މިނިވަންކަމަކީ ޤައުމަކަށް ލިބޭނެ އެންމެބޮޑު ނިޢުމަތް: ނައިބު ރައީސް

މިނިވަންކަމަކީ ޤައުމަކަށް ލިބޭނެ އެންމެބޮޑު ނިޢުމަތްކަމަށާ ޤައުމެއްގެ ރައްޔިތުންގެ އުންމީދުތައް ހާސިލްވާނީވެސް މިނިވަންކަން އޮވެގެންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 59 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ ވީޑިއޯ މެސެޖެއްގައެވެ.
ރާއްޖޭގެ 59 ވަނަ މިނިވަންދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާ ދެއްވި މި ވީޑިއޯ މެސެޖުގައި ރާއްޖެއަކީ މިނިވަންކަމުގެ ދިގު މާޒީއެއް އޮތް ޤައުމެއްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ މިނިވަންކަމަށް ބަޔަކު އަތްގަދަކުރާ ކޮންމެ ފަހަރަކު ހިތްވަރުގަދަ ދިވެހި ދަރީންތަކެއް ނުކުމެ ޤައުމު ސަލާމަތްކޮށްދޭކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދިވެހި މިނިވަންކަމުގެ ޙައްޤުގައި ޖިހާދުކުރެއްވި ވަރުގަދަ ބަޠަލުންގެ ޒިކުރާ އާކުރައްވައި ކާބަފައިންވީ ގުރުބާނީ ޝުކުރުވެރިކަމާއެކު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ރައްކާތެރިކުރެއްވުމަށާ، ޤައުމުގެ ސުލްޙަވެރިކަމާ އެއްބައިވަންތަކަން ދެމެހެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅުގައި، ބައިވެރިވެވަޑައިގެންނެވުމަށް ދިވެހި ރައްޔިތުންނަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ