ވެންޓިލޭޓަރު ޚިޔާނާތް: ސަރުކާރަށް 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓުން އަމުރުކޮށްފި
ކޮވިޑް-19ގެ ދުވަސްވަރު ދުބާއީ ކުންފުންޏަކަށް ފައިސާ ދެއްކި ނަމަވެސް އޯޑަރުކުރި ވެންޓިލޭޓަރުތައް ނުލިބުނު މައްސަލައިގައި, އެ ކުންފުނި ދިވެހި ސަރުކާރަށް 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން ވެސް އަމުރުކޮށްފިއެވެ. ކޮވިޑާ ގުޅިގެން ބޭނުންވި ވެންޓިލޭޓަރުތައް ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ އެކު ހެލްތު މިނިސްޓްރީން އެއްބަސްވުން ހެދީ އޭޕްރީލް 2، 2020 ގައެވެ. އެ މައްސަލައިގައި އެ ކުންފުނިން ރާއްޖެއަށް 34.5 މިލިއަން ރުފިޔާ ދައްކަން މޯލްޑިވިސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުން ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އަންގައިފައެވެ. އެ ފައިސާ ހޯދުމަށް ދުބާއީގެ ކޯޓުތަކަށް ހުށަހަޅާނެ ކަމަށް މިދިޔަ އަހަރުގެ މާރިޗް މަހު އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވިއެވެ. https://sun.mv/204762 "ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ މައްސަލަ ހުށަހެޅި ދުބާއީގެ ކޯޓުން އިއްޔެ ވަނީ، އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއި އެ ކުންފުނީގެ ހިއްސާދާރުން، ދިވެހި ސަރުކާރަށް ހަތް ދުވަހުގެ ތެރޭގައި 8.9 މިލިއަން ދިރުހަމް (37 މިލިއަން ރުފިޔާ) ދައްކަން އަމުރުކޮށްފައެވެ. އެގްޒެކިއުޓާސް ކުންފުނިން 75 ވެންޓިލޭޓަރު ވިއްކަން އެއްބަސްވެފައި ވީނަމަވެސް ފޯރުކޮށްދީފައި ވަނީ 10 ވެންޓިލޭޓަރެވެ. ނަމަވެސް، އެތަކެތި ގަތުމަށް ޚަރަދު ކުރަން ނިންމާފައިވާ 34 މިލިއަން ރުފިޔާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ބޭންކް ގެރެންޓީއާ ނުލައި 30 މިލިއަން ރުފިޔާ ވަނީ އެގްޒެކިއުޓާސްއަށް ދޫކޮށްފައެވެ. އެ މައްސަލައިގައި އޭސީސީން މީގެ ކުރިން ވަނީ ފަސް ފަހަރެއްގެ މަތިން ދައުވާކުރަން ފޮނުވައިފައެވެ. އެކަމަކު، އުންސުރުތައް ހަމަނުވާ ކަމަށް ބުނެ، ކޮންމެ ފަހަރަކު ވެސް ޕީޖީން ވަނީ އެ މައްސަލަ އަނބުރާ އަލުން ތަހުގީގުކުރަން ފޮނުވާލައިފައެވެ. ކުރީގެ ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ހިމެނޭހެން 10 މުވައްޒަފެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ހަތަރު ފަހަރެެއްގެ މަތިން ޕީޖީއަށް ފޮނުވުމުން ވެސް ވަނީ ތަހުގީގު ފުރިހަމަނުވާ ކަމަށް ބުނެ އަނބުރާ ފޮނުވާލާފައެވެ. އެހެންވެ، އެ ކޮމިޝަނުން ވަނީ ކުރީގެ މިނިސްޓަރު އަމީން ހިމެނޭހެން އަށް މީހެއްގެ މައްސަލަ ފައިލްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ