ކައުންސިލަރުންގެ އަދަދު މަދުކުރުމަކީ ރައްޔިތުން އެދޭގޮތް ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އަތޮޅު ކައުންސިލްތައް އުވާލައި، ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލެއް ފޮނުވާފަ އެވެ. އެ ބިލު އިއްޔެ ވަނީ މަޖިލީހަށް ބަލައިގަނެ ވަގުތީ ކޮމިޓީއަކަށް ފޮނުވާފަ އެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަމުން މިނިސްޓަރު ޝަރީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ސީދާ އިރުޝާދާއި ލަފާފުޅުގެ ދަށުން ރައްޔިތުން ދެކޭގޮތް ބެލުމަށްޓަކައި ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ދިރާސާއެއް ކޮށްފައިވާ ކަމަށެވެ.
"އެ ދިރާސާއިން އެނގުނު ގޮތުގައި މިހާރު އޮތް އަދަދަށް ވުރެ ކައުންސިލްގެ އަދަދު ކުޑަކުރުން އެއީ މުހިއްމު ކަމެއް ކަމަށް ރައްޔިތުންނަށް ފާހަގަކުރެވިފައި އޮތީ،" މިނިސްޓަރު ވިދާޅުވި އެވެ.
މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު މަޖިލީހަށް ހުށަހެޅި ބިލުގައިވާ ގޮތުން ކުދި އާބާދީތަކުގެ ކައުންސިލަރުންގެ އަދަދަކީ ތިނެކެވެ. އަދި 2،000 ވުރެ ގިނަ އާބާދިތަކުގެ ރަށު ކައުންސިލް މެމްބަރުންގެ އަދަދަކީ ފަހެކެވެ.
ބިލުގައި ބުނެފައިވާ ގޮތުން ކުދި އާބާދީތަކަށް އިންތިހާބު ކުރާ ކައުންސިލަރުންގެ އެއް ގޮނޑި އަންހެނަކަށް ހާއްސަ ކުރަންވާނެ އެވެ. އަދި ބޮޑެތި އާބަދީތަކުގެ ކައުންސިލްތަކަށް އިންތިހާބު ކުރާ ދެ މެމްބަރުންގެ ގޮނޑި އަންހެނުންނަށް ހާއްސަ ކުރަންވާނެ އެވެ.
މި ބިލުގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ވަނީ ބޮޑެތި ބާރުތަކެއް ދީފައިވެ އެވެ.
ކައުންސިލަރުންގެ އަދަދު މަދުކުރުމަކީ ރައްޔިތުން އެދޭގޮތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ