ދިއްގަރު ދާއިރާގެ ބައި އިލެކްޝަން: ސިޔާސީ ނަގޫރޯޅިއަކަށްވެދާނެ؟!

މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަން އޮންނާނީ އަންނަ ޖޫން 6 ވަނަ ދުވަހު އެވެ. ފޯރިގަދަވާނެ އެވެ؛ ދެ ވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ އެ ދުވަހަކީ ޖޫން 13 ކަމަށް ބަލައިގެނެވެ. އެހެންވެއްޖެ ނަމަވެސް ފޯރިގަދަވާނެ އެވެ.
އެ ގޮނޑީގައި ކުރިން އިންނެވި އަހުމަދު ނާޒިމްގެ މައްސަލަ ސުޕްރީމް ކޯޓުން ނިމުމުގެ މާ ކުރިން ވެސް އެއީ ހުސްވާނެ ގޮނޑިއެއް ކަމަށް ބަލައިގެން އެ ގޮނޑިއަށް ޝައުގުވެރިވެގެން ތިބި ބައެއް ފަރާތްތައް ތިއްބެވެ. އެއިން ބައެއް މޫނު ޕީޕީއެމްގެ ޕްރައިމަރީ ނަން ލިސްޓުން ފާޅުވެސްވެއްޖެ އެވެ.
މިހާރުގެ ސިޔާސީ މާހައުލު އޮތް ގޮތުންނާއި މި އިންތިހާބުގައި ވާދަ ކުރައްވަން ޕީޕީއެމްގެ ޓިކެޓް ހޯދަން އެދިފައިވާ ނަން ލިސްޓްގެ ތެރޭގައި ރައީސް މައުމޫންގެ ދޮށީ ދަރިކަލުން ފާރިޝް މައުމޫން ހިމެނި ވަޑައިގަތުމާއި އެމްޑީޕީ އާއި އަދާލަތާއި ޖޭޕީގެ ތެރެއިން އެއް ކެންޑިޑޭޓަކު ނެރެން ކުރާ މަސައްކަތް އޮތް ގޮތުން މިއީ "ފިސާރި ބައި އިލެކްޝަނަކަށް" ވުމަކީ ވަރަށް ގާތް ކަމެކެވެ. މިކަން ކެންޑިޑޭޓުން ކަނޑައެޅުމުގައި ވެސް ކެމްޕޭނުގައި ވެސް ފެންނާނެ އެވެ. އަދި މި އިންތިހާބު ފާރިޝްގެ ކޮޅަށް ނިމިއްޖެ ނަމަ ރާއްޖޭގެ ސިޔާސީ މައިދާނަށް ވެސް ބޮޑު ބަދަލެއް އައުމަކީ ކައިރި ކަމެކެވެ.
ޕީޕީއެމްގެ ދިއްގަރު ދާއިރާގެ ޕްރައިމަރީގައި ބާއްވަނީ އަންނަ ހުކުރު ދުވަހު އެވެ. ވާދަ ކުރައްވަނީ މ. އަތޮޅު ކައުންސިލްގެ މެންބަރު މޫސާ ނަސީރު އަހުމަދާއި އެ ކައުންސިލްގެ ރައީސް މޫސާ ނަސީރާއި ދިއްގަރު ކައުންސިލްގެ ރައީސް އިމްރާން އިސްމާއީލާއި އެންވަޔަރުމަންޓް މިނިސްޓްރީގެ ނައިބުކަން ކުރައްވާ މުހައްމަދު ހާނިމާއި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި ޕީޕީއެމްގެ މިޑިއާ ކޯޑިނޭޓަރު ކަމުގައި ވެސް ހުންނެވި ފާރިޝް މައުމޫނެވެ.
އެމްޑީޕީއަކީ އިންތިހާބަކަށް ވާދަ ކުރާނަމަ ޕާޓީގެ ޓިކެޓަށް އެދޭ ފަރާތްތަކުގެ މެދުގައި ޕްރައިމަރީ ބާއްވާ ޕާޓީއެކެވެ. އެ ޕާޓީގެ ނިޒާމް ހަމަޖެހިފައި އޮންނަނީ ވެސް އެހެނެވެ. އެކަމަކު އެ ޕާޓީން ދިއްގަރު ދާއިރާގެ ޕްރައިމަރީއެއްގެ ވާހަކައެއް ނުދެއްކި އެވެ. އަދި ޓިކެޓަށް އެދޭ ފަރާތްތައް އެމްޑީޕީގެ ސެކްރެޓޭރިއެޓަށް ހުށަހަޅަން އިއުލާނެއް ވެސް ނުކުރި އެވެ. ޖޭޕީއަކުން ވެސް އަދާލަތަކުން ވެސް އެފަދަ ކަމެއް ނެތެވެ. މުޅީން ވެސް ދެކެވެނީ އިދިކޮޅު އެއް ކެންޑިޑޭޓަކު ނެރޭ ވާހަކަ އެވެ. ބޭރަށް ފާޅު ނުވިޔަސް އެއީ މިހާރު ބޮޑު ޒުވާބަކަށް ވެފައިވާ ކަމެކެވެ.
އެމްޑީޕީއަށް ބަލާއިރު މިދިއަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ތައްޔާރުވަމުން ދިޔަ ދުވަސްވަރު ޕާޓީއަކަށް ވަކި ވަރަކަށް މުހިންމު ހިދުމަތްތައްކޮށްދީފައިވާ އިހުލާސްތެރި ފަރާތްތައް އިންތިހާބެއްގައި ވާދަ ކުރާނަމަ އެފަދަ ބޭފުޅުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދިނުމުގެ ވިސްނުން ގެންގުޅެން އެންމެ ރަނގަޅު ކަމަށް އޭރު އެ ޕާޓީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ހިޔާލެއް ފާޅު ކުރެއްވިއެވެ. ހަމަ ހިޔާލެކެވެ.
ނަމަވެސް އޭރު އެއީ އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ވިދާޅުވީ އެއީ ޑިމޮކްރަސީއާ ބީރައްޓެހި އުސޫލެއް ކަމަށެވެ. އެހެން ނުހެދޭނެ ކަމަށެވެ. މޫސަގެ އެ ހިޔާލާ ދެކޮޅަށް އޭރު އެންމެ ބޮޑަށް ވަކާލާތު ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަރަތް ގާތް ބޭފުޅުންނެވެ. ހާއްސަކޮށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ.
އެހެން އޮތް އިރު ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީން ޕްރައިމަރީއެއް ނުބާއްވަންވީ ކީއްވެގެން ހެއްޔެވެ؟ އަދާލަތާއި ޖޭޕީއާ ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމުގެ ވިސްނުމެއް އެމްޑީޕީގައި ގެންގުޅެންވީ ކީއްވެގެން ހެއްޔެވެ؟ އެމްޑީޕީ އަލުން ތަރުތީބުވުމަށް މަޖިލީހުގެ ގޮނޑިތަކުން އިތުރު އެންމެ ގޮނޑިއެއްވެސް ވަރަށް މުހިންމެވެ. ވީއިރު ސީދާ އެމްޑީޕީގެ ކެންޑިޑޭޓަކަށް ފޯކަސްކޮށް އެވާހަކަތައް ނުދައްކަނީ ކީއްވެގެން ހެއްޔެވެ؟
ސަރުކާރުން ވަކިވި ޖޭޕީއާއެކު އެމްޑީޕީން އެއްބަސްވުމެއް ހަދާފައި އޮވެ އެވެ. އެއީ ގާނޫނު އަސާސީގެ ދިފާއުގައި ކުރަންޖެހޭ މަސައްކަތްތަކެއް އެކުގައި ކުރުމަށް ހެދި އެއްބަސްވުމެވެ. އެ އެގްރިމެންޓްގައި އެމްޑީޕީގެ އެތެރޭގެ ނިޒާމަށް ޖޭޕީން ބެހޭނެ ކަމަށް ބުނާ މާއްދާއެއް ނޯވެއެވެ. އަދި އެމްޑީޕީގެ އިންތިހާބުތަކަށް ގޮތް ކިޔައި ހެދުމުގެ ވާހަކައެއް ވެސް ނޯވެއެވެ. އެހެން ކަމުން މިފަދަ މުހިންމު ބައި އިލެކްޝަނެއްގައި އެމްޑީޕީ ފަދަ ބޮޑު އަދި އިދިކޮޅު ޕާޓީއަކުން ދިއްގަރު ދާއިރާގެ ގޮނޑިއަށް ޝައުގުވެރިވަނީ އެ ޕާޓީގެ ކޮން މެންބަރުންނެއްތޯ ބަލައިވެސް ނުލައި ތިބުމަކީ ހައިރާންވާންޖެހޭ ކަމެކެވެ. ރިޔާސީ ނިޒާމެއްގައި ކޯލީޝަން ހަދައިގެން ކުރާ ކަންކަމަކީ ކާމިޔާބު ކަމެއް ނޫން ކަމަށް އެ ޕާޓީން އަމުދުން ބުނާއިރު އިދިކޮޅުން އެއް ކެންޑިޑޭޓެކޭ މިކިޔަނީ ކީއްވެގެން ކަމެއް ނޭނގެ އެވެ.
އަދާލަތު ޕާޓީން ވެސް އެމްޑީޕީއާކު މަސައްކަތަށް ނުކުތީ ގާނޫނު އަސާސީގެ ދިފާއުގައި މަސައްކަތް ކުރާށެވެ. އެމްޑީޕީގެ އިންތިހާބުތަކަށް އެމީހުންގެ ނިންމުންތައް ވައްދާކަށް ނޫނެވެ. މިކަމާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުން ވެސް ގޮތެއް ނިންމާފައެއް ނެތެވެ.
ދިއްގަރު ދާއިރާގެ ގޮނޑި އަށް، އެމްޑީޕީ އާއި ޖޭޕީ އާއި އަދާލަތުން އެއް ކެންޑިޑޭޓަކު ނެރެން މަޝްވަރާ ކުރަމުން އަންނަ ކަމަށް، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފަ އެވެ.
އަދާލަތު ޕާޓީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ޒާހިރު ވަނީ އެ ގޮނޑީގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. ފަހަރުގައި އާޒިމަކީ ޖޭޕީގެ ފަރާތުން ކޯލިޝަނަށް ދައްކާ ބޭފުޅަކަށް ބޭރުފުށަށް ވެދާނެ އެވެ. އޭނާއަކީ އިދިކޮޅު އެއްކެނޑިޑޭޓަކު ނެރޭނަމަ އެ ޖާގައަށް ބައްލަވައިގެން ހުންނެވި ބޭފުޅެއްކަމަށް ވެސް ބެލެވެއެވެ.
އަނެއްކޮޅު ސުލޫކީ މައްސަލަތަކާ ހުރެ އެލްޖީއޭގެ މެންބަރުކަން ގެއްލުނު ޝުޖާއު ހުސައިން އާއި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް ކަމުން ބޭރު ކުރި، އަލްހާން ފަހުމީ ވެސް ވަނީ ދިއްގަރު ދާއިރާގެ ގޮނޑިއަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ބެލެވޭ ގޮތުގައި އަލްހާނާއި ޝުޖާ އިންތިޒާރު ކުރަނީ އެމްޑީޕީގެ ޕްރައިމަރީއަކަށެވެ. އަލީ ޒާހިރާއި އާޒިމް ބަލަނީ ޖޭޕީއެމްޑީޕީ އަދި އަދާލަތުން ތާއީދު ކުރާ ގޮތަށް ކެންޑިޑޭޓެއް ނެރުމުގެ ވިސްނުމުގައި ތިބި ބޭފުޅުން ހައްދަވައި ދެއްވާ ޖާގައަކަށެވެ.
އިންތިހާބުގެ ކެމްޕޭން އިސްޓާޓް ކުރަންޖެހޭ މި ދަނޑިވަޅުގައި އެމްޑީޕީއަށް އަދި ގޮތެއް ނުނިމިދާއިރު ބޮޑަށް ބެލެވެނީ އެމްޑީޕީގައި ރައީސް ނަޝީދަށް ތާއީދު ކުރާ ގިނަ ބޭފުޅުން ބޭނުންވާ ގޮތަކީ އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ދިއްގަރު ދާއިރާއަށް އާޒިމް ނެރުމެވެ. އެހެން ވާންޖެހެނީ ކޮން ސަބަބަކާ ހުރެ ކަމެއް ތިލައެއް ނުވެވެއެވެ. އެކަމަކު އެމްޑީޕީގައި ރައީސް ނަޝީދަށް ތާއީދު ކުރާ ބޭފުޅުންގެ ތެރެއިން އެމްޑީޕީގައި އެންމެ ބާރުގަދަ ބޭފުޅަކީ އީވާ އަބްދުﷲ އެވެ. އީވާ ކައިވެނި ބައްލަވައިގެން އުޅުއްވަނީ އަހުމަދު ޝާހިދު (ސާބެ) އާއެވެ. އާޒިމް ކައިވެނި ބައްލަވައިގެން އުޅުއްވަނީ ސާބެގެ އާއިލީ ބޭފުޅަކާ އެވެ. މިއީ އެ ސަބަބު ކަމަށް ވަންޏާ މިއޮތީ ތިލަވެފަ އެވެ. އެ ނޫން ކަމަށްވަންޏާ ކޮންމެވެސް އެހެން ކަމެއް އަދި އެބައުޅެ އެވެ.
އިދިކޮޅުން ފެނިދާނެ މޫނުތަކަށް ބަލާއިރު އެމްޑީޕީ ރުހޭނެ ކެނޑިޑޭޓަކީ އާޒިމް ކަމަށް ވުން ވަރަށް ގާތެވެ. ސަބަބަކީ އެމްޑީޕީގެ ތެރޭގައި އީވާގެ ބާރު ގަދަވުމެވެ. ނަޝީދުގެ ގާތް ބޭފުޅުން ބޭނުންފުޅުވާ ގޮތަށް ނޫން ގޮތަކަށް އެ ޕާޓީގައި އެއްވެސް ކަމެއް މިހާރު ޑިޒައިން ކުރެވިފައި ނެތުމެވެ. އަދި އިއްތިހާދުން ނެރޭ ކެންޑިޑޭޓަކަށް އެމްޑީޕީން ޖާގަ ދޭނެ ކަމަށް ޗެއާޕާސަން އަލީ ވަހީދުވެސް ވިދާޅުވެފައި އޮތުމުންނެވެ.
މިހެން ވެއްޖެ ނަމަ އެމްޑީޕީގެ ޗެއާ ޕާސަން އަލީ ވަހީދު ކޮންމެ އެއްޗެކޭ ވިދާޅުވިޔަސް އެއީ ސަރުކާރާ ދެކޮޅަށް އެކުވެފައި އޮތް ތިން ޕާޓީގެ ގުޅުމުގެ ތެރެއަށް ޖަހާ ރާޅަކަށް ވާނެ އެވެ. ދިއްގަރު ދާއިރާގެ ބައި އިލެކްޝަނާ ގުޅޭގޮތުން އިދިކޮޅު ޕާޓީތަކަށް އަމާޒުވެފައިވާ ފާޑުކިޔުންތަކުގެ މިސްރާބު ވަރަށް ބޮޑަށް ބަދަލުވެ އެމްޑީޕީގެ ތެރެއިން އެ ޕާޓީއަަށް އިތުރު ފާޑުކިޔުންތަކާ ކުރިމަތިވާނެ އެވެ.
ދިއްގަރު ދާއިރާ އަށް އިދިކޮޅު ޕާޓީތަކުން ނެރޭނެ ކެންޑިޑޭޓަކު ކަނޑަނޭޅި މިހާރުވެސް ތިން ޕާޓީގެ މެދުގައި ހަމަނުޖެހުން ބޮޑުވެފައިވާ ކަމަށް އަޑުތައް ފެތުރިފައިވާއިރު އެކަންކަމާ ގުޅުވައި އަލީ ވަހީދު ކޮންމެ މަންޒަރެއް ބޭރަށް ދައްކަން މަސައްކަތް ކުރެއްވި ނަމަވެސް މިއީ ބޮޑު ކޯޅުމަކަށް ވެގެންދާނެ ކަމެކެވެ. 
ކެނޑިޑޭޓެއްގެ މައްސަލައިގައި ޖޭޕީ އެމްޑީޕީ އަދި އަދާލަތު އޮތީ ނުތަނަވަސް ކަމެއްގެ ތެރޭގައެވެ. މި މަސައްކަތުގައި އަދާލަތުގެ އަލީ ޒާހިރަށް ފުރުސަތު ގެއްލިއްޖެ ނަމަ އަދާލަތުގެ ތާއީދު އެނބުރިގެންދާނީ އަދި ޖޭޕީގެ ތާއީދުވެސް އެނބުރިގެން ދިއުން ބޮޑަށް ގާތީ ޕީއެމުންގެ ޕްރައިމަރީގައި ވާދަ ކުރައްވާ ފާރިޝް މައުމޫނަށް ކަމަށް ބެލެވެއެވެ. ނަމަވެސް އެއީ ޕީޕީއެމްގެ ޕްރައިމަރީ ފާރިޝްއަށް ކާމިޔާބު ވެއްޖެ ނަމަ އެވެ. ތިން ޕާޓީ ގުޅިގެން ހެދި އިދިކޮޅު ކޯލިޝަނުން އާޒިމް ނެރުނު ނަމަވެސް އެހިސާބުން އެކަން މާ ބޮޑަށް ވައިގައި ހިފައިފާނެ ކަމަކަށް ނުބެލެވެ އެވެ. މިކަން މި ގޮތަށް ވެގެން ދާނީ ރައީސް މައުމޫންގެ ސިޔާސީ ތަޖުރިބާގެ އަލީގައި އެމަނިކުފާނު ކުޅުއްވާ ރޯލުންނެވެ.
ރައްޔިތުންގެ މަޖިލިސް އޮތީ ވެރިކަންކުރާ ޕީޕީއެމް އާއި އެމްޑީއޭގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގަ އެވެ. އަނެއްކޮޅުން ޕީޕީއެމްގައި އެ ޕާޓީގެ ރައީސް މައުމޫނަށް ވުރެ ބާރުގަދަ ކަމަށް ފެންނަނީ ޕާޓީގެ ނައިބު ރައީސް އަދީބާއި ރައީސް އަބްދުﷲ ޔާމީނެވެ. އެ ވާދަވެރިކަން ވަރަށް ބޮޑެވެ. މާ ބޮޑު ތަހުގީގެއް ނުކޮށް ދިއްގަރު ދާއިރާގެ ޕްރައިމަރީއަށް ޕީޕީއެމުން ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ބަލައިލުމުން ވެސް އެނގޭނެ އެވެ.
ޕީޕީއެމްގެ ޕްރައިމަރީގައި ހިމެނޭ މުހައްމަދު ހާނިމް އަކީ ޕީޕީއެމްގެ އެންމެ ބާރުގަދަ އެއް ވިންގް ކޮންޓްރޯލް ކުރައްވާ މެޑަމް ފާތުމަތު އިބްރާހިމްގެ ފޭވަރިޓެކެވެ. އެއީ އަނބުރާ ގެންދާ ގޮތަށް އޮތް ނަމެއް ނޫން ކަމަށް ވަަންޏާ ރައީސް ޔާމީނާއި ޓޫރިޒަމް މިނިސްޓަރު އަދީބުގެ ތާއީދު ދާނެ ކަމަށް ބެލެވެނީ ހާނިމަށެވެ. އެއީ ޕްރައިމަރީގެ ވޯޓް ބައިބައިކޮށްލުމުގެ ބޭނުން ކުރާ "ބޮލެއް" ކަމަށް ވަންޏާ ޔާާމީން ވެސް އަދީބު ވެސް ތާއީދު ކުރައްވާނީ އެ ގޮނޑި އަށް އެންމެ ފުރަތަމަ ޝައުގުވެރިކަން ފާޅުކުރެއްވި މ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަސީރަށް ކަމަށް ބެލެވެއެވެ. ބޭނުމަކީ ފާރިޝްއަށް ޕްރައިމަރީ ކާމިޔާބުވިޔަ ނުދިނުމެވެ.
ފާރިޝް ޕްރައިމަރީ ކާމިޔާބު ކުރައްވައިފި ނަމަ އަދާލަތާއި ޖޭޕީ އާއި އެމްޑީޕީގައި ފާރިޝްއަށް ތާއީދު ހޯދާދައިދޭން ބޭނުންވާ ފިކުރެއްވެސް އުފަންވެފައިވާ ކަމަށް ބުނެވެ އެވެ. އޭގެ ބޭނުމަކީ ރައީސް ޔާމީނާއި އަދީބުގެ ބާރު ޕީޕީއެމްގައި ކުޑަކޮށްލުމެވެ. މަޖިލީހުގެ ތެރެއިން ފާރިޝް ކުރިޔަށް ޖައްސައިދޭނީ ބޭރު ފުށުގެ ނިޔަތެއްގަ އެވެ. މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ނޯކޮންފިޑެންސް ނެގި، ފާރިޝް އެ މަގާމަށް ގެނެވިއްޖެ ނަމަ ރައީސް ޔާމީނަށް ދެވޭ ޕްރެޝަރު ބޮޑު ކުރެވިދާނެ ކަމަށް ބަލައިގެން ފާރިޝް އަށް ތާއީދު ހޯދައި ދިނުމަކީ އިދިކޮޅުން ކޮށްފާނެ ކަމެއް ކަމަށް ބެލެވެއެވެ.
ދިއްގާރު ދާއިރާގެ ޕީޕީއެމް ޕްރައިމަރީގައި ފާރިޝް މޮޅުވެ އެ ގޮނޑިއަށް އޭނާ އިންތިހާބުވުމަކީ ޕީޕީއެމްގެ ތެރެއަށް "ތޫފާނެއް" ލައިގަތުން ކަހަލަ ކަމަކަށް ވެގެންދާނެ އެވެ. މައްސަލަ ހޫނުވާނީ މައުމޫންގެ ވިސްނުންފުޅަށް ރައީސް ޔާމީނާއި އަދީބު ތާއީދު ނުކުރައްވާތީ އެވެ. އަދި މައުމޫންގެ ވިސްނުންފުޅާ ފާރިޝްއަށް ދުރަށް ވަޑައި ނުގެންނެވޭނެތީ އޭގެ ތެރެއިން އަންނަ އެތަކެއް ހިޔާލުތަފާތުވުމުގެ ތެރެއިންނެވެ. މި ގޮތްވެސް ފޯރި ގަދަވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ