ވެލްނެސް ދާއިރާގެ އިސްވެރިން ފެބްރުއަރީ މަހު ބައްދަލުވުމަކަށް

ވެލްނެސްގެ ދާއިރާގައި ހަރަކާތްތެރިވާ އިސްވެރިންނާއި އެ ދާއިރާއާ ގުޅުންހުރި ފަރާތްތަކަށް ޚާއްސަ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފި އެވެ. "ވެލްނެސް ސަމިޓު"ގެ ނަމުގައި ބާޢްވާ މި ބައްދަލުވުން އިންތިޒާމުކުރަނީ ހޮޓަލިއާ މޯލްޑިވްސްއިންނެވެ. ހޮޓަލިއާ މޯލްޑިވްސް އިން ބުނީ، 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހުޅުލެ އައިލެންޑް ހޮޓެލްގައި ބާއްވާ މި ސަމިޓުގެ ބޭނުމަކީ ވެލްނެސް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ގުޅުން ބަދަހިކޮށް، މައުލޫމާތު ހިއްސާކުރުން ކަމަށެވެ. ހޮޓަލިއާ މޯލްޑިވްސް އިން ބުނީ މި ބައްދަލުވުން 2017 އިން ފެށިގެން، އަހަރަކު އެއްފަހަރު ބާއްވަން ނިންމާފައިވާ ކަމަށެވެ. މި ބައްދަލުވުން އިންތިޒާމު ކޮމިޓީގައި ހިމެނޭ ބޭފުޅުންގެ ތެރޭގައި، ދުނިޔޭގެ މަޝްހޫރު ސުޕާ ޗެއިން، އަދި ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި ހިންގާ ސެރޭނާ ސުޕާގެ ފައުންޑާ ޖެސްޕާ ހޫގާޑްއާއި ރާއްޖެއާއި ސީޝެލްސްގެ 11 ތަފާތު ރިސޯޓެއްގައި ހިންގާ ރާއްޖޭގެ ސްޕާ ޗެއިން "ދުނިޔެ ސުޕާ"ގެ އެގްޒެކެޓިވް ޑިރެކްޓަރު ރެނާޓެ ހާމޭސްގެ އިތުރުން، ކުރުނބާ މޯލްޑިވްސްގެ ސްޕާ މެނޭޖަރު އާއިޝަތު ޒުލްފިޝާން ހިމެނެ އެވެ. ކީނޯޓު ސުޕީޝުތަކަކާއި ޕްރެޒެންޓޭޝަންތަކެއްގެ އިތުރުން ޕެނަލް ޑިސްކަޝަންސްއާ އެކު ކުރިޔަށްދާ ވެލްނެސް ސަމިޓުގެ މެއިން ކީނޯޓު ސްޕީޗު ދެއްވާނީ ސެރޭނާ ސްޕާގެ ފައުންޑާ ޖެސްޕާ ހޫގާޑެވެ. ފަތުރުވެރިކަމުގެ ލަގްޒަރީ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކޮށް، ބްރޭންޑު ކުރެވިފައިވީ ނަމަވެސް، މި ފަހަކަށް އައިސް ރާއްޖޭގެ ރިސޯޓުތަކުގެ ސުޕާ އަދި ވެލްނެސްގެ ޚިދުމަތްތަކަށް ތަރުހީބު ދަނީ ބޮޑުވަމުންނެވެ. އެހެންކަމުން ރާއްޖެ ދަނީ، މަގުބޫލު ސްޕާ ޑެސްޓިނޭޝަނެއްގެ ގޮތުގައި ވެސް މިހާރު އިޝްތިހާރު ކުރެވެމުންނެވެ. ދުނިޔޭގެ ފަތުރުވެރިކަމުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑު، ނިމިދިޔަ ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖެއަށް ވަނީ ދުނިޔޭގެ އެންމެ މަގުބޫލު ސްޕާ ޑެސްޓިނޭޝަންގެ އެވޯޑު ލިބިފަ އެވެ. ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑެވެ. މީގެ އިތުރުން ވޯލްޑް ޓްރެވަލް އެވޯޑްސްއިން ތައާރަފުކޮށް، އަހަރަކު އެއްފަހަރު ބާއްވާ ވޯލްޑް ސްޕާ އެވޯޑްސްގެ، 2016 ވަނަ އަހަރުގެ އެންމެ މަގުބޫލު ސުޕާ ޑެސްޓިނޭޝަނާއި އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު ސްޕާ ޑެސްޓިނޭޝަންގެ އެވޯޑު ލިބުނީ ދިވެހިރާއްޖެ އަށެވެ. އެ އެވޯޑު ހަފްލާގައި، ދުނިޔޭގެ އެންމެ މަގުބޫލު ސުޕާ މަންޒިލުގެ އެވޯޑު ރާއްޖެއަށް ލިބުނީ، ކެލިފޯނިއާ، ދުބާއީ، އިޓަލީ، ޖެމެއިކާ، މެލޭޝިއާ، މެކްސިކޯ، މޮރޮކޯ އަދި ނިއުޒިލެންޑް ފަދަ ތަންތަނާ ވާދަކޮށްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ