ދިވެހި އުފެއްދުންތަކުގެ މަޤުބޫލުކަން އިތުރުކުރުމަށް ޚާއްސަ ސޯޝަލް މީޑިޔާ ކެންޕޭނެއް

ދިވެހި އުފެއްދުންތަކަށް ޢާންމުންގެ މަޤްބޫލުކަން އިތުރުކޮށް ދިވެހި އުފެއްދުންތައް ކުރިއެރުވުމަށްޓަކައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ބީސީސީން "ދިވެހީންނަށް އިސްކަން" މި ނަމުގައި ޚާއްޞަ ސޯޝަލް މީޑިޔާ ކެންޕޭނެއް ފަށައިފިއެވެ.
މި ކެންޕޭނު ފައްޓަވާދެއްވީ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. މި ކެންޕޭން ކުރިއަށް ގެންދަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ބަހައިލައިގެންނެވެ. އަދި ކެންޕޭން ކުރިއަށް ގެންދާނީ އަންނަ މަހުގެ 16ވަނަ ދުވަހާ ހަމައަށެވެ.
ބީސީސީން ބުނީ ކެންޕެއިން ކުރިއަށް ދާނީ އެކަމަށް ޚާއްސަކޮށް ބީސީސީން އުފައްދާފައިވާ ތިމާވެއްޓާ ރައްޓެހި ކޮތަޅެއްގައި ކޮންމެވެސް ދިވެހި އުފެއްދުމެއް ކޮންމެވެސް ފަރާތަކަށް ހަދިޔާކުރާ ގޮތަށް ކަމަށެވެ. އަދި އެ ހަދިޔާ ލިބޭ ފަރާތުން އެ ކޮތަޅުގައި އެހެން ފަރާތަކަށް ދިވެހި އުފެއްދުމެއް ހަދިޔާކުރާ ގޮތަށް ދެމިގެންދާ ގޮތަކަށް ކަމަށް ބީސީސީން މައުލޫމާތުދެއްވިއެވެ. އަދި މިގޮތަށް އުފެއްދުންތައް ގަނެ ހަދިޔާކުރާއިރު އެ ތަން ވީޑިއޯކޮށް ސޯޝަލް މީޑިޔާގައި ބީސީސީއާއި އުފެއްދުމެއް އުފެއްދި ފަރާތް ޓެގްކޮށް ޕޯސްޓުކުރުމުން ކެންޕޭނުގައި ބައިވެރިވެވޭނެކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ކެންޕެއިން ފައްޓަވައިދެއްވުމަށްފަހު އިޤުތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު ދެއްކެވި ވާހަކައިގައި ވިދާޅުވީ ހަދިޔާ ބަދަލުކުރުމުގެ ސަގާފަތެއް ދިވެހިންގެ ތެރޭގައި އަބަދުވެސް އޮންނަ ކަމަށެވެ. އަދި މި ކެންޕޭނުގެ ދަށުން ބަދަލުކުރެވޭ ހަދިޔާއަކީ ދިވެހި އުފެއްދުމަކަށްވުމީ، އުފެއްދުންތެރިންނަށް ލިބޭނެ ބޮޑު ހިތްވަރެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުގެ އުންމީދަކީ އޮފީސް މާޙައުލުތަކުގައްޔާއި ޢާއިލާތަކުގައި ބަދަލުކުރެވޭ ހަދިޔާތަކަކީ ދިވެހި އުފެއްދުންތަކަށްވުން. މިއީ ދިވެހި އުފެއްދުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރަކަށް ވާނީ." ވަޒީރު ވިދާޅުވިއެވެ.
ބީސީސީން ބުނީ ކެންޕޭނުގެ މަޤުސަދަކީ ދިވެހި މަސައްކަތްތެރިން އުފައްދާ އުފެއްދުންތަކުގެ މަޤުބޫލުކަން އިތުރުކޮށް އެފަރާތްތަކުން ކުރާ މަސައްކަތުގެ އަގުވަޒަންކޮށް އެތަކެއްޗަށް އިސްކަންދީ ޢާންމުންގެ ޝައުގުވެރިކަން އިތުރުކުރުން ކަމަށެވެ. ބީސީސީން ބުނާ ގޮތުގައި މި ކެމްޕޭނުގައި ދިވެހި ކޮންމެ އުފެއްދުމެއްވެސް ބޭނުންކުރެވޭނެއެވެ. އެގޮތުން ދިވެހި ކާބޯތަކެތި އުފައްދާ ފަރާތްތަކާއި ފަންނުވެރިންގެ އުފެއްދުންތައް ބޭނުންކުރެވޭނެއެވެ.
ބީސީސީން ބުނީ ކެމްޕޭން ކުރިއަށްދާ މުއްދަތުގައި އެ ކޯޕަރޭޝަނުން ދިވެހި އުފެއްދުންތަކަށް ޚާއްސަކޮށްގެން މާލޭގައި ހިންގާ އޮތެންޓިކް މޯލްޑިވްސް ފިހާރައިން ގަންނަ ކޮންމެ އެއްޗަކަށް 10 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ