ވަކިކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ނުދޭން ސަރުކާރުން ހައިކޯޓަށް ހުށަހެޅިކަމެއް ނޭނގޭ: ރައީސް

ޚަރަދު ކުޑަކުރަން ސަރުކާރުން ވަކިކުރި ކަމަށް ރައީސް އޮފީހުން އިއުލާނުކުރި 228 ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން ބަންޑާރަނައިބުގެ އޮފީހުން ކުރިން ނިންމި ނަމަވެސް، ހަމަ އެ މައުލޫމާތު ނުދޭން އަނެއްކާ ވެސް ދައުލަތުން ހައިކޯޓަށް މައްސަލަ ހުށަހެޅި ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ދައުލަތުން ވަނީ ވަކިކުރި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އިއުލާނުކުރެއްވި 228 ސިޔާސީ މުވައްޒަފުންގެ ނަމާއި، ވަކިކުރި ތާރީޚާއި ވަޒީފާ އަދާކުރަމުން އައި ވުޒާރާގެ މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގެވި އެންގުން ބާތިލުކުރަން އެދި ހައިކޯޓަށް މައްސަލަ ހުށަހަޅާފައެވެ. ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހޯދަން ފުރަތަމަ ހުށަހެޅީ އަފްރާހް އިސްމާއިލެވެ. އެކަމަކު، އެ މައުލޫމާތު ނުދޭން ހައިކޯޓަށް ހުށަހެޅުމުން ފާޑުކިޔުން އަމާޒުވުމުން ބަންޑާރަނައިބު އަހުމަދު އުޝާމް ވަނީ އެ މައުލޫމާތު ދޭނެ ކަމަށް ވިދާޅުވެ، އިސްތިއުނާފު އަނބުރާ ގެންދަަވައިފައެވެ. ''ސަން"ގެ ނޫސްވެރިއަކު ވެސް ވަނީ އޭރު ސަރުކާރުން ވަކިކުރި މުވައްޒަފުންގެ ތަފުސީލުތައް ހޯދަން އެދި ހުށަހަޅާފައެވެ. އޭގެ ތެރެއިން އެޑްރެސްއަކީ ޒާތީ މައުލޫމާތެއް ކަމަށް ބަލާފައި، ވަކިކުރި މުވައްޒަފުންގެ ނަމާއި ވަކިކުރި ތާރީޚާއި ވަޒީފާ އަދާކުރަމުން އައި ވުޒާރާތަކުގެ މައުލޫމާތު ދޭން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ އަންގައިފައެވެ. ރައީސް މުއިއްޒު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ: ވަކިކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ނުދޭން ސަރުކާރުން ހައިކޯޓަށް ހުށަހެޅިކަމެއް ނޭނގޭ ކަމަށް ރައީސް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް އެހެންވެ، އެ މައުލޫމާތު ފަސް ދުވަހުގެ ތެރޭގައި ހާމަކުރަން ޖެނުއަރީ 23 ވަނަ ދުވަހު އިންފޮމޭޝަން ކޮމިޝަނަރު އެންގެވިއެވެ. އެކަމަކު، އެ މައުލޫމާތު ހާމަނުކޮށް، ރައީސް އޮފީހުން ވަނީ ހައިކޯޓަށް މައްސަލަ ހުށަހަޅާފައެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނަށް އެކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެ މައުލޫމާތު ސާފުކުރައްވާނެ ކަމަށާއި މައުލޫމާތު ނުދީ އޮވެގެން ވެސް ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "އަޅުގަނޑަށް ނޭނގޭ ކަމެއްތީ. އަޅުގަނޑު ބަލައިލާނަން. މައުލޫމާތު ހިއްސާނުކޮށް އޮވެގެން ނުވާނެ އިނގޭތޯ،" ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެ މައްސަލަ ބެލުމަށްފަހު ލިޔުމުން ޖަވާބުދެއްވާނެ ކަމަށެވެ. މީގެ ކުރިން މި މައުލޫމާތު ހާމަކުރާނެކަމަށް ބަންޑާރަނައިބު އުޝާމް ވިދާޅުވިއެވެ. ރައީސް ވެސް އެކި ދުވަސްމަތިން ވަނީ މައުލޫމާތު ވީހާ ވެސް ފުޅާކޮށް ހާމަކުރުމަކީ އެ މަނިކުފާނުގެ ސިޔާސަތު ކަމަށާއި އެ މަނިކުފާނުގެ ވެރިކަމެއްގައި ސިއްރުކުރަން ޖެހޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ. https://sun.mv/203472 އެކަމަކު، އޭރު ވެސް ހާމަކުރާނެ ކަމަށް ވިދާޅުވެފައި ވަކިކުރި މުވައްޒަފުންގެ މައުލޫމާތު ހާމައެއް ނުކުރައްވައެވެ. ޖުމުލަ 228 ސިޔާސީ މުވައްޒަފުން ވަކިކުރައްވާނެކަމަށް ރައީސް އިއުލާނުކުރެއްވިއެވެ. އެކަމަކު، އެއަށްވުރެ ވެސް އިތުރަށް 248 މުވައްޒަފުން ވަކިކުރި ކަމަށް ހީނާ އިއުލާނުކުރެއްވިއެވެ. އެ މުވައްޒަފުން ވަކިކުރީ މާލީ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން ކަމަށް ސަރުކާރުން އޭރު ބުންޏެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރުން ޖުމުލަ ސަރުކާރުގައި ތިއްބެވި ސިޔާސީ މުވައްޒަފުންގެ އަދަދެއް ވެސް ހާމަކޮށްފައެއް ނުވެއެވެ. ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރުނުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ނަމަވެސް އިދިކޮޅު ތުހުމަތުކުރާ ގޮތުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 2،000އަށް ވުރެ އިތުރުވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ