މުއިއްޒު ހައިރާންވަނީ އޭނާގެ 'ކެރުން' މާ ބޮޑު ކަމަކަށް ހަދައިގެން އުޅޭތީ

މިދިއަ ހަފުތާގައި ރައީސް މުހައްމަދު މުއިއްޒު މައްޗަށްގޮޅީގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމަށް ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް އަހުމަދު މުއިއްޒު ވަޑައިގަތީ، އޭނާގެ ބަހުން ނަމަ، "އަސްކަނި ދަށުން މަގުމައްޗަށް ފެން ފައިބައި ވާހަކަ" ދައްކަވާކަށެއް ނޫނެވެ. އެއަށް ވުރެ މާ ބޮޑެތި، މާ ނުރައްކާތެރި، މާ ގެއްލުން ބޮޑު މައްސަލަތަކުން މި ގައުމު ދަނީ ފުރެމުންނެވެ.
ރައީސްގެ ކުރިފުޅުމަތީގައި އޭނާ ދެއްކެވީ، ހަގީގަތުގައި، ފަހަތުގައި ރައީސް ހުންނަވައިގެން ހިނގަމުންދާ ކަންކަމުގެ ވާހަކަ އެވެ: ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ބޮލުގައި ތުހުމަތުތަކެއް އަޅުވައި، ކުއްލިއަކަށް އެ ބޭފުޅުން ވަކިކުރުމެވެ. ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުމެވެ. ސިޔާސީ މުވައްޒަފުން ގިނަވުމާއި ސަރުކާރު ކުންފުނިތަކުން ވަޒީފާތައް ބަހާލުމެވެ. ހިޔާނާތުގެ އަމަލްތައް ގިނަވުމެވެ.
އާންމުންނާ އެކު ރައީސް މުއިއްޒު މިހާތަނަށް ބޭއްވެވި ބައްދަލުވުންތަކުގައި ސީދާ އެމަނިކުފާނަށް އަމާޒުވާ ގޮތަށް އެހާ ފާޅުގައި މީގެ ކުރިން އެކަކު ވެސް ވާހަކަ ދައްކާފައެއް ނުވެ އެވެ. އެހެންކަމުން ވަކީލު މުއިއްޒުގެ އެ 'ކެރުމަށް' އެތައް ބަޔަކު ތައުރީފްކުރި އެވެ.
ނަމަވެސް މުއިިއްޒު ވިދާޅުވާ ގޮތުގައި އޭނާ ކުރެއްވީ މާ ބޮޑު އަދި އެހެން މީހުން މާ ހައިރާންވެގެން އުޅެން ޖެހޭ ވަރުގެ ކަމެއް ވެސް ނޫނެވެ. ހަމަ އާދައިގެ ކަމެކެވެ. ކުރިންސުރެ އޭނާ ކުރައްވަމުން އަންނަ ކަމެކެވެ. އޭނާއާ އެކު އެތައް ސަތޭކަ ދިވެހިން ދެއްކި ހިތްވަރެއް ވެސް މެ އެވެ. އެހެންކަމުން މުއިއްޒު މިއަދު ދިވެހިންނާ ކުރައްވާ ސުވާލަކީ، 2004ގައި ފެށި 'މިނިވަން ބަހުސް'ގައި އާންމުން ބައިވެރިވި ބައިވެރިވުން މިހާރު ނެތީ ކީއްވެގެން ހެއްޔެވެ؟
އެއީ ރަނގަޅު ސުވާލެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިގު ވެރިކަމާ ދެކޮޅަށް އޭރު ފެށި ހަރަކާތުގެ މައިގަނޑު ދިރުމަކީ މިނިވަން ބަހުސް އެވެ. އޭރު އެ ބައްދަލުވުންތަކުގައި ބައިވެރިވެ މައުމޫން އާއި ސަރުކާރަށް ފާޅުގައި ފާޑުކިއުމަކީ ހިތްވަރުގަދަ އަމަލެކެވެ. އެ ހިތްވަރު ނެރެ، ޖެހިލުމެއް ނެތި އާންމުން، ސަރުކާރުގެ މައްސަލަތަކުގެ ވާހަކަ ދެއްކި އެވެ.
އެކަމަކު މިއީ އެދުވަހެއް ނޫނެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާ އާންމުންނާ ބައްދަލުކުރައްވާ އިރު ބޮޑެތި މައްސަލަތަކާ މެދު ފާޑުކިއުމުގެ ނަޒަރަކުން ބަލައި، އެކަންކަން ތިލައެއްނުކުރެ އެވެ. ސަރުކާރަށް ފާޑުކިއުން އޮންނަނީ އިދިކޮޅުން ބާއްވާ ވަކިވަކި ސިޔާސީ ހަރަކާތްތަކުގަ އެވެ.
ރައީސްގެ ކުރިފުޅުމަތީގައި މުއިއްޒު ފާހަގަކުރެއްވި ބައެއް ކަންކަން:
އަތޮޅު ކައުންސިލްތައް އުވާލަން ގާނޫނުގައި ފަސް ފޮޅުވަތުގެ ސަބަބެއް ލިޔެލުމަކުން ނުފުދޭ
އެ ވަރުގެ ނިންމުމަކަށް ވާސިލްވި އިލްމީ ދިރާސާއެއް އެންމެނަށް ފެންނަ ގޮތަށް އޮންނަން ޖެހޭ
ސިޔާސީ މުވައްޒަފުންގެ އަދަދާއި އެއްވެސް ބޭނުމެއް ނެތް ގޮތަށް ސިޔާސީ ބޭނުމަކަށް އެކަނި ސަރުކާރުގެ ކުންފުނިތަކުން ވަޒީފާއަށް މީހުން ނަގަމުންދާ އަދަދު އިތުރުވަމުން ދަނީ ކަންބޮޑުވާން ޖެހޭ ދަރަޖައަކަށް
ކޮރަޕްޝަންގެ މައްސަލަތައް އިތުރުވެއްޖެ
މިނިވަން މުއައްސަސާތަކާއި ފުލުހުންނަށް މަސައްކަތް ކުރެވޭ ވަރު ވަރަށް ދަށް
މުއިއްޒަކީ އާދައިގެ ބޭފުޅެއް ނޫނެވެ. މައުމޫންގެ ވެރިކަމުގައި 1997ގައި ފާސްކޮށް 1 ޖެނުއަރީ 1998ގައި އަމަލްކުރަން ފެށި ނޫ ގާނޫނުއަސާސީ ފާސްކުރަން ވޯޓު ނުދެއްވި ދެ މެމްބަރުންގެ ތެރޭގައި އޭނާ ހިމެނެ އެވެ. ދެން ހުންނެވީ ހާއްސަ މަޖިލިހުގެ މާލޭގެ މެމްބަރު އަހުމަދު އާތިފް (އެކްސްރޭ އާތިފް) އެވެ.
އެ ދެ ބޭފުޅުންގެ ނަޒަރުގައި އެ ގާނޫނުއަސާސީ އެ ޒަމާނަށް ވެސް ނުފެތެ އެވެ. އޭގެ ފަހުން ނެގީ އެންމެ ފަސް އަހަރެވެ. ގާނޫނުއަސާސީ އިސްލާހުކުރަން މައުމޫން 2004ގައި އިސްލާހީ އެޖެންޑާ އިއުލާންކުރެއްވި އެވެ.
ނޫ ގާނޫނުއަސާސީއަށް އޭނާ ވޯޓު ނުދެއްވި އެއް ސަބަބު، މިހާރުގެ ކިއުންތެރިންނަށް ހަނދާންކޮށްދެއްވި އެވެ.
"އޭރު އަޅުގަނޑަށް ގަބޫލެއްނުުކުރެވޭ [މިސާލަކަށް] ރައްޔިތުންގެ މަޖލިހުގައި 50 މެމްބަރުން ތިބެނީ. އޭގެ ތެރެއިން އަށް މީހުންނަކީ މައުމޫން އައްޔަންކުރާ ބަޔަކަށް ވެފައި، ރައީސުލްޖުމްހޫރިއްޔާ 50 މީޓަރުގެ ރޭސް ފަށަނީ ވެސް އަށް މީޓަރު ކުރީގައި އޮވެެގެން،" މުއިއްޒު ވިދާޅުވި އެވެ.
އޭގައި "އެއްވެސް ޑިމޮކްރެޓިކް ހަމައެއް ނެތް."
އޭރު ރައްޔިތުންގެ މަޖިލިހުގައި ތިބެނީ ކޮންމެ އަތޮޅަކުން ދެ މެމްބަރުންނާއި މާލެއިން ދެ މެމްބަރުންގެ އިތުރުން ރައީސް އައްޔަންކުރައްވާ އަށް މެމްބަރުންނެވެ.
މިދިއަ ހަފުތާގައި ރައީސް މުއިއްޒުގެ ކުރިމައްޗަށް ހުއްޓުމުގެ ކުރިން، އެމަނިކުފާނުގެ މޭޔަރުކަމުގައި ވެސް ވަކީލު މުއިއްޒު ވަނީ ހަމަ އެގޮތަށް އާންމު ބައްދަލުވުމެއްގައި ވާހަކަ ދައްކަވައިފަ އެވެ. 
'އެ ބައްދަލުވުމުގައި އަޅުގަނޑު ސުވާލުކުރިން ކައުންސިލަށް ބޮޑު މުސާރަ ދީފައި އެޑްވައިޒަރުން އައްޔަންކުރާ މައްސަލާގައި،" މުއިއްޒު ވިދާޅުވި އެވެ.
"މިހާރުގެ މޭޔަރު އާދަމް އާޒިމް ބޭއްވި ބައްދަލުވުމަކަށް ވެސް އަޅުގަނޑު ދިޔައިން. އަޅުގަނޑު އަބަދުވެސް އަވަށުގެ ކަންކަމުގައި ބައިވެރިވެ، މައްސަލަތަކުގެ ވާހަކަ ދައްކަން. އެއީ އާ ކަމެއް ނޫން."
ބައެއް މީހުންގެ ކަންބޮޑުވުމަކަށް ވީ މުއިއްޒު ފާޅުކުރެއްވި ޝުއޫރުތަކާ ބެހޭ ގޮތުން ރައީސް މުއިއްޒު އެއްވެސް އެއްޗެއް ވިދާޅުނުވުމެވެ. ނަމަވެސް މުއިއްޒަށް އެއީ މައްސަލައެއް ނޫނެވެ. އޭނާ ވާހަކަ ދެއްކެވީ ކޮންމެހެން ރައީސްގެ ފަރާތްޕުޅުން އެވަގުތު ޖަވާބެއް ލިބިވަޑައިގަންނަވާނެ ކަމަށް ބައްލަވާފައެއް ނޫނެވެ.
"އާންމުންގެ ޝުއޫރު ފާޅުކުރާށޭ ރައީސް ވިދާޅުވަނީ. އަޅުގަނޑު ފާޅުކުރީ އަޅުގަނޑުގެ ޝުއޫރު، އަޅުގަނޑުގެ އިހުސާސްތައް. އެހެންވީމާ ކޮންމެހެން އެ ވަގުތު ރައީސް ރައްދެއް ދެއްވާތޯ އަޅުގަނޑު ނުބަލަން. ކޮންމެހެން ރައްދެއް ދެއްވާކަށް ވެސް ނުޖެހޭ."
އެކަމަކު އެ ޝުއޫރުތަކާ މެދު ރައީސް ވިސްނާވަޑައިގަންނަވާނެކަމަށް އޭނާ އުއްމީދުކުރައްވަ އެވެ.
ޖޭއެސްސީ އާއި އޭސީސީ އަދި ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ސުޕްރީމް ކޯޓަށް ހަދާލި ގޮތް އެންމެންނަށް ވެސް އެނގެ އެވެ. ޕީއެންސީ އާއި ސަރުކާރުގެ ސަޕޯޓަރުން ވެސް ގަބޫލުކުރާނީ ރައީސްގެ ސީދާ ބައިވެރިވުމެއް ނެތި އެފަދަ ބޮޑު ކަމެއް ނުކުރާނެ ކަމަށެވެ. އެހެންކަމުން ޝަރުއީ ނިޒާމަށް އަތްނުބާނާނެކަމުގެ ޔަގީންކަން، ރައީސްކަމުގެ ހުވާކުރެއްވި ދުވަހު ރައީސް މުއިއްޒު ދެއްވިޔަސް، އެއީ ސީދާ ދޮގެއްކަން މިހާރު އެނގެ އެވެ.
ރައީސް އާއި ސަރުކާރުގެ ގޯސް ކަންކަން ނުފެންނަ ކަމަށް ހަދައިގެން ގިނަ މީހުން ތިބެނީ އަމިއްލަ އެދުން އިސްކޮށްގެންނެވެ.
'މިނިވަން ބަހުސް' ފެށިއިރު ދިވެހިންގެ އަމިއްލަ އެދުން އެހާ ބޮޑެއް ނޫނެވެ. އޭރު ނުކުތީ މައުމޫންގެ ދިގު ވެރިކަން ބަދަލުކުރާށެވެ. ގައުމު އިސްލާހުކުރާށެވެ. ފަހުން އައި އެކި ވެރިކަން ފެނުނީ، އޭރު އާންމު ދިވެހިން ކުރި ހިތްވަރުގަދަ މަސައްކަތަށް މަލާމާތެއްގެ ގޮތަށެވެ. ހުރިހާ ކަމަކަށް ސަރުކާރުތަކުން އަތްބޭނީ އެވެ. ހިނާޔާތް ވީ ބޮޑެވެ. އެއާ އެކު ދައުލަތުގެ މުއްސަނދިކަމުން ވައްކަންކުރާ މީހުން ވީ އިތުރެވެ. ސިޔާސީ ވެރިންނާއި އެމީހުންގެ ފަހަތުގައި ތިބި ސަޕޯޓަރުންގެ ވެސް ލަދުކެނޑުނީ އެވެ. 
މުއިއްޒުގެ ސުވާލު، ކުރިން ބުނިހެން، މުޅިން ރަނގަޅެވެ. 'މިނިވަން ބަހުސް'ގައި ފެނުނު ގޮތަށް މިހާރު އާންމުން ވާހަކަ ނުދައްކަނީ ކީއްވެގެން ހެއްޔެވެ؟
ޖަވާބަކީ ކޮންމެ ކަމެއް ވަރިހަމަވީ އެވެ. ތިމާއަށް ފައިދާއެއް އޮތް ނަމަ، އެއްވެސް ގޯހެއް ނުފެންނަނީ އެވެ. ދިވެހިންގެ ގިނަ ބައެއްގެ ލޯ މެރުނީ އެވެ. ކަންފަތް ބީރުވީ އެވެ.
އެކަމަކު މިހާ ހިސާބަށް ގައުމު ވެއްޓުމުން ވެސް އުއްމީދު ނަގާލާކަށް ނުވާނެ އެވެ. މުއިއްޒު ވިދާޅުވަނީ އެގޮތަށެވެ. މާޔޫސްވެދާނެ އެވެ. އެކަމަކު އުއްމީދު ކަނޑައެއްނުލެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ