އުރީދޫން ރާއްޖެއަށް ޕޭޕަލް ހިދުމަތް ތައާރަފުކުރަނީ
ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ފެށުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާކަން މިއަދު އިއުލާންކޮށްފި އެވެ.ޕޭޕަލް އާއި އުރީދޫ ފިންޓެކް ގުޅިގެން އެ ހިދުމަތް ރާއްޖެއަށް ތައާރަފުކުރާ ގޮތަށް ހަމަޖެހި، އަންނަ އަހަރު ތެރޭ ހިދުމަތް ފަށަން ތައްޔާރުވަމުންދާ ކަމަށް އޫރިދޫއިން ބުންޏެވެ.މި ޕާޓްނަޝިޕްގެ ސަބަބުން ރާއްޖޭގެ ވިޔަފާރިވެރިންނާއި އަމިއްލަ ފަރުދުންނަށް ވެސް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެކަން އުރީދޫ އިން ފާހަގަކުރެ އެވެ.އުރީދޫ އިން ބުނީ އަންނަ އަހަރު ތައާރަފް ކުރަން ހަމަޖެހިފައިވާ ޕޭޕަލް ހިދުމަތާއިއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕޭޕަލްގެ ހިދުމަތް ގަބޫލުކުރާ ކޮންމެ ވިޔަފާރިއަކާއެކުވެސް ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށްވެސް ވިޔަފާރިކޮށް، ޕޭޕަލް އަދި އެމްފައިސާ އެކްއުންޓްތަކުން ފައިސާގެ މުއާމަލާތް ކުރެވޭނެ ކަމަށެވެ.މީގެ އިތުރުން ރާއްޖޭގެ ވިޔަފާރިތަކަށް ބައިނަލްއަގުވާމީ ކަސްޓަމަރުންނާ ހަމައަށް ވާސިލުވެ، ވިޔަފާރި ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށާއި މިއީ ރާއްޖެ ޑިޖިޓަލް އިކޮނޮމީއަކަށް ކުރާ ދަތުރުގައި ކުރިއަށް ދިޔުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށް އުރީދޫން ބުނެފައިވެ އެވެ.މި ހިދުމަތާއި ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އުރީދޫ ފިންޓެކް އަދި ޕޭޕަލް ގުޅިގެން ޕޭޕަލް ވޮލެޓް އަދި އެމްފައިސާ ވޮލެޓް ގުޅާލެވުމަކީ ރާއްޖެއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ."އަޅުގަނޑުމެންގެ އުއްމީދަކީ އަންނަ އަހަރު މި ޚިދުމަތް ފެށިގެން ދިޔުމާއެކު ދުނިޔޭގެ އެކި ހިސާބުގައި ވިޔަފާރި ކުރެވި ދިވެހިންނަށް އާ ފަހި ފުރުސަތުތަކެއް ރާއްޖޭގައި ތިބެގެން ލިބުން،" ސައީދު ވިދާޅުވި އެވެ.މި އެއްބަސްވުމާއެކު ރާއްޖޭގެ އިގްތިސާދު އިތުރަށް ވަރުގަދަވެ ރާއްޖެއާއި ދިވެހިން ދުނިޔޭގެ ޑިޖިޓަލް އިކޮނޮމީގައި ފައިހަމަކުރެވި، ޑިޖިޓަލް ބައިބައިވުންތައް ނައްތާލެވި ދިވެހިން ކުރިއަރައިގެންދާނެ ކަމަށް ސައީދު ވިދާޅުވި އެވެ. މިދިޔަ ޖޫން މަސްތެރޭ އެމްއެމްއޭ އިން ބުނެފައިވާގޮތުގައި ޕޭޕަލް ހިދުމަތަށް ރާއްޖޭގައި އެކަށީގެންވާ ޑިމާންޑެއް އޮތް ކަމަށް އާންމުންގެ ހިޔާލުތަކުން ދޭހަވާތީ ޕޭޕަލްގެ ސަރަހައްދީ އޮފީހާ އެކު 2020 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް މަޝްވަރާ ކުރި އެވެ. އެކަމަކު އެ ހިދުމަތް ރާއްޖޭގައި ނުފެށި އޮތީ އެ ކަމަށް ގާނޫނީ ހުރަސްތަކެއް ހުރުމަށް ވުރެ ބޮޑަށް އެ ކުންފުނީގެ އިސްތިރާޖީ ނުވަަތަ ވިޔަފާރީގެ ނިންމުމަކާ ގުޅިގެން ކަމަށް އޭރު ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ