ޓެރަރިޒަމްގެ ކުށުގައި އަމީނަށް ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފި

އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ރާއްޖޭގެ ލީޑަރު ކަމަށް ތުހުމަތުކޮށް، މުހައްމަދު އަމީންގެ ދައުލަތުން އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުން އޮއްވި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.
އަމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 27 އަހަރުގެ ޖަލު ހުކުމެއް އިއްވީ 8 ނޮވެމްބަރު 2023 ގައެވެ. އޭނާ ހުކުމް އިސްތިއުނާފުކުރަން ހުށަހަޅާފައިވަނީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުއެވެ.
އޭނާގެ މައްޗަށް 27 އަހަރުގެ ހުކުމެއް އިއްވާފައި ވަނީ އޭނާގެ މައްޗަށް ކުރި ދެ ދައުވާއެއް ސާބިތުވެގެންނެވެ. އެއީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ. ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށަށް 10 އަހަރު،، އަދި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށަށް 17 އަހަރުގެ ހުކުމެއް އޭނާގެ މައްޗަށް ވަނީ އިއްވާފައެވެ. މި މައްސަލަތަކުގައި ބަންދުގައި ތިން އަހަރާއި 11 މަހާއި ނުވަ ދުވަސް ހޭދަކޮށްފައި ވާތީ، ތަންފީޒުކުރަން ޖެހޭ އަދަބުގެ ގޮތުގައި ކަނޑައަޅާފައިވަނީ 23 އަހަރާއި 11 މަސް ދުވަހެވެ.
އަމީނަކީ 2007 ވަނަ އަހަރު ސަލްޓަންޕާކްގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެންވެސް ފުލުހުން ހޯދަން އުޅުނު މީހެކެވެ. އޭރު އަމީން ހައްޔަރުކުރަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް އޭނާ ހައްޔަރުކުރީ ސްރީލަންކާގައި އުޅެނިކޮށް 2011 ވަނަ އަހަރުއެވެ. އޭގެފަހުން އޭނާ ރާއްޖެ ގެނެސް ދޫކޮށްލާފައި ބެހެއްޓުމަށްފަހު ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރީ 2019ވަނަ އަހަރުއެވެ.
އަމީންއަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ވެސް ހިމަނާފައިވާ މީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ