ގްރޭޓާ މާލޭ ޕަވާ ބެކަޕްގެ ގޮތުގައި ތަރައްގީ ކުރި އިންޖީނުގެ ނިންމައި ހިދުމަތް ފަށައިފި

މި އަހަރުގެ ޕީކް ހޭންޑްލިންގްއަށާއި ގްރޭޓާ މާލޭ ޕަވާ ބެކަޕްގެ ގޮތުގައި ކުރު މުއްދަތެއްގެ ތެރޭގައި ތަރައްގީ ކުރި ސްޓެލްކޯ ހުޅުމާލެ އެނެކްސް-2 އިންޖީނުގެ ހުޅުވައިފި އެވެ.ހުޅުމާލެ 2 ގައި ރޭ، އެނެކްސް- 2 ހުޅުވައިދެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން ފަހުމީ އެވެ.ބެކަޕް އިންޖީނުގެ 48،000 އަކަފޫޓުގެ ބިމެއްގައި ހަދައި ހުޅުވާފައި ވަނީ ސްޓެލްކޯ މުވައްޒަފުން ނުވަ ދުވަސް ތެރޭގަ އެވެ.މި ރަސްމިއްޔާތުގައި ހުސައިން ފަހުމީ ވިދާޅުވީ ދިވެހި ރައްޔިތުންނަށް ހިދުމަތް ދިނުމުގެ މަތިވެރި ރޫހާއެކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސްޓެލްކޯގެ މުވައްޒަފުން މި ނިންމާލީ ގައުމީ ބޮޑު މަސައްކަތެއް ކަމަށެވެ.އެގޮތުން 48،000 އަކަފޫޓޫގެ ބިމެއް ސާފުކޮށް، 200 އެއްހާ ޓަނުގެ ކުނި އެތަނުން ނަގައި، އެ ބިން އެއްވަރުކޮށް، ހުޅުމާލޭގެ އެނެކްސް 1 އިންޖީނުގެއިން ކާނުތަކެއް އެ ބިމާ ހަމަޔަށް ތައްޔާރުކޮށްފައިވާ ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި އެ ކާނުތައް މެދުވެރިކޮށް ފިއުލް ލައިން އެޅުމާއި، ހުޅުމާލޭ މައި އިންޖީނުގެއާ ހަމަޔަށް އެ އިންޖީނުތަކުގެ ކޭބަލްތައް ގެންގޮސް، ގްރިޑާ ގުޅައިލުމުގެ ބުރަ މަސައްކަތްކޮށް ނިންމުމަށް ހޭދަވީ އެންމެ ނުވަ ދުވަސް ކަމަށް ފަހުމީ ވިދާޅުވިއެވެ.ފަހުމީ ވިދާޅުވީ އެ މަސައްކަތް ފެށި ހިސާބުން، އިންޖީނުތައް ގެނައުމާއި، އެ ހުރިހާ މަސައްކަތެއް ކުރިއަށްދިޔަ ގޮތް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ގާތުން ބެއްލެވިކަމަށެވެ. އަދި އެމަނިކުފާނުގެ އެ މަސައްކަތުގައި ދިމާވެދާނެ ހުރަސްތައް ބައްލަވައި، އެ ހުރަސްތައް ނައްތާލުމަށް ކުރެވިދާނެ ކަންކަމާ މެދު ލަފަޔާއި އިރުޝާދު ދެއްވަމުން ގެންދެވި ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ. ހަމައެއާއެކު އިންޖީނުގޭގެ ބިން ހޯދުމަށް ބޭއްވި ބައެއް ބައްދަލުވުންތަކުގައި ރައީސް ބައިވެރިވެވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވިއެވެ."ރޯދަ މަހުގައި އަތްވާއި ވާރެއަށް ބެލުމެއްނެތި، އަދި އެއްވެސް ފަސްޖެހުމެއްނެތި ސްޓެލްކޯގެ މުވައްޒަފުން މަސައްކަތްކޮށްފައި ވަނީ ރައްޔިތުންގެ ހައްގުގައި. އެކަމަށް ޓަކައި މުވައްޒަފުންނަށް ވެސް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން،" ފަހުމީ ވިދާޅުވިއެވެ.ސްޓެލްކޯއިން ހުޅުމާލޭގައި ގާއިމުކުރި އެނެކްސް 2 އިންޖީނުގޭގައި 1.6 މެގަވޮޓްގެ 12 ޖަނަރޭޓަރު ސެޓު ބެހެއްޓުމަށް ވަނީ ނިންމައިފަ އެވެ. އޭ ގެތެރެއިން ހަތް ޖަނަރޭޓަރު ސެޓު މިހާރު ކޮމިޝަންކޮށް ބޭނުން ކުރަން ފަށާފައި ވާއިރު، ބާކީ އަނެއް ފަސް ޖަނަރޭޓަރު ސެޓު ރޯދަ މަހުގެ ތެރޭގައި ގެނެސް ރޯދަ ނިމުމުގެ ކުރިން ކޮމިޝަންކޮށް ނިންމުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.ފަހުމީ ވަނީ އެ އިންޖީނުގޭގެ މަސައްކަތް ފެށި ހިސާބުން، އިންޖީނުތައް ގެނައުމާ ހަމައަށް މަސައްކަތް ކުރިއަށް ދިޔަ ގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވަމުން ގެންދެވިކަން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.ސްޓެލްކޯއިން ބުނި ގޮތުގައި އެތަނުން މި ވަގުތު ހަތް ޖަނަރޭޓަރުސެޓް ވަނީ ކޮމިޝަން ކުރެވިފަ އެވެ. އަދި އިތުރު ފަސް ޖަނަރޭޓަރު ސެޓް ގެނެވި މި ރޯދަމަސް ނިމުމުގެ ކުރިން ކޮމިޝަންކޮށް ނިންމުމަށް ހަމަޖެހިފައިވާ ކަމަށާއި އެއާއެކު ހުޅުމާލެ އިންޖީނުގެ އެނެކްސް–2 ގެ އިންސްޓޯލްޑް ކެޕޭސިޓީ 19.2 މެގަވޮޓަށް އަރާނެ ކަމަށް ސްޓެލްކޯ އިން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ