މުޅިން އާ ފީޗާތަކަކާއެކު އެޕަލް ވޮޗް ސީރީސް 11 ނެރެފި

އެޕަލް ކުންފުނިން އެޕަލް ވޮޗްގެ އެންމެ ފަހުގެ ސީރީސް ކަމަށްވާ "އެޕަލް ވޮޗް ސީރީސް 11" ރަސްމީކޮށް ދައްކާލައިފިއެވެ. މި އާ ވޮޗްގައި ކުރީގެ ސީރީސްތަކާ ބަލާއިރު ފަރުމާއާއި ފީޗާސްގެ ގޮތުން ބޮޑެތި ބަދަލުތަކެއް ހިމެނެއެވެ. ސީރީސް 11 އަކީ އެޕަލް އިން މިހާތަނަށް ނެރުނު އެންމެ ތުނި އަދި އެންމެ ލުއި އެއް ވޮޗް ކަމަށް އެ ކުންފުނިން ބުނެއެވެ. މީގެ އިތުރުން، މިއީ ކުރިއަށްވުރެ މާ ވަރުގަދަ އަދި މޮޅު ވޮޗެއް ވެސްމެއެވެ. މި ވޮޗްގެ ކޭސްތައް ޓައިޓޭނިއަމް އަދި 100 ޕަސެންޓު ރީސައިކަލް ކުރެވިފައިވާ އެލްމިނިއަމްއިން ލިބެން ހުންނާނެއެވެ. ޓައިޓޭނިއަމް ކޭސްތަކުގެ ކުލަތަކުގެ ތެރޭގައި ޖެޓް ބްލެކް، ސިލްވާ، ރޯޒް ގޯލްޑް، ސްޕޭސް ގްރޭ، ނެޗުރަލް، ގޯލްޑް، އަދި ސްލޭޓް ހިމެނެއެވެ. މި ފަހަރުގެ ވޮޗްގައި ސިއްހަތާ ގުޅޭ މުޅިން އާ ފީޗާސްތަކެއް ވަނީ ހިމަނާފައެވެ. އެގޮތުން، "ސްލީޕް ސްކޯ" ފީޗާގެ އެހީގައި ނިދީގެ ފުންމިނާއި، ނިދީގައި ހޭލެވޭ އަދަދު އަދި ނިދީގެ އެކި މަރުހަލާތައް ދެނެގަނެ، ނިދީގެ ފެންވަރު ވަޒަންކޮށްދޭނެއެވެ. މި ފީޗާ ތަރައްގީކޮށްފައި ވަނީ އެޕަލް ސްލީޕް ސްޓަޑީގެ ދަށުން ފަސް މިލިއަން ރޭގެ ނިދި ދިރާސާކޮށްގެންނެވެ. ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި "ލޭގެ ޕްރެޝަރު މޮނިޓަރިން" ފީޗާ މި ވޮޗްގައި ހިމެނޭއިރު، މީގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވުންފަދަ ކަންކަން ދެނެގަތުމަށް އެހީތެރިވެދޭނެއެވެ. އަދި އާ ވޮޗް އޯއެސް 11 އާއެކު ރޭގަނޑުގެ ނިދީގައި ހަށިގަނޑުގެ މުހިންމު މައުލޫމާތުތައް ބަލައި، ދުވަހުގެ ސިއްހީ ހާލަތު ދެނެގަތުމަށް ފަސޭހަވާނެއެވެ. ކަސްރަތުގެ ސަބަބުން ހަށިގަނޑަށް އަންނަ ބަދަލުތައްވެސް މި ފީޗާއިން ދައްކުވައިދޭނެއެވެ. އެޕަލް ވޮޗް ސީރީސް 11 ގައި މުޅިން އާ ޕްރޮސެސަރެއް ބޭނުންކޮށްފައިވުމުގެ އިތުރުން، 5ޖީ ސެލިއުލާ ޓެކްނޮލޮޖީވެސް ހިމަނާފައިވެއެވެ. މީގެ ސަބަބުން ވޮޗްގެ ސްޕީޑް އަދި ކަނެކްޝަންގެ ފެންވަރު ރަނގަޅުވެގެންދާނެއެވެ. އަދި ކުރިއަށްވުރެ އަވަހަށް ޗާޖުކުރެވޭނެ ފީޗާއެއްވެސް ހިމަނާފައިވެއެވެ. މި ވޮޗްގެ ސްކްރީން ކުރިއަށްވުރެ އަލިގަދަ ވާނެކަމަށް ބެލެވޭއިރު، ސްޕީކަރުގެ އަޑުވެސް ވަނީ ވަރަށް ރަނގަޅު ކޮށްފައެވެ. މީގެ އިތުރުން، "ވޯކްއައުޓް ބަޑީ" ނަމަކަށް ކިޔާ އާ ފީޗާއެއް ހިމަނާފައިވާއިރު، މީގެ އެހީގައި އެޕަލް އިންޓެލިޖެންސް ބޭނުންކޮށްގެން ކަސްރަތާ ގުޅޭގޮތުން ޚާއްސަ ލަފަޔާއި އިރުޝާދު ދޭނެއެވެ. އެޕަލް ވޮޗް ސީރީސް 11އަކީ ހަމައެކަނި ސްމާޓްވޮޗެއް ނޫނެވެ. މިއީ ސިއްހަތާއި ދުޅަހެޔޮކަމަށް ސަމާލުކަންދޭ މީހުންނަށް ޚާއްސަކޮށްގެން ނެރެފައިވާ ވަރަށް ބޭނުންތެރި މޮޅު އުފެއްދުމެކެވެ. މި ވޮޗްގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް އެޕަލްއިން ވަނީ ލަފާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ