ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް (މޯލްޑިވްސް ނެޝަނަލް ސަރވިސް)ގެ މުދައްރިބުންނާ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް އިސްކަންދީގެން ހިންގުމަށް ހަމަޖެހިފައިވާ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.
މި ޕްރޮގްރާމް ހިންގުމުގައި ހަރަކާތްތެރިވާ މުދައްރިބުންނާ ބައްދަލުކުރެއްވުމަށް މިއަދު ހެނދުނު ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، މި ޕްރޮގްރާމަކީ ޤައުމަށް ވަރަށް މުހިންމު މަޝްރޫޢުއެއް ކަމަށާއި، އަދި، މި މަޝްރޫޢުއަކީ ދިވެހި ޒުވާނުން، ގައުމަށް ފައިދާހުރި، ބޭނުންތެރި ބަޔަކަށް ހެދުމަށް ޓަކައި ހިންގޭ ވަރަށް މުހިންމު ވަޠަނީ މަސައްކަތެއް ކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާގެ ވާހަކަފުޅުގައި، ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ މިފަދަ ގޮތަކަށް މުޅިން އަލަށް ފެށޭ ކަމަކަށް ވާތީ، ކަމުގެ މުހިންމުކަން ދެނެތިބެ ވިސްނުންތެރިކަމާ އެކު ސަމާލުކަން ދީގެން ކުރިއަށްގެންގޮސް ދެއްވުމަށް ސިފައިންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. އަދި މި މަޝްރޫޢު ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސްދެއްވުމުގައި ދިވެހި ސިފައިންނާ މެދު އެމަނިކުފާނުގެ ފުރިހަމަ އިތުބާރު އޮތްކަން ހާމަކުރައްވައި، ދިވެހި ގައުމު ފަޚުރުވެރިވާ ފަދަ ގޮތުގައި މި ޕްރޮގްރާމް ސިފައިން ކުރިއަށްގެންދަވާނެ ކަން އެމަނިކުފާނު ޔަޤީންކުރައްވާ ކަމުގައި ވިދާޅުވިއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ، ޕްރޮގްރާމަށް އެޕްލައިކޮށްފައިވާ ފަރާތްތަކުގެ ބެލެނިވެރިންގެ ވަރަށް ބޮޑު އުންމީދުތަކަކާ ގުޅިފައިވާ ޕްރޮގްރާމެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ވިދާޅުވީ، މި ޕްރޮގްރާމަކީ މަގުމަތީގައި އެއްވެސް ކަހަލަ އުންމީދެއް ނެތިފައި ތިބި ކުދިން، ނުވަތަ ކިޔެވޭނެ ގޮތެއް ނެތިފައި ތިބި ކުދިން ނުވަތަ ވަޒީފާއެއް އަދާކުރުމުގެ ފުރުސަތު ލިބިފައި ނެތްކުދިން ނުވަތަ އަމިއްލައަށް ޚިދުމަތާ ގުޅެން ބޭނުންވާ ކުދިންނަށް ރަނގަޅު ތަރުބަވީ އަޚްލާޤެއް ދަސްކޮށްދީ، ދީނަށް ލޯބިކުރާ އަދި ގައުމު ދެކެ ލޯބިވާ ރަނގަޅު ބަޔަަކަށް ހަދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމުގައެވެ.
ކުރިއަށް އޮތް ހަަތަރު އަހަރު، ކޮންމެ އަހަރަކު 1000 ފަރާތެއް ދިވެހި ވަޠަނީ ޚިދުމަތުގައި ތަމްރީނުކުރުމަށް ޓަކައި ފެށޭ މި ޕްރޮގްރާމްގައި މިއަދުގެ ނިޔަލަށް 891 ކުދިން އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ. އޭގެތެރޭގައި ޕޭރަންޓް ކޮންސަންޓާ އެކީގައި 450 އަށް ވުރެ ގިނަ ކުދިން (16 އަހަރު ފުރި 18 އަހަރު ނުފުރޭ ކުދިން) ވަނީ އެޕްލިކޭޝަން ހުށަހަޅާފައެވެ.
މި ޕްރޮގްރާމަކީ، ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ޤައުމުގައި ބިނާކޮށް، ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާ އެކު ކުރިމަތިލާނެ ރައްޔިތެއް ތަމްރީނުކޮށް، ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުމަށް ހިންގާ ޕްރޮގްރާމެކެވެ. އަދި ނޭޝަނަލް ސަރވިސްގެ ތެރެއިން ސަލާމަތީ ޚިދުމަތްތަކަށް މީހުން ރެކްރޫޓްކުރެވޭނެ މަގުފަހިކޮށްދީ، ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަޚުލާޤާއި ސުލޫކު ރަނގަޅު، އެކަކު އަނެކަކަށް އިޙުތިރާމު ކުރާ، ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ހެދުމަކީ ވެސް މި ޕްރޮގްރާމު ހިންގުމުގެ ބޭނުމެކެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭ ކޮންމެ ދިވެހި ރައްޔިތަކަށް، އެ ޚިދުމަތަށް ގުޅޭ ދުވަހުން ފެށިގެން، އެލަވަންސެއް ދެއްވަމުން ގެންދަވާގޮތަށް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.
މި ރަސްމިއްޔާތުގައި، ދިފާޢީ ވަޒީރު އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫންއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި، ސިފައިންގެ ޖެނެރަލް އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ މުދައްރިބުންނާ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ