މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއިން ވަކި ކުރިކަން މަޖިލީހުގެ އިދާރާއިން މިއަދު ރަސްމީކޮށް އިއުލާނުކޮށްފި އެވެ.
އިޖްތިމާއީ ކޮމިޓީގެ މުގައްރިރުކަން ކުރައްވަމުން ގެންދެވި އަސްމާ އެ ކޮމިޓީއިން ވަކި ކުރީ، ރައީސް މުހައްމަދު މުއިއްޒު މާފަންނުގެ ރައްޔިތުންނާއެކު ބާއްވަން ނިންމާފައިވާ ބައްދަލުވުމުގައި ސުވާލު ކުރަން ބޭނުންވާ މީހުންގެ ނަން ފޮނުވަން އަސްމާ އެދިވަޑައިގަތުމުންނެވެ.
އަސްމާގެ މެސެޖާ ގުޅިގެން އޭނާއަށް ފިޔަވަޅު އަޅަން މުއިއްޒު ނިންމެވިކަން އަސްމާގެ އަރިސް ބައެއް ބޭފުޅުން އަދަދު ނޫހަށް ކަށަވަރުކޮށްދިނީ ހުކުރު ދުވަހު އެވެ. އެކަން މަޖިލީހުން ރަސްމީކޮށް އިއުލާނުކުރީ މިއަދުގެ ޖަލްސާގަ އެވެ.
ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކޮމިޓީގެ މުގައްރިރުކަން ކުރައްވަމުން ގެންދެވި އަސްމާގެ ބަދަލުގައި ޕީއެންސީ އިން އިޖުތިމާއީ ކޮމިޓީއަށް އައްޔަން ކުރީ ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ އެވެ.
ކޮމިޓީން ވަކިކުރުމުގެ އިތުރުން ޔޫކޭ-މޯލްޑިވްސް ފްރެންޑުޝިޕްގެ ގްރޫޕްގެ ޗެއާގެ މަގާމުން ވެސް އަސްމާ ވަނީ ވަކިކޮށްފަ އެވެ. އަދި، މުއިއްޒު މިހާރު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ކުރިން އަސްމާ ބައިވެރިވާން އޮތް އޮތުން ވެސް މުއިއްޒު ކެންސަލް ކުރެއްވި އެވެ.
މީގެ އިތުރުން، ޕީއެންސީގެ ޕީޖީ ގްރޫޕުގެ ވަޓްސްއެޕް ގްރޫޕަށް އަދި އަސްމާ އަށް ވަކިން މުއިއްޒު ވަނީ ނުރުހުމުގެ މެސެޖުތަކެއް ފޮނުއްވައިފަ އެވެ.
ޕީއެންސީގެ މަޖިލިސް މެންބަރުން ތިބޭ ގްރޫޕަށް އަސްމާ ޓެގް ކުރައްވައި މުއިއްޒު ފޮނުއްވި ފުރަތަމަ މެސެޖުގައި ވިދާޅުވެފައި ވަނީ އަސްމާގެ މެސެޖާ ހެދި އެ މަނިކުފާނުގެ އިސްތަށިފުޅުގައި ބަދުނާމެއް އެޅިއްޖެ ކަމަށެވެ.
"[އެހެންވެ] ޕަބްލިކްލީ އެޕްލޮޖައިޒު ކުރައްވާ ދާއިރާގެ އެންމެނަށް ފޮނުވި މެސެޖުއާ ގުޅޭ ގޮތުން. އަޅުގަނޑު ބޮލުގައި ބަދުނާމެއް އެޅިއްޖެ، އެ މެސެޖާ ހެދި،" މުއިއްޒު އެންގެވި އެވެ. "ދަންނަވާ އެއީ ތިމަންނަ އަމިއްލަ އަށް ކުރި މެސެޖެއް ކަމާއި، އަޅުގަނޑުގެ އެއްވެސް މަޝްވަރާއެއް ނެތި ކުރި މެސެޖެއް ކަމަށް."
ދެ ވަނަ މެސެޖުގައި މުއިއްޒު ވިދާޅުވީ ކޮންމެ ސުވާލެއް ކުރެއްވިޔަސް ކަންބޮޑުވުމެއް ނެތް ކަމަށާއި އެހެންވެ، ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުންތައް، އަސްމާގެ މެސެޖުގެ ސަބަބުން "ހަޑިކޮށްލައިފި" ކަމަށެވެ.
"އަޅުގަނޑު މީ އެއްވެސް މީހަކު ކޮންމެ ކަހަލަ ސުވާލެއް ކުރިޔަސް ކަންބޮޑުވާ މީހެއް ނޫން. އަޅުގަނޑު މިހާ އޯޕަންކޮށް ބައްދަލުވުންތައް ބާއްވަމުން ދާއިރު އެކަން ހަޑިކޮށްލި ކަމަކަށް މި މެސެޖު ވެއްޖެ. އަައިއޭމް އެކްސްޓްރީމްލީ ޑިސްއެޕޮއިންޓެޑް ވިތު ޔޫ، އަސްމާ،" މުއިއްޒުގެ މެސެޖުގައިވެ އެވެ.
މި މެސެޖުތަކަށްފަހު އަސްމާ ވަނީ ރައްޔިތުންގެ ކިބައިން މައާފަށް އެދި ބަޔާނެއް ވެސް ނެރެފަ އެވެ.
އަސްމާއަށް މިފަދަ ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވަން މުއިއްޒު ނިންމެވިއިރު، މާފަންނު ބައްދަލުވުމުގައި ހިޔާލުފާޅު ކުރަން ބޭނުންވާ މީހުން އަންގަން އެދުމުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
ނަމަވެސް، ޕީއެންސީން މައުލޫމާތު ދިން މީހުން ބުނި ގޮތުގައި އަސްމާ އަށް ފިޔަވަޅު އެޅިއިރު، އަދިވެސް ބޮޗޭއާމެދު އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. އެކަމާ ގުޅިގެން ޕީއެންސީގެ ޕީޖީ ގްރޫޕުގައި އެއްވެސް ވާހަކައެއް ނުދައްކާ ކަމަށް ވެސް މައުލޫމާތު ދިން މީހުން ބުންޏެވެ.
އަސްމާގެ ބަދަލުގައި އިޖުތިމާއީ ކޮމިޓީއަށް މުހައްމަދު އަލީ އަސްމާގެ ބަދަލުގައި އިޖުތިމާއީ ކޮމިޓީއަށް މުހައްމަދު އަލީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ