ތިބާ ދަތިޙާލެއްގައި ހުއްޓައި އެހީތެރިވީ އެއްވެސް މީހަކު ކަމަށް ޤަބޫލުކޮށްގެން ނުވާނެ ސަބަބު-

މީސްތަކުންނާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަންޖެހޭ ގުޅުންތައް ކުޑަވަމުން މިދާ އެންމެ ބޮޑު އެއް ސަބަބަކީ މީސްތަކުންގެ ވިސްނުމަށް އަންނަމުންދާ ނުބައި ބަދަލުތަކެވެ. އެއިގެ ތެރެއިން އެއް ކަމެއް ފާހަގަކޮށްލާނަމެވެ. 
މިއަދު ކަންކަން ފެންނަމުންމިދާ ގޮތަށް ބަލާއިރު ތިބާ ދަތިޙާލެއްގައިވަނިކޮށް މީހަކު ފައިސާކޮޅެއް ދީފާނެއެވެ. އެޙާލަތުގައި އަވަސްވެގަނެވެނީ އޭނާގެ ދެފައިމައްޗަށްވެއްޓިގަނެ އޭނާއަށް ޝުކުރިވާށެވެ! ކުރުނީސްކޮށް ސަޖިދަވެސް ޖަހާހިސާބަށް ކަންކަން އެބަގެންދެއެވެ. އެހީތެރިވެދިން މީހާ ބުނެފިނަމަ ﷲ ތަޢާލާ ނަހީކުރެއްވެވި ކަމެއް ކުރަން ފަސްޖެހޭ މީހަކުވެސް މަދެވެ. 
އެއިރުން އެކުރެވެނީ ކީއްކަން އެނގޭހެއްޔެވެ؟ ތިބާއަށް އެފައިސާ ދެއްވެވި ފަރާތް ހަނދާންނައްތައިލެވެނީއެވެ. މިހެން މިބުނަނީ ސަބަބުތަކެއް ހުރުމުންނެވެ. 
ގިނަބައެއްގެ ހިތުގައި ދުނިޔޭގެ ދަހިވެތިކަން ބޮޑުވިވަރުން މީސްތަކުން މިހާރު އެންމެ ގިނައިން ޝުކުރުވެރިވަނީވެސް، ޘަނާ ކިޔަނީ އެމީހެއްގެ ބޭނުންތައް ފައްދައިދޭ މީހަކަށެވެ! އެކަން މިންވަރުކޮށްދެއްވެވި ﷲ ގެ މަތިން ހަނދާނެއްވެސް ނުކުރެއެވެ. މިއީ މުސްލިމުން ޢަމަލުކުރަން އޮތްގޮތެއް ނޫނެވެ. 
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ނިޢުމަތް އިތުރުވުމަށް އެދޭ މީހާ ﷲ އަށް ޝުކުރުވެރިވާށެވެ! ﷲ އަށް ޘަނާ ކިޔުން ގިނަކުރާށެވެ! އެހެނީ ތިބާއަށް އެފައިސާކޮޅު ދޭން އޭނާގެ ހިތަށް ވެއްދެވީ ﷲ ތަޢާލާއެވެ. އެހެން ނޫންނަމަ ތިބާއަށް އެފައިސާކޮޅު ދޭހިތެއް އޭނާ ނުވީހެވެ. 
މިދެއްކީ މީހަކަށް ނުވިސްނޭވަރުގެ މާނަފުން ވާހަކައެއް ނޫނެވެ. ހަމަ ކޮންމެ މުސްލިމަކަށްވެސް ނުހަނު ފަސޭހައިން ވިސްނި ޤަބޫލުކުރެވޭނެ ވާހަކައެވެ. ހިތާމައަކީ ޤަބޫލުކުރެވުނަސް ޢަމަލުން އެކަންކަން ނުދެއްކޭ ކަމެވެ. 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ