ގޯލްޑަން ފުޓްސަލް ޗެލެންޖް: ކުޑަހުވަދޫ އަށް އުންމީދެއް، މުލަކުން ދަރަނބޫދޫ ހުއްޓުވައިފި ގޯލްޑަން ފުޓްސަލް ޗެލެންޖް: ކުޑަހުވަދޫ އަށް އުންމީދެއް، މުލަކުން ދަރަނބޫދޫ ހުއްޓުވައިފި

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން ފަހެއްގައި ކުޑަހުވަދޫ އިން ދިއްގަރުގެ މައްޗަށް ކުރިހޯދައި, ގަދަ 16 ގެ އުންމީދު އާ ކުރިއިރު, ދަރަނބޫދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ފަހު ވަގުތ ލަނޑު ޖަހައި، މުލަކުން ނަތީޖާ ހަމަހަމަކޮށްފި އެވެ.
މި މުބާރާތުގެ ޒޯން ފަހެއްގެ މެޗުތައް ރޭ ކުރިއަށްދިޔައިރު، ކުޑަހުވަދޫ އިން ދިއްގަރުގެ މައްޗަށް ކުރިހޯދީ 2-1 ގެ ނަތީޖާ އަކުންނެވެ. އަދި ދަރަނބޫދޫ އާއި މުލަކުން އެއްވަރުވީ 2-2 އިންނެެވެ.
މި ނަތީޖާތަކާ އެކު ޒޯން ފަހެއްގެ އެއް ވަނައިގައި ދަރަނބޫދޫ އޮތީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ކުޑަހުވަދޫ އަށް ވެސް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވެ އެވެ. ފަހު މެޗުގައި، ބައްދަލުކުރާނީ ދަރަނބޫދޫ އާއި ކުޑަހުވަދޫ އެވެ. ތިންވަނައިގައި މުލަކު އޮތީ ދެ މެޗުން ދެ ޕޮއިންޓް ހޯދައިފަ އެވެ. އެ ޓީމުން ފަހު މެޗުގައި ކުޅޭނީ ދެ މެޗުން ބަލިވެ، ކަޓާފައިވާ ދިއްގަރާ ދެކޮޅަށެވެ.
ރޭގެ މެޗުގެ 12 ވަނަ މިނިޓުގައި ކުޑަހުވަދޫ އަށް ލީޑު ނަގައިދިނީ ކެޕްޓަން ޖުމައިލް ޖަމީލް (ޖުމްބެ) ޖެހި ގޯލުންނެވެ. އަދި ދެ ވަނަ ހާފު ފަށައިގެން 10 ވަނަ މިނުޓުގައި ކުޑަހުވަދޫގެ ލީޑު ފުޅާކޮށްދިނީ މުހައްމަދު އަޔާޒް ޖެހި ގޯލުންނެވެ.
އެކަމަކު އޭގެ ފަސް މިނެޓު ފަހުން ދިއްގަރުގެ ހުސެއިން ފާރިޝް ގޯލް ޖަހައި ފަރަގު ކުޑަކުރި އެވެ.
ރޭގެ މެޗު ފެށިގެން 18 ސިކުންތު ތެރޭގައި، މުއައްލިމް އުމަރު ވަނީ ގޯލު ޖަހައި ދަރަނބޫދޫ އަށް ލީޑު ނަގައިދީފަ އެވެ. އެކަމަކު، އޭގެ ދެ މިނެޓު ފަހުން މުލަކުގެ އާދަމް ޝަހީމް (އާނާ) ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކުރި އެވެ.
ދަރަނބޫދޫ އިން ދެ ވަނަ ފަހަރަށް ލީޑު ނެގީ ދެވަނަ ހާފުގެ 15 ވަނަ މިނެޓުގައި އާލިފް އަލީ ޖެހި ގޯލުންނެވެ. މުލަކުން ނަތީޖާ ހަމަހަމަކުރީ މެޗުގެ ފަހު ވަގުތު ދަރަނބޫދޫގެ ކީޕަރު އަލީ ނަސީރު އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.
ރ. ދުވާފަރު - ށ. މިލަންދޫ: ޒޯން ދޭއް (20:00)
ނ, މިލަދޫ - ރ. އިނގުރައިދޫ: ޒޯން ދޭއް (20:00)
އއ. ތޮއްޑޫ - ވ. ކެޔޮދޫ: ޒޯން ހަތަރެއް (21:00)
އދ. މަހިބަދޫ - އދ. މަންދޫ: ޒޯން ހަތަރެއް (21:00)
ހދ. ނޭކުރެންދޫ - ހއ. ވަށަފަރު: ޒޯން އެކެއް (22:00)
ހދ. ނައިވާދޫ - ހއ. ދިއްދޫ: ޒޯން އެކެއް (22:00)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ