އިންޑިއާއިން ދަރަނި ފަސްކޮށްދިނުމުން ދޭހަވަނީ ރާއްޖެއަށް ކުރާ އިތުބާރު: ފިނޭންސް މިނިސްޓްރީ
ރާއްޖޭގެ އިގުތިޞާދު ނާޒުކު ދަނޑިވަޅެއްގައި އޮއްވައި، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ދައްކަން އޮތް 50 މިލިއަން ޑޮލަރުގެ ޓީބިލް ދެއްކުން, އިންޑިއާއިން ފަސްކޮށްދިނުމުން ހާމަވަނީ އެ ގައުމުން, ރާއްޖެއަށް ކުރާ އިތުބާރާއި ދެއްވާ އެހީތެރިކަން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ. އިއްޔެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ރާއްޖެއަށް ކަނޑައަޅާފައިވާ ހުންނަވާ އިންޑިއާގެ ސަފީރު ޖީ. ބާލަސުބްރަމާނިއަން ވަނީ ބައްދަލު ކުރައްވައިފައެވެ. އެ ބައްދަލު ކުރެއްވުމުގައި ވަނީ، މިއަދުގެ ނިޔަލަށް އެސްބީއައިއަށް ދައްކަން އޮތް 50 މިލިއަން ޑޮލަރުގެ ޓީބިލް ދެއްކުން ފަސްކޮށްދީފައެވެ. އެ ނިންމުމުން ހާމަވަނީ، އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެމުންދާ ދެމެހެއްޓެނިވި އިތުބާރާއި އެހީތެރިކަން ކަމަށް ފިނޭންސުން ވަނީ ބުނެފައެވެ. https://sun.mv/211477 ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: އިންޑިއާއިން ޓީބިލް ދެއްކުން ފަސްކޮށްދިނުމުން ހާމަވަނީ ރާއްޖެއަށްދޭ އިތުބާރު ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައި --- ފޮޓޯ/ ފިނޭންސް އެކަމުގެ އިތުރަށް، އިންޑިއާ ސަރުކާރުގެ ލައިންސް އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ފައިނޭންސްކުރެވޭ މުހިންމު ތަރައްޤީގެ މަޝްރޫޢުތަކުގެ ޕޯޓްފޯލިއޯއާ ގުޅޭގޮތުން ވެސް އެބައްދަލުވުމުގައި މަޝްވަރާ ކުރެއްވެވިއެވެ. އަދި، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އޮތް ފުރުޞަތުތަކާ މެދު ވަނީ މަޝްވަރާކޮށްފައެވެ. ފާހަގަކުރެވޭ ގޮތުގައި، މިދިޔަ މެއި 12ގައި ވެސް ވަނީ، އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދެއްކުން އިތުރު އެއް އަހަރަށް ފަސްކޮށްދޭން އެ ގައުމުން ވަނީ ނިންމާފައެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ވަނީ 50 މިލިއަން ޑޮލަރުގެ ތިން ޓީބިލު އެސްބީއައިއިން ނަގައިފައެވެ. އޭގެ ތެރެއިން އެއް ޓީބިލަށް ވީ ފައިސާ ޖަނަވަރީ 2024ގައި މި ސަރުކާރުން ވަނީ ދައްކައިފައެވެ. މި އަހަރަކީ ރާއްޖެއަށް ދަރަންޏަށް ގިނަ އަދަދެއްގެ ފައިސާ ދައްކަންޖެހޭ އަހަރެކެވެ. އެ ގޮތުން، މި އަހަރު އެކަނި 500 މިލިއަނެއްހައި ޑޮލަރު ދަރަންޏަށް ދައްކަންޖެހޭއިރު އަންނަ އަހަރު އެއް ބިލިއަން ޑޮލަރު ދަރަންޏަށް ދައްކަންޖެހެއެވެ. "އިންޑިއާ އައުޓް" ކެމްޕެއިނާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރާއި އިންޑިއާގެ ގުޅުން ފުރަތަމަ ކޮޅު އޮތީ ވަރަށް ގޯސްކޮށެވެ. ރާއްޖެ ކުޑަނަމަވެސް ބޮޑު ގައުމަކަށް "ބުލީ ނުކުރެވޭނެ" ކަމަށް ރައީސް ވިދާޅުވެސްވިއެވެ. އިންޑިއާއަކީ ރާއްޖެއަށް ބުލީކުރާ "ބޮޑު ބުލީ"އެއްނަމަ ރާއްޖެއަށް އެތައް ބިލިއަން ޑޮލަރެއްގެ އެހީތެރިކަން ފޯރުކޮށް ނުދިނީސްކަމަށް ވިދާޅުވެ، ރައީސް މުއިއްޒު އެ ދެއްކެވި ވާހަކަފުޅުތަކަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ވަނީ ރައްދު ވެސް ދެއްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ