ރައުދު ކުށަށް އިއުތިރާފްވެއްޖެ، އަވަސް ނިޔާގެ އަޑުއެހުމެއް އަންނަ ބުދަ ދުވަހު

މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ތުހުމަތު ކުރެވޭ ރައުދު އަހުމަދު ޒިލާލުގެ މައްޗަށް އުފުލާފައިވާ ދަޢުވާއަށް އޭނާ އިއުތިރާފްވެއްޖެއެވެ.
މި އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ރައުދުގެ މައްޗަށް އުފުލާފައި ވަނީ  އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއްނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދައުވާ އެވެ. އެއީ ޔުމްނު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިކަންދީފައިނުވާތީ އާއި އޭނާއަށް އެހީތެރިކަން ހޯދުމަށް ކަމާގުޅުން ހުރި އެއްވެސް އިދާރާއަކަށް  ރިޕޯޓުކޮށްފައި ނުވާތީ ކަމަށް ޕީޖީ އޮފީހުން ކުރިން ބުންޏެވެ.
ޕީޖީ އޮފީހުން ރޭ ބުނީ ރައުދު އަޙްމަދު ޛިލާލްގެ މައްޗަށް ދައުވާ ކޮށްފައިވާ މައްސަލާގައި އިއުތިރާފުގެ އެއްބަސްވުމެއް ވުމަށް އެދި އޭނާ ހުށަހެޅިކަމަށެވެ. ނަމަވެސް އިއުތިރާފުގެ އެއްބަސްވުމެއް ނުހެދުމަށް ޕީޖީ އޮފީހުން ނިންމާފައިވާކަމަށް އެ އޮފީހުން ބުންޏެވެ.
''އިއްޔެ (ބުދަ ދުވަހު) ބޭއްވުނު މައްސަލައިގެ އަޑުއެހުމުގައި އޭނާ ކުށަށް ވަނީ އިޢުތިރާފުވެފައި،'' ޕީޖީ އިން ރޭގައި ބުންޏެވެ.
ރައުދު ކުށަށް އިއުތިރާފްވެފައިވުމާއެކު އޭނާގެ މައްސަލަ ނިންމުމަށް އަވަސްނިޔާގެ އަޑުއެހުން މިމަހު 26 ވަނަ ދުވަހަށް (އަންނަ ބުދަ) ވަނީ ތާވަލުކޮށްފައިކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.
ރައުދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް ރައުދު ކުށަށް އިއުތިރާފްވުމުން އޭނާގެ މައްޗަށް އެ އަދަބަށްވުރެ ލުއި އަދަބެއް ކަނޑައެޅިދާނެއެވެ. ރައުދު ވަނީ މި މައްސަލައިގެ ތަހުގީގު މަރުހަލާގައި މަހެއްހާ ދުވަހު ހައްޔަރުގައި ބަހައްޓާފައިކަމުން، އޭނާގެ މައްޗަށް އަންނަ ހުކުމެއްގެ އަދަބު ތަންފީޒުކުރާނީ އެ މުއްދަތު އުނިކުރުމަށްފަހުކަމަށްވާތީ، ރައުދުގެ މައްޗަށް އަންނަ ހުކުމް ތަންފީޒުކުރުމަށް ބަންދުގައި ހުންނަންޖެހޭ މުއްދަތު ކުރުވެގެންދާނެއެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ