ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމުގައިވާ ވޯލްޑްކަޕަކީ ފީފާ އިން އިންތިޒާމު ކުރާ މުބާރާތެއް ކަމަށާއި އެއީ އެމެރިކާއިން ކުރާ ކަމެއް ނޫން ކަމަށް އިރާނުން ބުނެފި އެވެ.
އިރާނުގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕާސަން އިސްމާއިލް ބަޣާއީ ބުނެފައިވަނީ ވޯލްޑްކަޕްގައި ވާދަކުރާ ހުރިހާ ގައުމަކަށްވެސް އެ މުބާރާތެއް ބާއްވާ ގައުމަކުން ވިސާ ދޫކުރުމަކީ ވޯލްޑްކަޕަށް ހެދިފައިވާ ގަވާއިދުތަކުގައި ބަޔާން ކޮށްފައިވާ ކަމެއް ކަމަށާއި އެހެންކަމުން ފީފާ އިން އެކަން ކަށަވަރުކުރަން ޖެހޭނެ ކަމަށެވެ.
އިރާނުން މި މައްސަލައިގައި ވާހަކަ ދައްކާފައިވަނީ ދާދި ފަހުން ކެނެޑާގައި ބޭއްވި ފީފާގެ ކޮންގްރެސްގައި ބައިވެރިވުމަށް ކެނެޑާއަށް ދިޔަ ފަލަސްތީނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް މެހްދީ ތާޖް ދަތުރު މަތީގައި ހުންނަވަނިކޮށް އޭނާގެ ވިސާ ކެންސަލްކޮށް އަނބުރާ ގައުމަށް ފޮނުވާލުމާއި ގުޅިގެންނެވެ.
ކެނެޑާ އިން މަހްދީ ތާޖްގެ ވިސާ ކެންސަލް ކޮށްފައިވަނީ އޭނާއަކީ އިރާނުގެ އިސްލާމި ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އާއި ގުޅުން އޮންނަ މީހެއް ކަމަށް ބުނެ އެކަމުގެ ތުހުމަތުގަ އެވެ.
މި މައްސަލަ އާއި ގުޅިގެން ތާޖް ބުނެފައިވަނީ އިރާނުގެ ޓީމު އެމެރިކާއަށް ދަތުރު ކުރުމުގެ ކުރިން ފީފާ އާއި މަޝްވަރާކޮށް އެފަދަ ކަމެއް ކުރިމަތިނުވާނެ ކަން ކަށަވަރުކުރާނެ ކަމަށެވެ.
ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގައި އިރާނުން ކުޅޭ ތިން މެޗުވެސް އެމެރިކާ ކުޅޭ ގޮތަށް ހަމަޖެހިފައިވާއިރު އެ މެޗުތައް އެމެރިކާ ނޫން ގައުމަކަށް ބަދަލުކޮށްދިނުމަށް އިރާނުން ފީފާ ގައި އެދުނު ނަމަވެސް އެކަން ވަނީ ނުވެފަ އެވެ.
ވޯލްޑްކަޕް: ވޯލްޑްކަޕް އިންތިޒާމު ކުރަނީ ފީފާއިން, އެމެރިކާއެއް ނޫން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ