މުސިއާލާގެ އަމާޒަކީ މި އަހަރު އެނބުރި ދަނޑަށް އައުން މުސިއާލާގެ އަމާޒަކީ މި އަހަރު އެނބުރި ދަނޑަށް އައުން

މިއުނިކް (ސެޕްޓެމްބަރު 4) - އުންމީދަކީ މި އަހަރު ތެރޭ އެނބުރި ކުޅުމަށް އައުން ކަމަށް މި ފަހަރުގެ ކްލަބް ވޯލްޑް ކަޕްގެ ތެރޭގައި ފަަޔަށް ސީރިއަސް އަނިޔާއެއް ކުރިމަތިވި، ޖަރުމަނުގެ ހުނަރުވެރި ތަރި ޖަމާލް މުސިއާލާ ބުނެފި އެވެ.
މިދިޔަ ޖުލައި މަހު، ޕީއެސްޖީ 2-0 އިން މޮޅުވި މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅުގައި، އެ ކީޕަރު، ޑޮނަރުންމާގެ ގައި ދަށުވެ، މުސިއާލާގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާގައި އޭނާ ދަނޑުން ބޭލީ އަށިގަނޑުގަ އެވެ. ޕީއެސްޖީގެ ޑިފެންޑަރު، ވިލިއަން ޕަޗޯ އާއި މުސިއާލާ މެދުތެރެއަށް ވަދެ، ޑޮނަރުންމާ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި، މުސިއާލާ އަށް އަނިޔާވީ އެވެ. އަނިޔާއިން ރަނގަޅުވާން ކުރި އޮޕަރޭޝަނަށް ފަހު، ހަތަރެއް ނޫނީ ފަސް ވަރަކަށް މަހު ކުޅުމާ ދުރުގައި މުސިއާލާ ހުންނަން ޖެހޭނެ އެެވެ.
މުސިއާލާ، 22، ޖަރުމަނުގެ ނޫހެއް ކަމަށްވާ ބިލްޑް އަށް ދިން އިންޓަވިއުއެއްގައި ބުނީ، އަސާގަނޑު ނުލައި މިހާރު އުޅެން ފަރިތަވެފައި ކަމަށާއި މިއީ އޭނާ އަށް ދިމާވި އަނިޔާއަށް ބަލާއިރު ކުރިއެރުމެއް ކަމަށެވެ. އެކަމަކު، ރިކަވަރީގެ ކަންކަން އަވަސް އަރުވާލައިގެން ކުރިއަށްގެންދިއުމުގެ ބަދަލުގައި، ޑޮކްޓަރުންގެ ލަފަޔާ އެކު، ހަމަޖެހިލައިގެން، ދަނޑަށް އެނބުރި އައުމުގެ ދަތުރުގައި ކަންކަން ރާވާނެ ކަމަށް މުސިއާލާ ވަނީ ބުނެފަ އެެވެ.
"އުންމީދަކީ މި އަހަރު، 2025 ގައި ބަޔާން ޖޯޒީގައި ފެނުން،" މުސިއާލާ ބުންޏެވެ.
ބަޔާނުން މުސިއާލާއާ އެކު، އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން ގޮތެއް ނިންމަން އަހަރެއްހާ ދުވަހަށް ދިގުދެމިގެންދިޔަ މަޝްވަރާތަކުން ހައްލެއް ހޯދައި، އޭނާގެ އެއްބަސްވުން އާ ކުރީ، 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
މީގެ ހަތް ވަރަކަށް އަހަރު ކުރިން، މުސިއާލާގެ ސޮއި ބަޔާނުން ހޯދީ އޭނާގެ އުމުރުން 16 އަހަރުގަ އެވެ. ޗެލްސީ އެކަޑަމީގައި ނުވަ ވަރަކަށް އަހަރު ހޭދަކުރި، މުސިއާލާ، ސީނިއާ ޕްރޮފެޝަނަލް ލެވަލްގައި ޖަރުމަނު ޓީމަށް ކުޅެން ނިންމީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ