ގދ އަތޮޅުގެ ސޭފްޓީ އެންޑް ސެކިއުރިޓީ ކޮމިޓީ އިފްތިތާޙްކޮށްފި

ދާޚިލީ ވުޒާރާއިން ގ.ދ އަތޮޅުގައި ހިމެނޭ 8 ރަށު ކައުންސިލާއި ތިނަދޫ ސިޓީ ކައުންސިލާއެކު ސޭފްޓީ އެންޑް ސެކިއުރިޓީ ކޮމިޓީ އިފްތިތާޙް ކުރުމުގެ އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މި އެމްއޯޔޫތަކުގެ މަޤްޞަދަކީ ކުށް މަދުކުރުމަށް ކުރަންޖެހޭ މަސައްކަތް ދެނެގަތުމަށާއި، ރަށުގެ ސަލާމަތާއި ރައްކާތެރިކަމުގެ ހާލަތާއި ގުޅޭގޮތުން ދާޚިލީ ވުޒާރާއަށް ލަފާއަރުވައި، ރަށުގެ ކުށް މަދުކުރުމަށް އެ ރަށެއްގައި މާހައުލުގައި ހިމެނޭ ފަރާތްތަކާއެކު މަސައްކަތް ކުރުމަށް ކޮމެޓީތަކެއް އެކުލަވާލުން ކަމަށާއި، މި ކޮމެޓީތައް ދާޚިލީ ވުޒާރާއެކު މަސައްކަތް ކުރަމުންދާއިރު ކޮމެޓީތަކުގެ މަސައްކަތް ވިލަސްރެސް ކުރާނީ ކައުންސިލްތަކުގެ ބެލުމުގެ ދަށުންކަމަށް ދާހިލީ ވުޒާރާއިން މައުލޫމާތު ދެއެވެ.
މިއީ ކުށް މަދުކުރުމަށް ރަށު ރައްޔިތުންގެ އެކުލެވޭހެން އެއްބަސްވުންތަކެއްގެ ދަށުން މަސައްކަތް ކުރެވޭ ފުރަތަމަ ފަހަރެވެ. އަދި ހުވަދު އަތޮޅު ދެކުނުބުރީގައި މިމަސައްކަތް ފެށުނު ނަމަވެސް އަމާޒަކީ ރާއްޖޭގެ ހުރިހާ ކައުންސިލާއެކު އެއްބަސްވުންތަކަކަށް އައިސް ކޮމެޓީތައް ޤާއިމްކުރުމެވެ.
މި އެއްބަސްވުންތަކާއެކު، ދާޚިލީ ވުޒާރާގެ ދަށުން ހިންގާ ހުރިޙާ އިދާރާއެއްގެ ޚިދުމަތްތައް ރަށްރަށުގައި ދިނުމަށް ކައުންސިލްތަކުގެ ޤަބިލީއްޔަތުކަން ހުރިމިންވަރަކުން މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަޞައްވުރު ހާސިލުކުރުމަށް ކުރާ މަސައްކަތެއް ކަމަށް ދާޚިލީ ވުޒާރާއިން މައުލޫމާތު ދެއެވެ.
އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ތިނަދޫ ސިޓީގެ މޭޔަރ ސައުދު ޢަލީ ވަނީ މިފަދަ މަސައްކަތެއް ފެށުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި، ޒުވާނުން އަނބުރާ މުޖްތަމަައަށް ގެނައުމަށް ގުޅުންހުރި ހުރިހާ އިދާރާއަކުން އެކުގައި މަސައްކަތް ކުރަން ޖެހޭކަން ފާހަގަ ކުރައްވާފައެވެ.
އަދި އެ ސިޓީއަކީ ހުވަދުއަތޮޅުގެ ހުރިހާ ރައްޔިތުންވެސް ޚިދުމަތް ހޯދަން އަންނަ ތަނަކަށް ވާއިރު ވަސީލަތްތައް ޤާއިމްވެ ފުރިހަމަކޮށްދިނުމަށް މޭޔަރ ވަނީ އެދިވަޑައިގެންފައެވެ.
ގދ. އަތޮޅަށް ނިސްބަތްވާ ހުރިހާ ކައުންސިލަކުންވެސް ވަނީ މި އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ