2023 ވަނަ އަހަރު ކުރީ ސަރުކާރުން ވަނީ ސިއްހީ ދާއިރާގެ މަޝްރޫއުތައް ހަވާލުކުރުމަށް ދެ ބިލިއަނަށްވުރެ ބޮޑު ހަރަދެއް ކޮށްފައި: ހަލީލް

ނިމިދިޔަ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން މިދިޔަ އަހަރު ވަނީ ސިއްހީ ދާއިރާގެ މަޝްރޫއުތައް ހަވާލުކުރުމަށް ދެ ބިލިއަނަށްވުރެ ބޮޑު ހަރަދެއް ކޮށްފައި ކަމަށް ހެލްތު މިނިސްޓަރ ޑރ އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ހަލީލް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުކުރައްވާ ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްގަނީ އަބްދުލް ހަކީމް ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ. އަބްދުލްގަނީ ސުވާލުކުރައްވާފައިވަނީ ހުއްޓިފައި ހުރި ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލްތަކުގެ މަސައްކަތް ހަރުދަނާކޮށް ކުރިއަށްގެންދިއުމަށް މިނިސްޓްރީން ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭ ގޮތުންނެވެ.
އެ ސުވާލަށް ދެއްވި ޖަވާބުގައި މިނިސްޓަރ ވިދާޅުވީ ކުރީ ސަރުކާރުން މިދިޔަ އަހަރުގެ ތެރޭގައި އާދަޔާ ހިލާފަށް ގިނަ މަޝްރޫއުތަކެއް އެއް ފަހަރާ ހަވާލުކޮށްފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ 2023 ވަނަ އަހަރު ގާތްގަނޑަކަށް ދެ ބިލިއަނަށް ވުރެ ބޮޑު ހަރަދެއް މަޝްރޫއުތައް ހަވާލުކުރުމަށް ކޮށްފައިވާކަމަށާއި އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ 7 ނޮވެމްބަރ 2023 ގައި މި ސަރުކާރު އައި އިރު، ވަރަށް ގިނަ ސަރަހައްދުތަކެއްގައި އަޅަން ފަށާފައިހުރި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ މަސައްކަތް ހުރީ ހުއްޓިފައި ކަމަށެވެ. އޭގެ ތެރެއިން ބައެއް ތަންތަނުގެ މަސައްކަތް ކޮންޓްރެކްޓަރުންނާއި މަޝްވަރާކުރުމަށްފަހު މިހާރު ފެށިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށްޓަކައި ދައުލަތުން މި އަހަރުގެ ބަޖެޓުގެ ގޮތުގައި ހެލްތު މިނިސްޓްރީއަށް ކަނޑައަޅާފައިވަނީ ގާތްގަނޑަކަށް 380 މިލިއަން ރުފިޔާކަމަށެވެ. މިއީ މަޝްރޫއުތަކާ ބަލާއިރު ވަރަށް ކުޑަ ބަޖެޓެއް ކަމަށާއި، މަޝްރޫޢުތައް ހުއްޓެން ދިމާވާ ސަބަބަކީ ކުރީ ސަރުކާރުން މިދިޔަ އަހަރުގެ ތެރޭގައި އާދަޔާ ހިލާފަށް ގިނަ މަޝްރޫއުތަކެއް ހަވާލުކޮށްފައި ހުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މަޝްރޫއުތައް ކުރިއަށްގެންދެވޭނީ ފައިނޭންސްތައް މެނޭޖުކޮށްގެން ކަމަށެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ކަށަވަރުކުރުމަށްޓަކައި މިސަރުކާރުން މަސައްކަތް ކޮށްދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަދައިގެންނެވިއިރު ރާއްޖޭގެ އިގްތިސާދު އޮތީ ވަރަށް ބޮޑަށް ހީނަރުވެފައިކަމަށް އެމަނިކުފާނު އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި އިގްތިސާދު ފުޅާކޮށް ހަރުދަނާކުރުމަށްޓަކައި މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތަފްސީލުތައް އެމަނިކުފާނު އަންނަނީ ބަރާބަރަށް ރައްޔިތުންނާއި ހިއްސާކުރައްވަމުންނެވެ.
އެގޮތުން އަތޮޅުތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ދާދި ފަހުން ކުރެއްވި ދަތުރުފުޅުތަކުގައި އެމަނިކުފާނު ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކޮންގްރެސްގެ މެމްބަރުން އިންތިހާބު ކޮށްދިނުމަށް އެދިވަޑައިގެންފައެވެ. ރައީސް ވިދާޅުވެފައިވަނީ މަޝްރޫއުތައް ފުރިހަމައަށްގެންދެވޭނީ ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ލިބިވަޑައިގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ