ޑިމޮކްރެޓްސްގެ 2 ދާއިރާގެ ޕްރައިމަރީ ނިންމާ ވަގުތީ ނަތީޖާ އިއުލާންކޮށްފި

ދަ ޑިމޮކްރެޓްސް އިން މިއަދު ބޭއްވި ޕްރައިމަރީ އިންތިޚާބުގެ ވޯޓުލުން ނިންމާ، ވަގުތީ ނަތީޖާ އިއުލާންކޮށްފިއެވެ.
ޑިމޮކްރެޓްސް އިން ޕްރައިމަރީ ބާއްވާފައިވަނީ ދެ ދާއިރާއެއްގެއެވެ. އެއީ ހެންވޭރު ދެކުނު ދާއިރާ އާއި ހުޅުމާލެ ދެކުނު ދާއިރާއެވެ. މި ދެ ދާއިރާގެ ވޯޓުލުން ހެނދުނު 9:00 ގައި ފަށާފައިވާއިރު ހަވީރު 4:00 ގައި ވޯޓު ފޮށި ބަންދުކޮށް 4:15 ހާއިރު ވަނީ ވަގުތީ ނަތީޖާ އިއުލާންކޮށްފައެވެ.
އެޕާޓީން އިއުލާންކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ހެންވޭރު ދެކުނު ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވީ މިހާރު މާލެ ސިޓީ ކައުންސިލްގެ މެންބަރު މުޙައްމަދު ސައިފް ފާތިހުއެވެ. އޭނާ ޕްރައިމަރީ ކާމިޔާބު ކުރެއްވީ 15 ވޯޓުންނެވެ. އެ ދާއިރާއަށް ވޯޓުލާފައިވަނީ 27 މީހުންނެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވީ 19 ވަނަ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާނެވެ. އެ ދާއިރާއަށް 129 މީހުން ވޯޓުލާފައިވާއިރު ފިރުޝާން ޕްރައިމަރީ ކާމިޔާބު ކުރެއްވީ 74 ވޯޓުންނެވެ.
އަންނަ މާޗު މަހު ބާއްވާ މަޖިލިސް އިންތިޚާބުގައި ޖުމްލަ 41 ދާއިރާއެއްގެ ޓިކެޓް މިހާރު ޑިމޮކްރެޓްސްގެ މެންބަރުންނަށް ވަނީ ކަށަވަރުވެފައެވެ. މީގެ ތެރެއިން 39 ފަރާތަކަށް ޓިކެޓް ކަށަވަރުވެފައިވަނީ އެ ދާއިރާތަކަށް އެންމެ ކެންޑިޑޭޓަކު ކުރިމަތިލުމުންނެވެ.
މަޖިލިސް އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރުމަށް ޑިމޮކްރެޓްސް އިން ވަނީ ނިންމާފައެވެ. އެހެންވެ މިހާތަނަށް އެއްވެސް މީހަކު ކުރިމަތިނުލާ ދާއިރާތަކަށް ކުރިމަތިލާން މިހާރު ވަނީ ހުޅުވާލާފައެވެ. ނަމަވެސް ވަގުތު ނެތުމުން ޕްރައިމަރީ ނުބާއްވާ ޕާޓީން ބޭނުން މީހަކަށް ޓިކެޓް ދޭން ނިންމާފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
މަޖިލިސް އިންތިޚާބު ބާއްވަން ނިންމާފައިވަނީ އަންނަ މާޗު މަހުގެ 17ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ