސްކޮޑަށް އެރުމުގެ ފުރުސަތު ހުޅުވާލުމެވެ.
އެމްބީބީއޭގެ ސެކެޓްރީ ޖެނެރަލް ހަސަން ރަޝީދު (ރަޝް) "އަދަދު ސްޕޯޓްސް" އަށް ވިދާޅުވީ، މި ގޮތަށް ގަވައިދަށް ބަދަލު ގެނައީ، ޒުވާން ކުޅުންތެރިން މިހާރު ރަނގަޅަށް ޕާފޯމް ކުރަމުން އަންނާތީއާ އެކު ކުރިއަށް އޮތް ތަނުގައި ޒުވާން ކުޅުންތެރިންނަށް ސީނިއާ ސްކޮޑުން ޖާގަ ދިނުމުގެ ބޭނުމުގައި ކަމަށެވެ.
"މިހާރު އެބަފެނޭ ޒުވާން އެތުލީޓުން ރަނގަޅަށް ޕާފޯމް ކުރަމުން އަންނަ މަންޒަރު. މިދިޔަ އަހަރު ވެސް ރޭންކިންގައި ޒުވާން އެތުލީޓުން ބޮޑު ކުރިއެރުމެއް ހޯދި. މި ގޮތައް ގަވާއިދަށް ބަދަލު ގެނައީމަ އެ އެތުލީޓުންނަށް އެބަލިބޭ ސީނިއާ ސްކޮޑަށް އެރުމުގެ ފުރުސަތު" ރަޝް ވިދާޅުވި އެވެ.
އެމްބީބީއޭ އިން ވަނީ މި އަހަރު ވެސް އެ އެސޯސިއޭޝަންގެ ކަލަންޑަރުގައި ގިނަ މުބާރާތްތަކެއް ހިމަނާފައިވެ އެވެ. އެކަމަކު، މި އަހަރުގެ ކަލަންޑަރުގައި ކުރިން ހިމެނި މޯލްޑިވްސް ޕްރޯ ބޮޑީބޯޑިން މުބާރާތް ވަނީ ކަލަންޑަރުން ނަގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ