ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ވަކިކުރާން މަޖިލީހަށް ވައްދާފައިވާ ބިލާމެދު ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ފާޅުކުރައްވާފައިވާ ކަންބޮޑުވުންތަކާއި އުފައްދަވާފައިވާ ސުވާލުތަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމުމަށް ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.
ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި މި ބިލާމެދު ފިލްޒާ ސުވާލު އުފައްދަވާ ޖުޑީޝަރީ ކޮމިޓީއަށް ލިޔުމެއް ފޮނުއްވެވީ މިރޭ އެވެ. އޭރު ކޮމިޓީން އޮތީ ބިލަށް ބަދަލެއް ނުގެނެސް ފާސްކޮށްފަ އެވެ.
މި ލިޔުމާ ގުޅިގެން މިރޭ ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ކުއްލި ބައްދަލުވުމުގައި ފިލްޒާގެ ސުވާލުތަކާމެދު ތަޅުމުން ގޮތެއް ނިންމަން ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވާ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު އެވެ.
އެ ހުށަހެޅުން ފާސްވީ ޕީއެންސީގެ ހަ މެންބަރުންގެ ވޯޓުންނެވެ. ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ ދެ މެންބަރުން އެ ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވިއިރު ކޮމިޓީން ބިލު ފާސްކުރަންވެސް ވޯޓު ނުދެއްވި ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމު މިރޭ ވެސް ވަކި ކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ. އޭނާ ނިސްބަތްވަނީ ވެރިކަންކުރާ ޕީއެންސީ އަށެވެ.
ޖުޑީޝަރީއަށް ފޮނުއްވި ލިޔުމުގައި ފިލްޒާ ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ އެއްވެސް މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން ނުދަނީސް ގާނޫނު ބަދަލުކޮށްގެން ފަނޑިޔާރުންތަކެއް މަގާމުން ވަކިކުރުމަކީ އިންސާފުވެރި ކަމެއް ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.
ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ފަނޑިޔާރަކު މަގާމުން ވަކިކުރުމުގެ މަރުހަލާ ފެށެނީ އެ ބޭފުޅުއްގެ ސުލޫކީ މައްސަލައެެއް ޖޭއެސްސީއަށް ހުށަހެޅިގެން ނުވަތަ އެފަދަ ޝަކުވާއެއް ނުވަތަ ތުހުމަތެއް ޖޭއެސްސީއަށް ހިސާބަށް އައުމުން ކަމުގައި އެ ކޮމިޝަނުގައި ގާނޫނުގައި ބަޔާންކޮށްފައި އޮތުމެވެ.
މީގެއިތުރުން، އަލަށް ގެނެވޭ އިސްލާހުގެ ދަށުން ގާބިލުކަން ނެތް ކަމަށް ކަނޑައަޅާ ޖޭއެސްސީން ވަކިކުރަނ ނިންމާ ފަނޑިޔާރުންނަށް ފަނޑިޔާރުކަމުގެ ޤާބިލުކަން ނެތްކަމަށް ޖުޑިޝަލް ދައުލަތުން ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒުތައް ދޭން ޖެހޭނެ ކަމަށް ބިލުގައި އޮތް އޮތުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށްވެސް ފިލްޒާ ވިދާޅުވެފައިވެ އެވެ. އެއީ ޝަރަފުވެރިކަމާއެކު ވަކިވާ ފަރާތްތަކަށް ލިބޭ އިނާޔަތްތަކެއް ކަން ގާނޫނުގައި ބުނެފައިވާކަންވެސް އޭނާ ފާހަގަކުރައްވާފައިވެ އެވެ.
މިހާރު މަޖިލީހުގައި އޮތް ބިލުގައި ބުނެފައި ވަނީ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ސަބަބުން ކޯޓުން ވަކި ކުރާނެ ދެ ފަނޑިޔާރުން ކަނޑައަޅަންޖެހޭނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަމަށެވެ. ގާނޫނަށް އަމަލު ކުރަންފަށާތާ ފަސް ދުވަހުގެ ތެރޭގައި ވަކި ކުރާނެ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހެ އެވެ.
ބިލުގައިވާ ގޮތުން، ސުޕްރީމް ކޯޓުން ވަކި ކުރާ ދެ ފަނޑިޔާރުން ކަނޑައެޅުމަށްޓަކައި، އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުން އެފަދަ މަސައްކަތް ކުރަން ދީފައިވާ މުއްދަތުތަކަށް ޖޭއެސްސީން ބަލާކަށް ނުޖެހެނޭ އެވެ.
ފިލްޒާގެ ކަންބޮޑުވުންތަކާމެދު ތަޅުމުން ގޮތެއް ނިންމަން ކޮމިޓީން ފާސްކޮށްފި ފިލްޒާގެ ކަންބޮޑުވުންތަކާމެދު ތަޅުމުން ގޮތެއް ނިންމަން ކޮމިޓީން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ