ގެއްލުނު އިންޑިއާ މީހާ ހޯދުން ހުއްޓާލައިފި، ފުލުހުން ބުނީ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް
އިފުރު އައިލެންޑް ރިޒޯޓުގައި މަސައްކަތް ކުރަމުންދިޔަ އިންޑިއާ މީހަކު މޫދަށް ގެއްލުނު ހާދިސާގައި އޭނާ ހޯދުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމުން އެ މަސައްކަތް ހުއްޓާލާފައިވާ ކަމަށާއި، މި ދަނޑިވަޅުގައި އާއިލާއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ފުލުހުން ބުނެފިއެވެ. އިފުރު މޯލްޑިވްސްގައި މަސައްކަތްކުރަމުން ދިޔަ 26 އަހަރުގެ އިންޑިއާ މީހަކު މޫދަށް ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސާޗް އެންޑް ރެސްކިއު އުލިމަގު ޕޯސްޓަށް ލިބުނު ކަމަށް ބުނެފައިވަނީ މިދިޔަ ޖެނުއަރީ 27ގައެވެ. ގެއްލިފައިވަނީ އެ ރިޒޯޓުގައި ޝެފެއްގެ ވަޒީފާ އަދާކުރަމުންދިޔަ އަފްތާބް ޚާނެވެ. މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައިވަނީ އޭނާ ގެއްލިގެން ރިޕޯޓު ކުރުމާއެކު ކަނޑުމަގުންނާއި ވައިގެ މަގުން އޭނާ ހޯދުމުގެ މަސައްކަތް ކުރިނަމަވެސް، އެ މަސައްކަތް ނާކާމިޔާބުވުން ފެބްރުއަރީ އެއްވަނަ ދުވަހު ދުވަހު އެ ސާޗް އޮޕަރޭޝަން ނިންމާލާފައިވާ ކަމަށެވެ. ފުލުހުން ބަޔާން ނެރުނީ އަފްތާބުގެ އާއިލާއިން އޭނާ ހޯދުމުގެ މަސައްކަތް ކޮށްދިނުމަށް އެދި ކަމާބެހޭ ފަރާތްތަކުގައި އެދުމަށް ފަހު، އެ ކަމުގައި އިންޑިއާގެ އެހީތެރިކަން ހޯދުމަށް ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހެޅުމަށް ވެސް ނިންމާފައިވަނިކޮށެވެ. https://sun.mv/202122 ފުލުހުން ބުނީ އަފްތާބް ގެއްލިގެން ރިޕޯޓު ކުރުމާއެކު ވަގުތުން އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފާއެކު ފުލުހުން ފެށި ކަމަށެވެ. އަދި ކަނޑުގެ މަގުން އިފުރާއި މާނެންފުއްޓާއި ލުނބޯކަންދޫއާ އަރިޔަދޫ ވަށައިގެން ބެލި ކަމަށެވެ. އެ ސަރަހައްދާ ކައިރި ގޮނޑުދޮށްތަކުގެ އިތުރުން ޑައިވަރުން މެދުވެރިކޮށް ވެސް އޭނާ ހޯދުމުގެ މަސައްކަތް ކުރި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ މި ދަނޑިވަޅުގައި އާއިލާގެ ހިތްދަތިކަން އިހުސާސްކުރެވޭ ކަމަށާއި، ފުލުހުންގެ ފަރާތުން އެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދީ، ގާތުން މައުލޫމާތު ހިއްސާކުރަމުންދާނެ ކަމަށެވެ. މި ބަޔާނުގައި ފުލުހުންވަނީ މޫދު ހަރަކާތްތަކުގައި ސަލާމަތީ ފިޔަވަޅުތައް އެޅުމަށް އެދިފައެވެ. އަދި މި ދަނޑިވަޅުގައި އާއިލާއަށް ނުތަނަސްކަން ލިބޭ ގޮތަށް ސައްހަކަން ކަށަވަރުނުކޮށް މައުލޫމާތު ނުފެތުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ. "ޓައިމްސް އޮފް އިންޑިއާ"އަށް އަފްތާބުގެ އާއިލާއިން މައުލޫމާތު ދީފައިވާ ގޮތުގައި އަންނަ ނޮވެންބަރަށް އޮތީ އޭނާގެ ކައިނެވި ވެސް ހަމަޖައްސައިފައެވެ. އެއާއެކު އޭނާގެ އާއިލާއިން ބުނެފައިވަނީ އަފްތާބް މަރުވެފައިވާ ކަމަށް އެއްވެސް ހެއްކަކާ ނުލައި ގަބޫލުކުރަން ދެކޮޅު ހަދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ