ޙަދީޘްގެ ޝާރަޙަ: އިމްތިޙާނު ކުރެވުނު 3 މީހުންގެ ވާހަކަ

عَنْ أبي هريرةَ رضيَ اللهُ عنه أنَّه سمِعَ النَّبيَّ صلَّي اللهُ عليه وسلَّم يقول: «إنَّ ثلاثةً مِن بني إِسرائيلَ: أبْرَصَ، وأقْرَعَ، وأعْمَي، أرَادَ اللهُ أنْ يَبْتلِيَهم، فبعث إليهم مَلَكًا، فأتى الأبْرصَ فقال: أيُّ شيءٍ أحبُّ إليك؟ قال: لَونٌ حسَنٌ، وجِلدٌ حسَنٌ، ويَذْهبَ عنِّي الذي قد قَذِرني النَّاسُ. فمسَحه، فذهب عنه قَذَره، وأُعْطيَ لوْنًا حسَنًا. قال: فأيُّ المالِ أحبُّ إليْكَ؟ قال: الإبلُ - أو قال: البقرُ. شكَّ الرّاوي - فأُعْطيَ ناقةً عُشراء، فقال: بارَكَ اللهُ لك فِيها.
فأَتَى الأقْرَعَ، فقال: أيُّ شَيءٍ أحبُّ إليك؟ قال: شَعْرٌ حسَنٌ، ويذَهبُ عنِّي هذا الذي قَذِرني النّاسُ، فَمَسَحَه، فذهب عنه، وأُعْطيَ شَعْرًا حسَنًا. قال: فأيُّ المالِ أحبُّ إليك؟ قال: البَقَرُ، فأُعْطيَ بقرةً حاملًا، وقال: بَارَك اللهُ لَكَ فيها.
فأَتَى الأعْمَى فقال: أيُّ شيءٍ أحبُّ إِليْك؟ قال: أنْ يَرُدَّ اللهُ إلىَّ بصري فأبْصرَ النَّاسَ. فمسَحَه.
فرَدَّ اللهُ إليه بصرَه. قال: فأيُّ المالِ أحبُّ إليك؟ قال: الغَنمُ، فأُعْطيَ شاةً والدًا. فأنتج هذانِ، وولَّدَ هذا، فكان لهذا وادٍ من الإبلِ، ولهذا وادٍ من البقرِ، ولهذا وادٍ من الغنَمِ.
ثمَّ إنَّه أتَى الأبْرصَ في صورتِه وهيئتِه، فقال: رَجلٌ مسْكينٌ قد انقطعتْ بي الحبالُ في سَفري، فلا بلاغَ لي اليوم إلَّا باللِه ثمَّ بك، أسألُك بالَّذي أعطاك اللَّونَ الحسَنَ والجلد الحسن والمال بعيرًا أتبَلَّغُ به في سَفري. فقال: الحقوقُ كثيرةٌ. فقال: كأَنِّي أعرفُك، ألم تكُنْ أبرصَ يَقْذَرك النّاسُ، فقيرًا فأعطاك الله؟! فقال: إنَّما ورثتُ هذا المالَ كابرًا عن كابرٍ، فقال: إنْ كنتَ كاذبًا في دَعْواك فصَيَّرك اللهُ إلى ما كنتَ.
وأتى الأقْرعَ في صورَتِه وهيئتِه، فقال له مثلَ ما قال لهذا، ورَدَّ عليه مثل ما رَدَّ هذا، فقال: إنْ كُنْتَ كاذبًا فصَيَّرك اللهُ إلى ما كُنْتَ. وأتى الأَعْمَى في صورَتِه وهيْئتِه، فقال: رَجلٌ مِسْكين ٌوابنُ سبيلٍ، انقطعتْ بي الحِبالُ في سَفري، فلا بلاغَ لي اليومَ إلَّا باللهِ ثمَّ بك، أسألُك بالذي ردَّ عليك بصَرَك، شاةً أتبلَّغُ بها في سَفري. فقال: قد كنتُ أعْمَي فرَدَّ اللهُ لي بصري، فخُذْ ما شِئتَ ودَعْ ما شِئتَ، فواللهِ لا أجْهَدُك اليومَ بشيءٍ أخَذْتَه للهِ عزَّ وجلَّ. فقال: أمْسِك مالَكَ فإنَّما ابْتُليتُم، فقد رضْيَ عنْك، وسَخِطَ على صاحبيكَ». متَّفقٌ عليه. 
މަތް ﷲ އެކަލޭގެފާނަށް ރުއްސުންލެއްވި އަބޫ ހުރައިރަތުގެފާނު ކިބައިން ރުވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވި. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާތީ ތިމަންކަލޭގެފާނު އަޑު އެއްސެވީމެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. 
ބަނޫ އިސްރާއީލުންގެ ތެރެއިން މުޞީބާތް ޖެހިފައިވާ 3 މީހަކު  ތިއްބެވެ. އޭގެތެރެއިން އެކަކީ ބަރަސްބަލި ޖެހިފައިވާ މީހެކެވެ. އަނެކަކަކީ އޭނާގެ ބޮލުގެ އިސްތަށި ފައިބައިފައިވާ މީހެކެވެ. އަދި އަނެކަކަކީ އޭނާގެ ދެ ލޯ ކަނުވެފައިވާ މީހެކެވެ. ފަހެ ﷲ ސުބުޙާނަހޫ ވަތަޢާލާ އެބައިމީހުން އިމްތިޙާނު ކުރެއްވުމަށް އިރާދަކުރައްވަވައި، އެބައިމީހުންގެ ގާތަށް (އިންސާނެއްގެ ސިފައިގައި) މަލާއިކަތަކު ފޮނުއްވިއެވެ. 
ފަހެ، އެކަލޭގެފާނު ބަރަސްބަލި ޖެހިފައިވާ މީހާގެ ގާތަށް ވަޑައިގެން ވިދާޅުވިއެވެ. ތިބާއަށް އެންމެ ބޮޑަށް ބޭނުމީ ކޮންކަމެއް ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. އަޅުގަނޑުގެ ގައިގެ ކުލަ ރީތިވުމާއި، ގައިގެ ހަން ރީތިވުމެވެ. އަދި އަޅުގަނޑުދެކެ މީސްތަކުން ފޫހިވެ ނަފުރަތުކުރާ މި ބަލި ފިލައި ދިއުމެވެ. 
ފަހެ އެކަލޭގެފާނު އޭނާގެ ގައިގައި އަތްޕުޅުން ފިރުންމަވައިލެއްވުމުން އޭނާގެ ކިބައިގައި ހުރި ފަކުރުވެރި ބަލިމަޑުކަން ފިލައިގެން ހިނގައްޖެއެވެ. އަދި ގައިގެ ކުލަވެސް އަލިވެއްޖެއެވެ. ދެން އެކަލޭގެފާނު އޭނަގެ ގާތުގައި އެއްސެވިއެވެ. މުދަލުގެ ތެރެއިން ތިބާ އެންމެ ބޮޑަށް ބޭނުމީ ކޮން އެއްޗެއް ހެއްޔެވެ. އޭނާ ދެންނެވިއެވެ. އަޅުގަނޑު އެންމެ ބޮޑަށް ބޭނުމީ ޖަމަލެވެ. ނުވަތަ އޭނާދެންނެވީ ގެރިކަމުގައެވެ. މިއީ ރާވީއަށް އަރައިފައިވާ އޮޅުމެކެވެ. (އެބަހީ: އޭނާ ދެންނެވިކަމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވީ، ޖަމަލު ތޯ ނުވަތަ ގެރި ތޯ މި ދެބަހުންކުރެ ކީކޭކަން ރާވީއަށް އޮޅުނީއެވެ.) ފަހެ، އެކަލޭގެފާނު އޭނާއަށް މާބަނޑު ޖަމަލެއް ދެއްވިއެވެ. އަދި ވިދާޅުވިއެވެ. ތިބާއަށްޓަކައި މި ޖަމަލުގައި ﷲ ބަރަކާތް އިތުރު ކޮށްދެއްވާށިއެވެ! 
އެއަށްފަހު، ބޮލުގެ އިސްތަށި ފައިބާފައިވާ މީހެއްގެ ގާތަށް އެކަލޭގެފާނު ވަޑައިގަތެވެ. އަދި އޭނާއަށް ވިދާޅުވި ތިބާއަށް އެންމެ ބޮޑަށް ބޭނުމީ ކޮންކަމެއް ހެއްޔެވެ. އޭނާ ދެންނެވިއެވެ. އަޅުގަނޑު އެންމެ ބޮޑަށް ބޭނުމީ ބޮލުގައި ރީތި އިސްތަޑިގަނޑެއް އޮތުމެވެ. އަދި އަޅުގަނޑު ދެކެ މީސްތަކުން ފޫހިވެ ނަފުރަތުކުރާ މި ބަލި ފިލާދިއުމެވެ. 
ފަހެ އެކަލޭގެފާނު އޭނަގެ ގައިގާ އަތްޕުޅުން ފިރުންމަވައިލެއްވުމުން އޭނަގެ ގައިގާ ހުރި ބަލިމަޑުކަން ފިލައިގެން ހިނގައްޖެއެވެ. އަދި ރީތި އިސްތަށިގަނޑެއް އޭނާއަށް ދެއްވުނެވެ. ދެން އެކަލޭގެފާނު އޭނާގެ ގާތުގައި އެއްސެވިއެވެ. މުދަލުގެ ތެރެއިން ތިބާ އެންމެ ބޮޑަށް ބޭނުމީ ކޮން އެއްޗެއް ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. އަޅުގަނޑު އެންމެ ބޭނުމީ ގެރިއެވެ. ފަހެ، އެކަލޭގެފާނު އޭނާއަށް ،މާބަނޑު ގެރިއެއް ދެއްވި، އަދި ވިދާޅުވި ތިބާއަށްޓަކައި މި ގެރީގައި ﷲ ބަރަކާތް އިތުރު ކޮށްދެއްވާށިއެވެ. 
އެއަށްފަހު، ދެ ލޯކަނު މީހާގެ ގާތަށް އެކަލޭގެފާނު ވަޑައިގެން. އަދި އޭނާއަށް ދެންނެވި ތިބާއަށް އެންމެ ބޮޑަށް ބޭނުމީ ކޮންކަމެއް ހެއްޔެވެ؟ އޭނާ ދެންނެވީ އަޅުގަނޑު އެންމެ ބޮޑަށް ބޭނުމީ އަޅުގަނޑުގެ ދެލޮލުގެ ފެނުން މާތް ﷲ އަނބުރާ އަޅުގަނޑަށް ލިބިދެއްވުމެވެ. އަދި އެ ދެލޮލުން އަޅުގަނޑު މީސްތަކުން ދުށުމެވެ. 
ފަހެ އެކަލޭގެފާނު އޭނާގެ ގައިގާ އަތްޕުޅު ފިރުންމަވައިލެއްވުމުން  ﷲ އޭނާގެ ދެލޮލުގެ ފެނުން އޭނާއަށް އަނބުރާ ލިބިދެއްވިއެވެ. ދެން އެކަލޭގެފާނު އޭނާގެ ގާތުގައި އެއްސެވިއެވެ. މުދަލުގެ ތެރެއިން ތިބާ އެންމެ ބޮޑަށް ބޭނުމީ ކޮންއެއްޗެއް ހެއްޔެއެވެ؟ އޭނާ ދެންނެވީ އަޅުގަނޑު އެންމެ ބޭނުމީ ބަކަރިއެވެ. ފަހެ އެކަލޭގެފާނު އޭނާއަށް މާބަނޑު ބަކަރިއެއް ދެއްވިއެވެ. 
ފަހެ އެދެމީހުންނަށް ދެއްވުނު ޖަމަލާ ގެރިއާ އަދި މިމީހާއަށް ދެއްވުނު ބަކަރި ވިހާ މި ހުރިހާ ތަކެތި އިތުރުވެ ގިނަވެ. ފަހެ އެމީހާގެ އަތުގައި ވާދީއެއް ފުރެންދެން ޖަމަލުތައް އޮތް، އަދި އަނެކާގެ އަތުގައި ވާދީއެއް ފުރެންދެން ގެރިތައް އޮތެވެ. އަދި އަނެކާގެ އަތުގައި ވާދީއެއް ފުރެންދެން ބަކަރިތައް އޮތެވެ. 
ދެން އެއަށްފަހު (އަނެއްކާ) އެކަލޭގެފާނު އެ ބަރަސްބަލި ޖެހުނު މީހާގެ ގާތަށް އައިސް އޭނާގެ، އޭނާގެ ސިފައިގައި އެ ހާލަތުގައި ވަޑައިގަތެވެ. (އެބަހީ: ކުރިން އޭނާ ބަރަސްބަލި ޖެހިފައި ހުރިއިރު ހަމަ ހުރިހެން ބަލިހާލަތުގައި އެ ސިފައިގައި ވަޑައިގަތެވެ.) އަދި ވިދާޅުވި ތިމަންނައަކީ ވަރަށް އެކަނިވެރި މިސްކީނަކީމެވެ. ދަތުރު މަތީގައި މިވަނީ ހާލުގައި ޖެހި ކާނޭ، ބޯނޭ ފަދަ އެއްވެސް އެއްޗެއް ނެތިފައެވެ. މިއަދު ތިމަންނާ އެހީއަކަށް އެދުމަށް ﷲ ފިޔަވާ އެހެން ފަރާތެއް ނުވެއެވެ. ދެން ތިބާގެ އެހީތެރިކަމަށް އެދުން ނޫން ގޮތެއް ނެތެވެ. ތިބާއަށް ތިޔަފަދަ ރީތި ގައިގެ ކުލައާއި އޮމާން ހަމާއި މުދާ ދެއްވި ފަރާތުގެ ޙައްޤުގައި އަހަރެންގެ މި ދަތުރުގައި ސަވާރުވުމަށްޓަކައި ޖަމަލެއް ދިނުމަށް ތިބާގެ ކިބައިން އެދެމެވެ. 
ފަހެ އޭނާ ދެންނެވިއެވެ. އަހަރެން އަދާކުރަންޖެހޭ ޙައްޤުތައް ވަރަށް ގިނައެވެ. (ވީމާ ޖަމަލެއް ދެވޭކަށް ނެތެވެ.) ފަހެ އެކަލޭގެފާނު އޭނާއަށް ވިދާޅުވި، އަހަރެން މީގެ ކުރިންވެސް ކަލޭ ދުށް ހަނދާންވެއެވެ! ކަލެއަކީ ބަރަސްބަލި ޖެހިގެން މީސްތަކުން ކަލޭ ދެކެ ފަކުރުހީވެ، އެކަނިވެރިވެފާވީ ނިކަމެތި ފަޤީރު މީހާ ނޫންހެއްޔެއެވެ؟ ފަހެ ﷲ ކަލެއަށް ތިޔަފަދަ ބޮޑު މުދާވެރިކަން ދެއްވީ ނޫންހެއްޔެވެ؟ 
އޭނާ ދެންނެވީ، ހަމަހިލާ އެހެނަކުނެއް ނުވާނެއެވެ. މީ އަހަރެންގެ ކާބަފައިންގެ ފަރާތުން މިރިމިނީން ވާރުތައިން ލިބިފައިވާ ތަކެއްޗެވެ. އެކަލޭގެފާނު ވިދާޅުވި. ކަލޭ ތިޔަބުނާ ބަހުގައި ކަލެއަކީ ދޮގު ވެރިއެއް ކަމުގައި ވަނީނަމަ ކަލޭ ކުރިން ހުރި ނިކަމެތި ޙާލަށް މާތް ﷲ ކަލޭ އަނބުރާ ރައްދު ކުރައްވާށިއެވެ!! 
ދެން އެކަލޭގެފާނު ވަޑައިގަތީ ބޮލުން އިސްތަށި ވެރިފައި ހުރި މީހާގެ ގާތަށް. އޭނާ ކުރިން ހުރި ސިފައިގައި، އެހާލަތުގައި ވަޑައިގެން ކުރީމީހާގެ ގާތުގައިވެސް ވިދާޅުވިފަދައިން އާދޭސް ކުރައްވާ އެހީއަކަށް އެދިވަޑައިގަތެވެ. ފަހެ މިމީހާވެސް ކުރީ މީހާ ދެންނެވި ކަހަލަ ގޮތަކަށް އެކަލޭގެފާނަށް ދެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވި، ކަލޭ ތިޔަބުނާ ބަހުގައި ކަލެއަކީ ދޮގުވެރިއަކު ކަމުގައި ވަނީނަމަ، ކަލޭ ކުރިން ހުރި ނިކަމެތި ޙާލަށް މާތް ﷲ ކަލޭ އަނބުރާ ރައްދު ކުރައްވާށިއެވެ. 
ދެން އެކަލޭގެފާނު ވަޑައިގަތީ ދެލޯ ކަނު މީހާގެ ގާތަށް، އޭނާ ކުރިން ހުރި ސިފައިގައި، އެ ހާލަތުގައި ވަޑައިގެންނެވި. އަދި ވިދާޅުވި، ތިމަންނައަކީ ވަރަށް އެކަނިވެރި މިސްކީނަކީމެވެ. ދަތުރުމަތީގައި މިވަނީ ހާލުގައި ޖެހި ކާނޭ ބޯނޭ ފަދަ އެއްވެސް އެއްޗެއް ނެތިފައެވެ. މިއަދު ތިމަންނާ އެހީއަކަށް އެދުމަށް ﷲ ފިޔަވައި އެހެން ފަރާތެއް ނުވެއެވެ. ދެން، ތިބާގެ އެހީތެރިކަމަށް އެދުން ނޫންގޮތެއް ނެތެވެ. ތިބާއަށް ދެ ލޮލުގެ ފެނުން ދެއްވި މާތް ރަސްކާލާންގެ ޙައްޤުގައި އަހަރެންނަށް ތިޔަތަނުން އެންމެ ބަކަރިއެއް  ދިނުމަށް ތިބާގެ ކިބައިން އެދެމެވެ. ފަހެ އޭނާ ދެންނެވި، އަޅުގަނޑަކީ ކުރީގައި ދެލޯ ކަނު މީހަކީމެވެ. މާތް ﷲ ޢަޅުގަނޑުގެ ދެލޮލުގެ ފެނުން އަނބުރާ ލިބިދެއްވިއެވެ. ފަހެ މި ތަކެތީގެ ތެރެއިން ތިބާ ބޭނުންފުޅު މިންވަރަކަށް ނަންގަވާފައި، އެއްޗެއް ބަހައްޓަވަން ފެނި ލައްވައިފި ނަމަ ބަހައްޓަވާށެވެ. 
ﷲ ގަންދީ ދަންނަވަމެވެ! ﷲ ގެ މަގުގައި ތިބަ ކޮންމެ އެއްޗެއް ނެންގެވިޔަސް އަޅުގަނޑު ހުރަހެއް ނާޅާހުށިކަމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭގެ މުދާ ކަލޭ ބަހައްޓާށެވެ. ހަމަކަށަވަރުން މާތްﷲ ކަލޭމެން ތިންމީހުން އިމްތިހާނު ކުރެވިއެވެ. ހަމަކަށަވަރުން ﷲ ކަލެއަށް ރުއްސަވައިފިއެވެ. އަދި ކަލޭގެ އެކުވެރި އަނެއް ދެމީހުންނަށް އެކަލާންގެ ކޯފާ ލައްވަވައިފިއެވެ. 
- ޝައިޚް ޖަޢްފަރު މުޙައްމަދު ޢުޘްމާން
 
ޝަރަޙަ އަޑުއައްސަވާލައްވަން:
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ