ޕީޕީއެމްގެ ޕްރައިމަރީ ވީހާވެސް އަވަހަށް ބޭއްވުމަށް މައުމޫން ގޮވާލައްވައިފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އިން ކައުންސިލް އިންތިހާބުގައި ވާދަ ކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ވީހާވެސް އަވަހަކަށް ޕްރައިމަރީ ބޭއްވުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޮވާލައްވައިފި އެވެ. ޕީޕީއެމް ރައީސްގެ އޮފީހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ޕްރައިމަރީ ފަސްކޮށްފައިވާ ކަމަށް ބުނެ އަދި ޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން މިދިޔަ ހުކުރު ދުވަހު ކަނޑައަޅާނެ ކަމަށް ބުނެ ބަޔާނެއް ނެރުމަކީ ޕާޓީގެ ޕްރައިމަރީގައި ވާދަކުރަން ތިބި ގިނަ ކެންޑިޑޭޓުންނާއި އާއްމު މެމްބަރުން ހިތްހަމަ ނުޖެހޭނެ ކަމެއް ކަމަށެވެ. އެ ބަޔާނުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާ ކެންޑިޓޭޓުން ޕްރައިމަރީއަށް ތައްޔާރުވެފައި ތިއްބާ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތީން ޕީޕީއެމްގެ ޕްރައިމަރީ ވީހާވެސް އަވަސް ތާރީހެއްގައި ބޭއްވުމަށް ގޮވާލައްވާފައިވެ އެވެ. ޕީޕީއެމްގެ ކަންކަމުގައި އަބަދުވެސް ބަސް ބުނަމުން ގެންގޮސްފައި ވަނީ އެ ޕާޓީގެ އާއްމު މެމްބަރުން ކަމަށާއި، އެކަން އެހެން އޮއްވައި ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ގިނަ ކަންތައްތަކެއް ކުރަމުން ގެންދިއުމަކީ އެ ޕާޓީގެ އާއްމު މެމްބަރުން ކަންބޮޑުވާ ކަމެއް ކަމަށް ޕީޕީއެމްގެ ރައީސްގެ އޮފީހުން ނެރެފައިވާ އެ ބަޔާނުގައި ބުނެފައިވެ އެވެ. ޕީޕީއެމުން މިދިޔަ ބުރާސްފަތި ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ޕްރައިމަރީ ބޭއްވުމަށް ޕާޓީގެ އެންމެހައި މެމްބަރުން ހިމެނޭ ސައްޙަ ދަފްތަރެއް އޮންނަންޖެހޭ ކަމަށެވެ. ނަމަވެސް ޕާޓީގެ ހިންގުމަށް ބޭނުންވާ މުހިންމުތަކެތި ހޯދުމަށް ކުރި މަސައްކަތުން މިއަދާ ހަމައަށް ވެސް ޕާޓީގެ މެމްބަރުންގެ ދަފްތަރު ލިބިފައިނުވާ ކަމަށާއި އަދި އެކި ގޮތްގޮތުން ލިބުނު މައުލޫމާތުން ވެސް ޕާޓީގެ ދަފްތަރު ފުރިހަމަކުރެވޭ ގޮތް ނުވި ކަމަށް އެ ބަޔާނުގައިވެއެވެ. "އެހެންކަމުން ޕީޕީއެމް އިން އެހެން ގޮތެއް ކަނޑައަޅަންދެން ޕާޓީގެ ޕްރައިމަރީ ވަކި މުއްދަތެއް ނެތްގޮތަށް ފަސްކުރެވިފައިވާ ވާހަކަ އާންމުކޮށް އަންގަމެވެ،" ޕީޕީއެމް އިން މިދިޔަ ބުރާސްފަތި ދުވަހު ނެރެފައިވާ ބަޔާނުގައި ވެއެވެ. މުއްދަތެއް ނެތް ގޮތަށް ޕީޕީއެމްގެ ޕްރައިމަރީ ފާސްކޮށްފައިވާއިރު، އެ ޕާޓީން ވަނީ އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިޚާބު ދެ މަސް ދުވަހަށް ފަސްކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ