ދަނޑުވެރީން ރަނގަޅު އާދަތަކަށް އަހުލުވެރިކޮށް، ކާނާގެ ސިއްހީ ރައްކާތެރިކަން ޔަގީންކޮށްދޭން ވޯކްޝޮޕެއް

މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް (އެމްގެޕް) ނުވަތަ ދަނޑުވެރިކަމުގެ ރަނގަޅު އާދަތަކަށް ދަނޑުވެރީން އަހުލުވެރިކޮށް، ރާއްޖޭގައި ހައްދާ ކާނާ ގަންނަ މީހުންނަށް އެ ތަކެތީގެ ސިއްހީ ރައްކާތެރިކަން ޔަގީންކޮށްދިނުމަށް އަމާޒުކޮށް ވޯކްޝޮޕެއް ބާއްވައިފިއެވެ. ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން، އެމްގެޕް މިންގަނޑަށް ދަނޑުވެރިން އަހުލުވެރިކުރުމަށާއި އެ މިންގަނޑު ކުރިއެރުވުމަށް ވޯކްޝޮޕެއް ކުރިއަށްގެންދިޔައީ އިއްޔެއާއި މިއަދެވެ. އެ ވޯކްޝޮޕްގައި ރާއްޖޭގެ 22 ރަށަކުން 55 މީހުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ހިމެނުނީ ކޮންމެ ރަށަކުން ކައުންސިލްގެ އޮފިޝަަލަކާއި ދަނޑުވެރިއެކެވެ. އެ ވޯކްޝޮޕްގައި ރަނގަޅު އާދަތަކުގެ ތިއަރީ ބައި ކުރިޔަށް ގެންދަނީ މާލޭ ސިޓީގައެވެ. އެއަށް ފަހު، ޕްރެކްޓިކަލް ބައި ކުރިއަށް ގެންދިޔައީ ތޮއްޑޫގައެވެ. އެ ވޯކްޝޮޕް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ އެ ވޯކްޝޮޕަކީ ހަމައެކަނި ތަމްރީނު ޕްރޮގްރާމަކަށްވުރެ މާ މުހިންމު ކަމެއް ކަމަށެވެ. އެ މިންގަނޑަށް އަމަލުކުރުމަކީ، ގައުމުގެ ދަނޑުވެރިކަމުގެ ދަތުރުގައި އައި މުހިންމު ބަދަލެއްގެ ފެށުން ކަމަށް އޭނާ ވިދާޅުވިއެވެ. އެމްގެޕްއަކީ ހަމައެކަނި ކަރުދާހުގައިވާ ޝިއާރުތަކެއް ނޫން. މިއީ އަޅުގަނޑުމެންގެ ދަނޑުވެރިންނަށް ލިބޭ ޝަރަފެއް، އަޅުގަނޑުމެންގެ ބާޒާރުން ކާނާ ގަންނަ ފަރާތްތަކަށް ލިބޭނޭ ސިއްހީ ރައްކާތެރިކަމުގެ ޔަގީންކަމެއް. އަދި އަޅުގަނޑުމެންގެ ރަށްރަށަށް މޫސުމީ ބަދަލުތަކުން އަތުވެދާނޭ ނުރައްކަލުން ސަލާމަތްވާން ލިބޭ ހިތްވަރަކާއި ބާރެއް. މިއީ ކުދި ރަށްތަކުގައި ކުރާ ދަނޑުވެރިކަން ވެސް ބައިނަލްއަގުވާމީ ފެންވަރަށް ގެނެވިދާނެކަން ސާބިތުކޮށްދޭ ފުރިހަމަ ނިޒާމެއް.ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވަޒީރު ވިދާޅުވީ ދަނޑުވެރިކަމުގެ ދާއިރާގައި ހޯދަމުން އަންނަ ކުރިއެރުންތަކާ މެދު އުފާ ކުރައްވާކަމަށެވެ. އެގޮތުން ހަމައެކަނި މިދިޔަ އަހަރަށް ބެލި ކަމުގައި ވިޔަސް، ޔޫއެންޑީޕީގެ މަޝްރޫޢެއްގެ ދަށުން 50 ދަނޑުވެރިން ތަމްރީނު ކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މާރިޔާ ވިދާޅުވި ގޮތުގައި، އެންމެ ފާހަގަކޮށްލެވޭ ކުރިއެރުމަކީ އެ ދާއިރާއިން، ފުރަތަމަ ފަސް މޮޑިއުލް ފުރިހަމަކޮށް، 10 ދަނޑެއް އެމްގެޕް ސެޓިފައިވުމެވެ. އެމްގެޕްގެ ސްޓެންޑަރޑަށް ދަނޑުވެރިން އަހުލުވެރިކުރުމާއި، ސްޓެންޑަރޑް ކުރިއެރުވުމުގެ ގޮތުން ބޭއްވި މަސައްކަތު ބައްދަލުވުމުގެ ތެރެއިން. އެ ވުޒާރާއިން ބުނި ގޮތުގައި، މިހާތަނަށް ރާއްޖޭގައި އެމްގެޕް ސެޓިފައިވަނީ ށ. ގޮއިދޫގެ 10 ދަނޑެކެވެ. ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން އެ ވޯކްޝޮޕް ބޭއްވިއިރު، ރާއްޖޭގެ ބައެއް ދަނޑުތަކުގައި ކާނާ ހައްދާއިރު އަމަލުކުރާ ގޮތާ ގުޅޭ ގޮތުން ކަންބޮޑުުވުންތަކެއް އޮތީ އުފެދިފައެވެ. https://sun.mv/215019 އޭގެ ތެރޭގައި، ބ. ގޮއިދޫގައި ދަނޑުތަކުގައި ޕެސްޓިސައިޑް ބޭނުންކުރާ ގޮތުގެ ކަންބޮޑުވުންތަކެއް ވެސް ހިމެނެއެވެ. އެ ރަށުގެ ރައްޔިތަކު ވަނީ އެ މައްސަލަ ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ ސަމާލުކަމަށް ގެނެސް، 500އެއްހާ މީހުން ދިރިއުޅޭ އެ ރަށުގައި ފަސް އަހަރުން ނުވަ މީހަކަށް ކެންސަރު ޖެހިފައިވާކަން ފާހަގަކޮށް ސިއްހީ ވުޒާރާއަށް ވެސް ސިޓީ ފޮނުވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ