ގައުމާ އެއްކޮޅަށް ނުވިސްނައި ގާފިލުވެ ތިބިއްޔާ ނިކަން ފަސޭހައިން މިނިވަންކަން ގެއްލިދާނެ: ރައީސް

ގައުމާ އެއްކޮޅަށް ވިސްނުން ބެހެއްޓުމުގެ ބަދަލުގައި ގާފިލުވެގެން ބަޔަކު ތިބިއްޔާ، މި ޒަމާނުގައި ނިކަން ފަސޭހައިން މިނިވަންކަން ގެއްލިގެން ހިނގައިދާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - ރައީސް މިހެން ވިދާޅުވީ، މީގެ 37 އަހަރުން ކުރިން 3 ނޮވެމްބަރުގައި ލަންކާގެ ބަޔަކާ ގުޅިގެން ރާއްޖޭގެ ވެރިކަން ވައްޓާލަން ދިން ހަމަލާއިން ގައުމު ސަލާމަތްކޮށް ހޯދި ނަސްރުގެ ހަނދާނުގައި ފާހަގަކުރާ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.
ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ ކުރީގައި ގައުމުތައް އަޅުވެތިކުރަން ނުކުންނަނީ ހަތިޔާރު ހިފައިގެން ކުރިމަތިލައިގެން ކަމަށްވިއަސް ބަވަނަވެފައިވާ މިއަދުގެ ދުނިޔޭގައި އެ ކަމަށް ހަތިޔާރު ބޭނުންކުރާކަށް ނުޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި ހިދާޔަތުގައި ތިބި ބައެއްކަން، އެއް ބަހަކުން ވާހަކަ ދައްކާ އެއް ނަސްލެއްގެ ބައެއްކަން، މި އެއްބައިވަންތަކަން ގެއްލުވާލުމަކީ މިހާރު ކޮންމެހެން ކަނޑިއާއި ބަޑި ހިފައިގެން ކުރަން ޖެހޭ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.
"މިއަދު މި ޓެކްނޮލޮޖީގެ ޒަމާނުގައި މިނިވަންކަން ގެއްލިގެން ގޮސްދާނެ އަޅުގަނޑުމެން ގާފިލުވެ ތިބިއްޔާ."
އެމަނިކުފާނު ވިދާޅުވީ މިއަދު އެންމެ ބޮޑު ހަތިޔާރަކީ ފިކުރު ކަމަށެވެ. މިއަދު މިނިވަންކަމާ ހަނގުރާމަ ކުރަން ޖެހެނީ ސިކުނޑި އާއި ކޮންމެ މީހަކު ވެސް ހިޔާލުފާޅުކުރަން ބޭނުންކުރާ ފޯނު ފަދަ އިލެކްޓްރޯނިކް މީޑިއަމްތަކުން ކަމަށް ވިދާޅުވި އެވެ.
އެހެންވެ، މިއަދު ޔުނީފޯމު އެޅި ހިދުމަތްތެރިންގެ އިތުރުން ކޮންމެ ފަރުދަކަށް ވެސް ގައުމުގެ މިނިވަންކަމުގެ ދިފާއުގައި ޒިންމާއެއް އެބަ އޮތް ކަމަށް ވިދާޅުވި އެވެ. އެއީ އަމިއްލަ މަސްލަހަތަށް ވުރެ ގައުމު އިސްކޮށް، ގައުމާ އެއްކޮޅަށް ކޮންމެ މީހަކު ވެސް ވިސްނުންކަން ފާހަގަކުރެއްވި އެވެ.
"އެ މީހެއްގެ ވިސްނުން ގައުމާ އެއްކޮޅަށް ބަހައްޓަން އަޒުމު ކަނޑައަޅައި ރެއާއި ދުވާލު ތިބެއްޖެނަމަ، މި ގައުމާ މެދު ކަންބޮޑުވާކަށް ނުޖެހޭނެ،" ރައީސް ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ރާއްޖޭގެ މިނިވަންކަން ގެއްލިފައިވާ ކޮންމެ ފަހަރަކު ދިވެހިންގެ ބަޔަކު އޭގައި ބައިވެރިވެފައި ތިބިކަން ވެސް ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.
"އޭރުގައި ވެސް މިނިވަންކަން ނަގާލީ ދިވެހިންގެ ކޮންމެ ވެސް ބަޔަކު ބޭރުގެ ބަޔަކާ ބައިވެރިވެގެން. ކޮންމެ ފަހަރަކު ވެސް،" ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ