ތްރެޑްސްއަށް މުޅިން އާ ތިން ފީޗާއެއް އިތުރުކޮށްފި

މެޓާގެ ދަށުން ހިންގާ ސޯޝަލް މީޑިއާ ޕްލެޓްފޯމް ތްރެޑްސްއިން އާ ތިން ފީޗާއެއް ތަޢާރަފުކުރިކަމަށް ބުރާސްފަތި ދުވަހު އިޢުލާނުކޮށްފިއެވެ. މި ފީޗާތަކުގެ ތެރޭގައި ޕޯސްޓްތައް ޝެޑިއުލްކުރުމާއި، ވަކިވަކި ޕޯސްޓްތަކުގެ އިންސައިޓްސް ބެލުމާއި، އަދި ރީޕޯސްޓްކުރުމާއި ކޯޓް-ޝެއާކުރުމުގައި އުފެއްދުންތެރި ގޮތެއް އިތުރުކުރުން ހިމެނެއެވެ. މި ތިން ފީޗާގެ ތެރެއިން ފުރަތަމަ ދެ ފީޗާ ވަނީ ފުޅާ ދާއިރާއެއްގައި ތަޢާރަފުކޮށްފައެވެ. ނަމަވެސް މާކްއަޕް ޓޫލް ފުރަތަމަ ތަޢާރަފުކުރާނީ ވަކި ސަރަޙައްދުތަކެއްގައި ކަމަށާއި، އޭގެ ފަހުން މުޅި ދުނިޔެއަށް ފުޅާކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މި ފީޗާތައް ވަނީ ތްރެޑްސްއިން އޮރިޖިނަލް ޕޯސްޓް ކޯޓްނުކޮށް އިމޭޖްތައް ރީޕޯސްޓްކުރުމުގެ ފުރުޞަތު ދިނުމަށްފަހު އެންމެ މަހެއްގެ ތެރޭގައި ތަޢާރަފުކޮށްފައެވެ. ތްރެޑްސްއާއި އިންސްޓަގްރާމްގެ ވެރިޔާ އާދަމް މޮސެރީ ވަނީ މި އާ ފީޗާތަކުގެ މަޢުލޫމާތު ޕޯސްޓެއްގައި ހިއްސާކޮށްފައެވެ. އޭނާ ފާހަގަކުރި ގޮތުގައި މި އާ ފީޗާތަކުގެ މަޤްޞަދަކީ ބޭނުންކުރާ ފަރާތްތަކަށް ޕްލެޓްފޯމްގައި އެ މީހުން ގިނަވަގުތު ބޭތިއްބުމަށް މަގުފަހިކޮށްދިނުމެވެ. ޕޯސްޓް ޝެޑިއުލްކުރުމަކީ ޕްލެޓްފޯމްގައި ގިނަ ބަޔަކު އެދެމުން އައި ފީޗަރެކެވެ. މިހާތަނަށް ޔޫޒަރުންނަށް ވަކި ވަގުތެއްގައި ޕޯސްޓެއް ޝެޑިއުލްކުރުމުގެ ގޮތެއް ނެތެވެ. ނަމަވެސް މިހާރު ތްރެޑްސްއިން މި މައްސަލައަށް ޙައްލެއް ގެނެސްދީފައިވެއެވެ. ޕޯސްޓެއް ޝެޑިއުލްކުރުމުގެ އޮޕްޝަން އިންނަނީ ކޮމްޕޯޒާ ސްކްރީންގެ މަތީ ކަނާތްފަރާތުގައި ހުންނަ ތިން ޑޮޓް މެނޫގައެވެ. މި ފީޗާތަކާއެކު، ބޭނުންކުރާ ފަރާތްތަކަށް މިހާރު ޕޯސްޓް ޝާއިޢުކުރަން ބޭނުންވާ ތާރީޚާއި ގަޑި އަމިއްލައަށް ޚިޔާރުކުރެވޭނެއެވެ. ތްރެޑްސްއަކީ މެޓާ ކުންފުނިން 2023 ވަނަ އަހަރުގެ ޖުލައި މަހު ތަޢާރަފުކުރި އާ ސޯޝަލް މީޑިއާ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމް ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް މަޤްބޫލުވެ، މިލިއަނުން ޔޫޒަރުން އިތުރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ