ޚުޠުބާއިން ތިބާއަށް މަންފާކުރާވަރަށް ހުކުރަށްދާން އާދަކުރޭ!

ހުކުރަށް ދަނީ ކިހާއިރަކުތަ؟ ބައެއް މީހުން ހުކުރަށްދަނީ ވަރަށް ލަހުންނެވެ. އިހުގައި މަންމައިން ބުނާތީ އަޑުއިވެއެވެ. "ހުކުރަށް ތިޔަ ދަނީ ولذكر الله أكبرއަށެވެ!" އެ ބުނަނީ ހުކުރަށް ތިޔަ ދަނީ ޚުޠުބާ ނިމޭ އިރަށެވެ. ޚުޠުބާ ނިމޭ ވަގުތަށް ހުކުރަށް ދިޔުމަކީ ވަރަށް ބޮޑަށް ބޭއަދަބީ ކަމެކެވެ. މީހަކު ބުނީތީ އަޑުއެހީމެވެ. "އެ ކުދިން އެ ގަޑިއަށް (ޚުޠުބާ ނިމޭ ގަޑިއަށް) ވެސް ދާކަން ރަނގަޅެއް ނޫންހެއްޔެވެ!؟" މުޅިއަކުން ގޯސް ބުނުމެއް ނޫނެވެ. ހުކުރަށް ނުދިޔުމަށްވުރެ ދިޔުން ރަނގަޅު ވާނެއެވެ. އެހެނަސް ހުކުރަށް ދާން ވާނީ ހުކުރު ޚުޠުބާ އަޑުއަހާށެވެ. ހުކުރު ނަމާދަކީ މުސްލިމުންގެ ވަރަށް ބޮޑު އިޖްތިމާޢެކެވެ. އެއީ ހަފުތާގެ ބޮޑު ބައްދަލުވުމެވެ. އެ ބައްދަލުވުމުގެ އެންމެ ބޮޑު ކަމަކީ ﷲ ހަނދުމަކޮށް އެއިލަށް އަޅުކަން ކުރުމެވެ. ދުނިޔޭގެ ހުރިހާ ކަމެއް ދޫކޮށްފައި އެ ދުވަހުގެ ޒިކުރަށް (ﷲ ހަދުމަކުރުމަށް) އައުން އެއީ ގަދަވެސަލާމަތުން ރަށުގައި ޤާއިމުވެހުރި ކޮންމެ ފިރިހެނެއްގެ މައްޗަށް ވާޖިބުވެފައި އޮންނަ ކަމެކެވެ. އެ ދުވަހުގެ ނަމާދަށް ބަންގިދިނުމުން ވިޔަފާރިތައް ދޫކޮށް ﷲ ހަނދުމަކުޅައުމަށް އައުމަކީ އެ ދުވަހުގެ ބައްދަލުވުމުގައި އެ މުޖުތަމަޢުގެ އަފުރާދުންނަށް ދެވޭ ވަޢުޡާއި ނަސޭހަތް އަޑުއަހަން އައުމެވެ. އަދި އެ ނަސޭހަތް އަޑުއަހައި އީމާންތެރިކަން ތާޒާކުރުމަށް ނަމާދު ޤާއިމުކުރުމެވެ. އެއިލާހު ވަނީ ކީރިތި ޤުރުއާނުގައި މި ވާހަކަ ބަޔާންކުރައްވައިފައެވެ. ވަޙީކުރެއްވިއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِن يَوْمِ الْجُمُعَةِ فَاسْعَوْا إِلَىٰ ذِكْرِ اللَّهِ وَذَرُوا الْبَيْعَ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ﴾ ‎(الجمعة: ٩)‏ މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، ﷲ ހަނދުމަކުރުމަށް (އެބަހީ: ޚުޠުބާ އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، އެ ގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ." ހުކުރުދުވަހުގެ އެންމެ މުހިންމު ކަމަކީ ހުކުރު ނަމާދުގެ ޖަމާޢަތެވެ. އެ ދުވަހު ޖަމާވުމުގެ އެންމެ މުހިންމު ކަމަކީ ޚުޠުބާއެވެ. ޚުޠުބާއަކީ އެ މުޖުތަމަޢަކަށް ބޭނުންވާ ދީނީ ދިރުން ހޯދައިދޭ ބަޔާނެވެ. އެ ބަޔާން ބިނާވެގެން ވަނީ އެއިރަކު މުޖުމަޢުގައި ހިނގާ ކަންކަމުގެ މައްޗަށެވެ. ބައެއް ފަހަރު އެއީ އަޅުކަމުގެ މޫސުމްތައް ކައިރިވާތީ އެ ކަމަށް ތައްޔާރުވުމަށް ދެވޭ ނަސޭހަތެވެ. އަނެއްބައި ފަހަރު އެފަދަ މޫސުމްތަކުގެ ތެރޭ އަޅުކަމުގައި ހީވާގިވުމަށް ދެވޭ ހިތްވަރެވެ. އަނެއްބައި ފަހަރު އެފަދަ މޫސުމްތައް ނިމިދާތީ އޭގެ ފަހުގައި ވެސް އަޅުކަމުގައި ސާބިތުވުމަށް ހަނދާންކޮށްދޭ ހަނދާންކޮށްދުނިމެވެ. ހުކުރު ޚުޠުބާގައި މުޖްތަމަޢުގެ ހާލަތަށް ވެސް އަލިއަޅުވައިލާ އިރުޝާދުތަށް ބަޔާންވެގެން އާދެއެވެ. އެ ގޮތުން އިސްލާމީ މުޖުތަމަޢުތަކުން ފެންނަ ނޭދެވޭ ކަންކަން އިޞްލާޙުކުރުމަށް ގޮވައިލާގޮވައިލުމާއި އެ ކަންކަން ހުއްޓުވުމަށް ކުރާ އަމުރު ވެސް ހިމެނެއެވެ. އެ މުޖުތަމަޢުގައި ހުރި ރަނގަޅުކަންކަން ފާހަގަކޮށް އެފަދަ ކަންކަން ހެޔޮ ގޮތުގައި ދެމެހެއްޓުމުގެ މައްޗަށް ވެސް ޚުޠުބާގައި އަލިއަޅުވައިލައިފައި ހުރެއެވެ. އަދި ހަމައެހެންމެ އަޚުލާޤީ ގޮތުން މުޖުތަމަޢު ބިނާކުރުމާއި ބޭއަދަބީ ސިފަތަށް ނައްތައިލުމަށް ނަސޭހަތްދިނުން ވެސް އޭގައި ހިމެނެއެވެ. ކޮންމެ މައުޟޫޢެއްގެ ޚުޠުބާއެއް ކަމުގައި ވިޔަސް އޭގެ އެންމެ އަސާސީ ސިފަތަކަކީ މާތް ﷲއަށް ބިރުވެތިވެ ތަޤުވާވެރިވުމަށް ގޮވައިލުމާއި އިސްލާމްދީން މަތިވެރިކުރުމާއި އެ ދީނުގެ ޝިޢާރުތައް ފާޅުކުރަން ހަނދާންކޮށްދިނުމެވެ. ކަން މިހެން އޮތްއިރު ހުކުރު ޚުޠުބާ ނިމޭ ވަގުތަށް ހުކުރަށް ދާ މީހާއަށް އޮތީ ކޮން ފައިދާއެއްތޯއެވެ؟ މިސްކިތުގައި ދޭ ޚުޠުބާއިން އޭނާއަށް ކުރާނެ އެއްވެސް މަންފާއެއް ނޯންނާނެއެވެ. އޭނާގެ އަމިއްލަ ނަފުސަށް ނަސޭހަތް ލިބޭ މީހަކު ކަމުގައި އޭނާ ނުވެއެވެ. އޭނާގެ އުޅުމާއިގުޅުން އިޞްލާޙުނުވަންޏާ އޭނާގެ ޢާއިލާއަކަށް އޭގެން ލިބޭނެ އުފަލެއް ނެތެވެ. އޭނާ ދިރިއުޅޭ މުޖުތަމަޢަށް ވެސް އޭނާގެ ފުށުން ކުރާނެ އެއްވެސް މަންފާއެއް ނޯންނާނެއެވެ. އެހެންކަމުން ހުކުރު ޚުތުބާ ފެށުމުގެ ކުރިން ހުކުރަށް ދެވޭތޯ ކޮންމެ މީހަކު ވެސް ބަލަންވާނެއެވެ. ހުކުރު ޚުޠުބާ ފެށުމުން ކަނުލާ އަޑުއަހަންވާނެއެވެ. އޭގައި ދައްކާ ވަހަކައަށް އިޖާބަދީގެން ސަމާލުވެ އިންނަން ވާނެއެވެ. ޚުޠުބާއިން ސަމާލުކަން އެނބުރޭނޭ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. ތިމާގެ އަމިއްލަ ނަފުސާއެކީ ވެސް މަޝްޣޫލުވެގެން ނުވާނެއެވެ. ބައެއް މީހުން ފޯނާކުޅުމާއި ނިޔަފަތިކޮށްޓުމާއި އިނގިލިކުރިން ހަން ނޮޅުމުގައި އަވަދިނެތި އުޅޭތީ ފެނެއެވެ. އޭނާއަށް ޚުޠުބާއިން ލިބޭނީ ވަރަށް ކުޑަމިންވަރެކެވެ. އަދި އަނެއްބަޔަކު ތިމާގެ ވަށައިގެން ތިބޭ މީހުންނަށާއި ކަންކަމަށް ބެލުމުގައި ޚުޠުބާއިން ސަމާލުކަން އަނބުރައިލައިގެން ތިބެއެވެ. ދޮރުދޮރުން ވަންނަ މީހުންނަށް ބަލައި އެ މީހުންގެ ހަރަކަތްތަކަށް ހުއްޓުމެއްނެތި ބެލުމުގައި ތިއްބައި ޚުޠުބާ އަވަދިވެދާނެއެވެ. އަނެއްބަޔަކު ވާހަކަ ދެއްކުމުގައި ވެސް އުޅޭތީ ފެނެއެވެ. މިއަކީ އެއްގޮތަކަށް ވެސް ކުރުން ހުއްދަވާނޭ ކަންކަމެއް ނޫނެވެ. މީހަކު ތިމާއާ ވާހަކަ ދެއްކިޔަސް، ވާހަކަ ނުދައްކާށޭ އޭނާ ގާތު ބުނުން ވެސް ރަސޫލާ ﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّم ވަނީ މަނާކުރައްވައިފައެވެ. ވީމާ ހުކުރަށް ދާ ދިޔުމަކީ ޚުޠުބާ ނިމި ولذكر الله أكبرކިޔާ ހިސާބަށް ދާދިޔުން ކަމުގައި ނުހަދާށެވެ. ޚުޠުބާއިން ތިބާއަށް މަންފާކުރާވަރަށް ހުކުރަށްދާން އާދަކުރާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ