ރަމަޟާން މަހަށް ފަށަންވީވެސް ދުނިޔޭގެ ކަންކޮޅުތަކުގައި ޙާލުގައި ޖެހިފައިތިބި މީހުންނަށް އެހީތެރިވެ ދިނުމުގެ ޢަޒުމުގައެވެ!

ބަރަކާތްތެރިކަމުން ފުރިގެންވާ ރަމަޟާން މަހެއް އަނެއްކާވެސް ބައްދަލުކުރީއެވެ. ރަމަޟާން މަހުގެ ބަރަކާތް ޙާޞިލުކުރުމުގެ މަސައްކަތް ފަށައިގަންނަންވީވެސް ދުނިޔޭގެ ކަންކޮޅުތަކުގައި ޙާލުގައި ޖެހިފައިތިބި މީހުންނަށް އެހީތެރިވެ ދިނުމުގެ ޢަޒުމުގައެވެ!  
މިއަހަރުގެ ބަރަކާތްތެރި ރަމަޟާންމަހާއި ކުރިމަތިލާއިރުވެސް އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ދުނިޔޭގެ ކަންކޮޅުގައި އެތައް މިލިއަން މުސްލިމުންނަކަށް ވަރަށް ނިކަމެތި ޙާލުގައި އުޅެންޖެހިފައިވާ ކަމެވެ. ކާނެ އެއްޗެއް ނެތްއިރު ބޯނެ ފެންފޮދެއް ނުލިބިފައިވެސް އެތައް މިލިއަން ބައަކު ތިބިކަމެވެ.  
ސަބަބާއިމެދު އެއްވެސް ސުވާލެއް ކުރުމެއް ނެތެވެ. އޮތީ ވިސްނުމެވެ. ހަމަ ޤައިމުވެސް ﷲ ތަޢާލާ އާއި އެއްވެސް ސުވާލެއް ކުރުމުގެ އެއްވެސް ޙައްޤެއް އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. ދުނިޔޭގައި މީސްތަކުން އުޅެމުންދާ ޙާލަތު އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.  
އަހަރެމެން ޤަބޫލުކުރިޔަސް ނުކުރިޔަސް ބޭއިންޞާފަކުން ﷲ ތަޢާލާ އެއްވެސް ކަމެއް ނުކުރައްވަވާނެއެވެ. އަދި ބައެއް ކަންކަން ކުރިމަތިކުރައްވަވަނީ އެބައަކު ކުށްވެރިވެގެނެއްވެސް ނޫނެވެ. އެހެން މީހުންނަށް ޢިބްރަތަކަށްޓަކައިވެސް ކަންކަން ކުރިމަތިކުރައްވަވަތެވެ. އެފަދަ ކަމެއްގައި މީހަކަށް ގެއްލުމެއް ލިބުނަސް އަދި މަރުވިނަމަވެސް އެމީހަކަށް ޙައްޤުވެގެންވާ ޖަޒާ ދެއްވަވާނެތެވެ. އެމީހަކަށް ޙައްޤުވާ ރަޙްމަތް ﷲ ތަޢާލާ މިންވަރު ކުރައްވަވާނެތެވެ. 
ދުނިޔެ ނިމެން ގާތްވަމުން އަންނައިރު ބިންހެލުންތައް ގިނަވާނެ ކަމާއި ބޮޑެތި ބިންހެލުންތައްވެސް އަންނާނެކަން އަހަރެމެންނަށް އެނގެން އެބައޮތެވެ. މިއަދުގެ ޙާލަތަށް ބަލައިފިނަމަ ކޮންމެވެސް ސަރަޙައްދަކަށް ބިންހެލުމެއް ނުއަންނަ ދުވަހެއް އެބަދޭ ހެއްޔެވެ؟ ދޭތެރެދޭތެރެއިން ބޮޑެތި ބިންހެލުނަތައް ކުރިމަތިކުރައްވަވާ ނޫން ހެއްޔެވެ؟  
ހަމަ އެއާއިއެކު ކޮންމެ މުޞީބާތެއް ކުރިމަތިވުމުންވެސް ޙާޞިލްކުރަންޖެހޭ ޢިބްރަތްތަކެއްވެއެވެ. އެގޮތުން އެންމެ މުހިންމު އެއްކަމަކީ އަހަރެމެންގެ ހިތްތައް މަޑުމޮޅިކުރުވުމެވެ. ކުރިމަތިވާ ކޮންމެ މުޞީބާތަކާއި ގުޅިގެންވެސް މަސައްކަތްކުރަންވީ ހިތްތައް މަޑުމޮޅިކޮށް ޙާލުގައި ޖެހިފައިވާ މީހުންނަށް ރަޙުމްކޮށް އެހީތެރިވުމަށެވެ. ހިތުގައިވާ ތަކައްބުރުކަން ފިލުވައިލުމަށެވެ.  
ވިސްނައިލާށެވެ! ޙާލުގައި ޖެހިފައި އެތިބަ މީހުންނަށް ކުރިމަތިވެފައިވާ ފަދަ ޙާލަތެއް ތިމާއަށް މާދަމާ ކުރިމަތިނުވާނެކަމުގެ އޮތީ ކޮން ޔަޤީންކަމެއް ހެއްޔެވެ؟ ވީމާ އެމީހެއްގެ ކިބައިގައި ތަނަވަސްކަން ހުރި މިންވަރަށްކުން ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވެދޭށެވެ. ތިމާއަށް އެފަދަ ޙާލެއްގައި ޖެހިއްޖެނަމަ އެހީތެރިކަމަށް އެދެވޭނެ މިންވަރު ހިތަށް ގެންނާށެވެ!
 
- މަޢުލޫމާތު: ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ