މަގުމަތީގެ ނުރައްކާތެރި އެއް ސޮފުހާ| ހައްޖަގެ ބިރުވެރި ތަޖުރިބާ

މަގުމަތީގައި ހިންގާ ހާދިސާތަކުގައި ގެއްލޭ ފުރާނަތައް މިވަނީ ގިނަ ވެފަ އެވެ. އެތައް ބަޔަކު މިފަދަ ހާދިސާތަކާ ގުޅިގެން ތިބީ ބިރުވެރިކަމުގަ އެވެ. ހައްޖައަކީ މިފަދަ ހާދިސާއެއް ތަޖުރިބާކުރި އެކަކެވެ.
ދުވަހަކީ ރާއްޖެއަށް މޫސުން ރީތި ދުވަހެވެ. އިރު އޮއްސެމުން ދިޔައީ ބޮޑު ހާދިސާއެއް ހިނގުމެއް ނެތި އަމާން ދުވަހެއްގެ ގޮތޮގަ އެވެ. ދުވަހުގެ ތާރީހަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ އެކެވެ. މިއަދަށްވީ ބަރާބަރު އެއް އަހަރެވެ. ދުވަހުގެ އިރު އޮއްސެމުން ދިޔަ ވަގުތު ހައްޖަ އޭނާގެ ރަހުމަތްތެރިއަކާއެކު ދިޔައީ ސިފައިންގެ ހޮސްޕިޓަލް ސެނެހިޔާ އަށެވެ. ހުޅުމާލެ ބްރިޖަށް އެޅޭ އެއް މަގުކަމަށްވާ ރިންގް ރޯޑުގައި ހުންނަ ސިފައިންގެ ހޮސްޕިޓަލް ކުރިމަތީގައި ހުދުކުލައިން ދަމާފައިވާ ކަފިހުރަސް މައްޗަށް ހައްޖަ އާއި ރަހުމަތްތެރިވާ އެރިތާ މާ ކަގިނަ އިރެއް ނުވެ ހުރިހާ ކަމެއް ބަދަލު ވެގެން ދިޔަ އެވެ. ކުރިން އޮތް އަމާން ހާލަތު ފަޅި ސިކުންތެއްގެ ތެރޭގައި އެކޮޮޅު ކޮޅުން ޖެހިގެން ދިޔަ އެވެ. ބިރުވެރިކަމާއި ނާމާންކަން ވެރިވެގެން ދިޔަ އެވެ. ހައްޖައާއެކު ހިނގާފައި ދިޔަ ރަހުމަތްތެރިޔާއާ ދެމެދަށް "ފުންމާލީ" އެސްފިޔަ ޖަހާލާހާ ބާރު ދުވެލީގައި އައި ސައިކަލެވެ. ހައްޖައަށް ހިރިލާނެ ވަގުތުކޮޅެއް ވެސް ނުލިބުނެވެ. ހިނދުކޮޅެއްގެ ތެރޭގައި ހައްޖަ ބުރައިގެން ދިޔައީ ލުއި ކުނިކޮޅެއް ފަދައިންނެވެ.
ފޭސްބުކްގައި ރެހެންދި ހައްޖަގެ ނަމުގައި ލިޔެފައިވާ ދިގު ޕޯސްޓުގައި ވަނީ އޭނާގެ ދިރިއުޅުން އެފުށް މިފުށަށް ޖެހިގެން ދިޔަ މި ބިރުވެރި ހާދިސާގެ އެންމެ ސޮފުހާ އެކެވެ. ހުޅުމާލޭގައި އޮތް ދުވުމެއްގައި ބައިވެރިވާން ދިޔަ ޒުވާނެއްގެ ގައިގައި ކާރަކުން ޖެހި ނިޔާވި ހާދިސާއާ ގުޅިގެން ހައްޖަ ބަންޑުކޮށްލާފައިވަނީ ރާއްޖޭގެ މަގުތަކުގައި މިހާރު އޮތް ބިރުވެރި މާހައުލުގެ މަދު ވާހަކައެކެވެ. 
ހައްޖަ ބުނެފައިވެ އެވެ ؛  އޭނާ އާއި ރަހުމަތްތެރިޔާ ހިނގާފައި ދިޔައީ ހެޔޮ ސިއްހަތުގަ އެވެ. އެތަނަށް ދިޔައީ ލެއިން ތެމި ފޯވެގެން ހޮސްޕިޓަލަށް ވައްދަން ޖެހޭނެ ކަމަކަމަށް ނޫނެވެ. އެކަމަކު އެކަން ދިޔައީ އެ ބިރުވެރި މަގަށެވެ. މި ނުރައްކާތެރި ހާދިސާގައި ހައްޖަގެ ބޮލަށް ބޮޑެތި އަނިޔާ ތަކެއް ލިބުނެވެ. ބާރު ދުވެލީގައި އައި ސައިކަލް މަޑިއެއްހެން ދެ މީހުންގެ ދެމެދަށް ޖެހި ގަތުމުން ބުރައިގެން ދިޔަ ހައްޖަގެ ބޯގޮސް ޖެހުނީ ތާރު އަޅައި ވަރުގަދަ އަށް ހަދާފައިވާ މަގުގަ އެވެ. ވަގުތުން ބޯފަޅައިގެން ގޮސް ބޮޑެތި ގެއްލުން ތަކެއް ލިބުނެވެ. އެ ވޭނުމުގައި އޭނާ އަހަރަކަށް ވުރެ ގިނަ ދުވަސް ހޭދަކުރަން ޖެހުނެވެ. މިއަދު ވެސް އޭނާ އެ ހުރީ އެ ވޭނާއި އެ ކެކުޅުމާއި އެ ނަފްސާނީ ބިރުގަ އެވެ. 
"ގައުމު ޒުވާނާ [ސައިކަލް ދުއްވަން އިން މީހާ] އައީ ތިމާ ނޫން އެހެން މީހުން ވެސް މަގުމަތީގައި އުޅޭނެކަމުގެ މާބޮޑު އިހުސާސެއް ނެތި،" ހައްޖަ ބުނެފައިވެ އެވެ. މި ނުރައްކާތެރި ހާދިސާގައި ހައްޖަގެ ބޮލަށާއި އަތަށް ވަރަށް ބޮޑަށް އަނިޔާވި އެވެ. އެކަމަކު މާތްﷲ ގެ ވާގިފުޅާއެކު ފުރާނަ ސަލާމަތްވި އެވެ.އަމިއްލަ އަށް ތެދުވެ ނޫޅެވޭ ހާލަތުގައި އެތައް ދުވަހެއް ހޭދަ ކުރަން ޖެހުނެވެ. މީހެއްގެ އެހީތެރިކަމާއެކު ނޫނީ ތެދުވެ ނޫޅެވޭ ހާލަތަށް ދިޔަ އެވެ. ދެން ވާނީ ކިހިނެއް ބާއޭ ހިތަށް އަރާ އެތައް ދުވަހެއް ދިޔަ އެވެ. މިހާރު އެތައް ފަރުވާއަކަށްފަހު ތެދުވެ އުޅުނަސް މިހާރު ވެސް އޭނާގެ ހިތުގައި އެ ބިރުވެރި ހާދިސާ ވަނީ ބިންވަޅު ނެގިފަ އެވެ. 
މި ހާދިސާއާ ގުޅިގެން އޭނާ ލިޔެފައިވާ ޕޯސްޓު ނިންމާލާފައިވާ ގިނަ ބަޔަކު އުފައްދާ ސުވާލުތަކުންނެވެ. މިފަދަ ހާދިސާތަކާ ގުޅިގެން މީހެއްގެ އެހީއަށް ބޭނުންވާ ކިތައް މީހުން އުޅޭނެ ހެއްޔެވެ؟ އިންސާފަކީ ކޮބައި ހެއްޔެވެ؟ ބާރަށް ދުވާ މީހުން މިހާރުވެސް މިނިވަންކަމާއެކު ދުއްވަނީ އެވެ. އެތައް ބަޔަކު ނުކުޅެދޭ މީހުންނަށް ވެއްޖެ އެވެ. އެތައް ބަޔަކު މިފަދަ ހާދިސާތަކުގައި ދުނިޔެ ވެސް ދޫކޮށްފި އެވެ. މަގުމަތި އަމާން ތަނަކަށް ހެދޭނީ ކޮން ދުވަހަކުން ހެއްޔެވެ؟ ޓްރެފިކް ވަޔަލަންސް އަދަބު ތަންފީޒު ކުރާނީ ކޮން ދުވަހަކުން ހެއްޔެވެ؟ މި އަދަބު ތަންފީޒު ކުރާނީ ކިތައް އާއިލާ ބިކަވެ ކިތައް މީހުން ނުކުޅެދޭ މީހުންނަށްވީމަ ހެއްޔެވެ؟ މިހާ ކުޑަކުޑަ ތަނެއްގައި އަމާންމަކާ ރައްކާތެރިކަން ގާއިމް ނުކުރެވިގެން މިއުޅޭ ސަބަބަކީ ކޮބައި ހެއްޔެވެ؟ 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ