އަނަނިޔާއަށް ފަހު އެ އާއިލާގެ އިތުރު މެމްބަރެއް ފިލްމު އިންޑަސްޓްރީއަށް

ބޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރު ޗަންކޭ ޕާންޑޭއަށް ބޮޑު ބޭބެ ކިޔާ އަހާން ޕާންޑޭ ފިލްމު އިންޑަސްޓްރީއަށް ތައާރަފްވުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ބަތަލާ އަނަނިޔާ ޕާންޑޭގެ ދެބެއިންގެ ދެދަރި އަހާން ޕާންޑޭ ބޮލީވުޑަށް ތައާރަފް ކުރާނީ މަޝްހޫރު ފިލްމު ކުންފުނި ޔަޝް ރާޖް ފިލްމްސްއިންނެވެ. ވައިއާރްއެފްއިން އެކަން އިއުލާނު ކުރަމުން ނެރުނު އިންސްޓަގްރާމް ޕޯސްޓުގައި ބުނެފައި ވަނީ މުޅީން ތަފާތު ލޯބީގެ ވާހަކައެއް ގެނެސްދޭ ފިލްމު "ސައްޔާރާ"އިން އަހާން ޕާންޑޭ ފިލްމު އިންޑަސްޓްރީއަށް ތަޢާރަފްވާނެ ކަމަށެވެ. ޑައިރެކްޓަރު މޯހިތު ސޫރީގެ "ސައްޔާރާ"އިން އަހާންއާ އެކު ބަތަލާގެ ރޯލްއިން ފެންނާނީ އަނީތު ޕައްޑާއެވެ. އަނީތު ޕައްޑާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ބަތަލާ ކާޖޮލް މުހިއްމު ރޯލް ކުޅުނު ފިލްމު "ސަލާމް ވެންކީ"އިންނެވެ. އަހާން ޕާންޑޭ ޑައިރެކްޓަރު މޯހިތު ސޫރީއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް މި އަހަރުގެ ޖުލައި މަހުގެ 18ވަނަ ދުވަހު ފިލްމު ރިލީޒްކުރާނެކަން އިއުލާނުކޮށްފައިވާއިރު އަހާން ޕާންޑޭ ފިލްމީ ދާއިރާއަށް ތައާރަފް ވާން އުޅޭ ކަމުގެ ވާހަކަތައް ދެކެވެމުން އަންނަތާ ދެ އަހަރު ވެއްޖެއެވެ. މި ފިލްމު ގެނެސްދޭ ޑައިރެކްޓަރު މޯހިތު ސޫރީގެ ކާމިޔާބު ފިލްމުތަކުގެތެރޭ "އާޝިޤީ 2"، "އޭކް ވިލެން"، "މަލަންގް"، "މާޑާ 2" އަދި "އާވާރާޕަން" ހިމެނެއެވެ. އަހާން ވަނީ ފިލްމީ ދާއިރާއަށް ތައާރަފް ވުމުގެ މާކުރިން އެކަމަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ފަށާފައެވެ. މި ތަމްރީނުތައް އަހާން ފަށާފައި ވަނީ ވެސް ވައިއާރްއެފްގެ އެންމެ އިސް ވެރިޔާ ޕްރޮޑިއުސަރު އަދިތިޔަ ޗޯޕްރާ ގާތުންނެވެ. އެގޮތުން ވައިއާރްއެފްއިން ގެނެސްދިން ސީރީސް "ދަ ރެއިލްވޭ މެން"ގައި އަހާން ވަނީ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ