ގައިދީންގެ ފުޓްބޯޅަ މުބާރާތް ނިންމާލީ ވަޒީރުން ބައިވެރިވި މެޗަކުން
ގައިދީންނަށް ޚާއްސަކޮށް މާފުށީ ޖަލުގައި ބޭއްވި ފުޓުބޯޅަ މުބާރާތުގައި ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންފިއެވެ. ކަރެކްޝަންސް އިން ބުނީ، މިއީ ގައިދީން ދުޅަހެޔޮ ސިއްޙަތެއްގައި ބޭތިއްބުމަށާއި ކުޅިވަރުގެ ތެރެއިން ގައިދީން ރިހެބިލިޓޭޓްކުރުމަށް ރާވައިގެން ހިންގާ ޕޮރޮގްރާމްތަކުގެ ތެރެއިން ބޭއްވި މުބާރާތެއް ކަމަށެވެ. އެ މުބާރާތުގައި، ވަޒީރުން މެޗު ކުޅުނީ ފައިނަލް މެޗަށް ފަހު ހޮވި ފެއާ ޕްލޭ ޓީމަކާއެކުގައެވެ. އެ މެޗުގައި ބައިވެރިވެވަޑައިގަތް ވަޒީރުންނާއި ސަރުކާރުގެ ބޭފުޅުންނަކީ: އެޓާނީ ޖެނެރަލް އަޙުމަދު އުޝާމް ހޯމް މިނިސްޓަރު އަލީ އިހުސާން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަބްދުﷲ ފަޔާޒް ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒް އަޙްމަދު ޢަލީ ޙަބީބް ކަރެކްޝަންސްއިން ބުނީ، މިއީ ގައިދީންނަށް ޚާއްސަ މުބާރާތެއްގައި ވަޒީރުންތަކެއް ބައިވެރިވެވަޑައިގަތް ފުރަތަމަ ފަހަރު ކަމަށެވެ. އެ މުބާރާތުގެ ވަނަތަކަށް ހޮވުނު ޓީމްތަކާއި ކުޅުންތެރިންނަށް ގިނަ އިނާމުތަކެއް ދީފައިވެއެވެ. އަދި މުބާރާތް ނިންމާލަމުން ގައިދީންނާއެކު ވަރަށް އެކުވެރި މާހައުލެއް ގާއިމްކޮށް ވަޒީރުންނާއި ކަރެކްޝަނަސްގެ އިސްވެރިން ވަގުތު ހޭދަކޮށްފައިވާ ކަމަށް އެ ޚިދުމަތުން ބުންޏެވެ. މިދިޔަ މަހުގެ 17ގައި ފެށި އެ މުބާރަތާ ގުޅޭ ގޮތުން ގަައިދީން ހާމަކުރި ޝުއޫރުތަކުގެ ތެރޭގައި، އެފަދަ މުބާރާތެއްގައި ބައިވެރިވާން ފުރުސަތު ލިބުމުން ހިތްހަމަޖެހޭކަން ހިމެނޭ ކަމަށް ކަރެކްޝަންސްއިން ބުންޏެވެ. އަދި އެފަދަ ކަންކަން އިތުރަށް ފުޅާކުރުމަށް އެދި، އެފަދަ ޕޮރޮގްރާމްތަކުން އެމީހުން ރަނގަޅުވުމުގެ އުންމީދު އާލާވެ، ހިތްވަރު ލިބޭކަން ގައިދީން ފާހަގަކުރި ކަމަށް ކަރެކްޝަންސްއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ