ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) އަށް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޔާމީން މިހެން ވިދާޅުވެފައިވަނީ އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް ފޭދޫ ރައްޔިތުން ނިންމުމާ ގުޅިގެންނެވެ. ފޭދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް އައިބީ ވަރަށް ބޮޑަށް ވަކާލާތުކޮށް، އެކަމަށް މަސައްކަތް ކުރައްވާފައިވެ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ފޭދޫގައި ނެގުނު ވޯޓުން އައިބީ އަށް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށާއި ރައްޔިތުންނަށް ވިއްކަން އުޅުނު ކަންތައްތައް ނާކާމިޔާބުވުމަކީ ރައްޔިތުން އޭނާގެ މޫނުގައި ތަފާލެއް ޖެހުން ކަމަށެވެ.
"ރައްޔިތުންގެ ބާރު އެބައޮތް. ރައްޔިތުންގެ ބާރު ދައްކަންވީމަ ދައްކައިފި،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެމްބަރުންނަށް އަމާޒުކޮށް ބޮޑެތި ޕެޓިޝަންތައް ހުށަހެޅުމުގެ ހިތްވަރު ރައްޔިތުންގެ ކިބައިގައި ވެސް ހުންނަންޖެހޭ ކަމަށާއި އަދި ދާއިރާތަކުގެ ރައްޔިތުން ގިނަ ގިނައިން މެމްބަރުންނާއި ބައްދަލުކުރުމަށްފަހު ހުރި ހިތްހަމަޖެހުންތައް ފާޅުކުރަންޖެހޭ ކަމަށެވެ. އަދި ގިނަ ބައެއްގެ ހައްގުތަކެއް ގެއްލިގެންދާނަމަ ސިޔާސީ މީހުން އެކަމަށް އަޑުއުފުލާނެ ކަމަށާއި އެއާއެކު ރައްޔިތުން ވެސް އެ މަސައްކަތުގައި ޝާމިލުވާންޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ.
އައްޑޫ ކައުންސިލުން ވަކިވާން ފެނޭތޯ ބެލުމަށް މިދިޔަ ހޮނިހިރު ދުވަހު ފޭދޫގައި ނެގި ވޯޓުގައި ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް 1،784 މީހަކު ވޯޓު ދީފައިވާއިރު، ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް ވޯޓު ދިނީ 616 މީހުންނެވެ.
މި ވޯޓުގައި ފޭދޫގެ 55.94 ޕަސެންޓު މީހުން ވޯޓުލާފައިވެ އެވެ.
މިއީ ދާދި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ނެގި ފުރަތަމަ ވޯޓެވެ.
އައިބީ އަށް ރައްޔިތުން ނޫނެކޭ ބުނެފި: ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ