ލަންޑަން (ޖުލައި 21) - މިދިޔަ ސީޒަނުގައި ލިބެން ހުރި މުހިންމު ތަށިތަކެއް ނުލިބުމުން އަންނަ ސީޒަން އާސެނަލަށް އުނދަގޫވާނެ ކަމަށް އެ ޓީމަށް ކުޅޭ ބްރެޒިލްގެ ޑިފެންޑަރު، ގަބްރިއަލް މަގާޅައެސް ބުނެފި އެވެ.
އާސެނަލްގެ ކޯޗުކަމާ، މިކޭލް އާޓެޓާ ހަވާލުވިފަހުން އެ ޓީމަށް މިހާތަނަށް ލިބުނީ 2020 ވަނަ އަހަރުގެ އެފްއޭ ކަޕް އެކަނި އެވެ. އޭގެ ފަހުން އާސެނަލަށް މިހާތަނަށް ކާމިޔާބީއެއް ލިބިފައި ނުވެ އެވެ.
މިދިޔަ ތިން ސީޒަނުގައި ވެސް އާސެނަލުން އިނގިރޭސި ޕްރިމިއާ ލީގު ނިންމާލީ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. އަދި މިދިޔަ ދެ ސީޒަނުގައި ވެސް އާސެނަލް ލީގު ތާވަލުގެ އެއް ވަނައިގައި، ވަގުތުުތަކެއް ވަންދެން އޮތް ނަމަވެސް ސީޒަންގެ ފަހުކޮޅު ގިނަ ޕޮއިންޓްތަކެއް ގެއްލި ސީޒަން އެ ޓީމަށް ވަނީ ގެއްލިފަ އެވެ.
ގަބްރިއަލް ބުނީ އާސެނަލާ އަލަށް ގުޅުން ކުޅުންތެރިންނާ އެކު، އިތުރު ކާމިޔާބު ހޯދަން އެ ޓީމުން ކުރިއަށް ވުރެ ބޮޑަށް މަސައްކަތް ކުރާނެ ކަމަށެވެ.
"މި ކްލަބުން ކުޅުންތެރިންނާއި ކޯޗުންގެ ބޭނުން ފުއްދަން ވަރަށް ބޮޑަށް މަސައްކަތް ކުރޭ. ކްލަބުން އެބަ މަސައްކަތް ކުރޭ ފެންވަރު ރަނގަޅު ކުޅުންތެރިން ހޯދަން. އެކަމަކު، އަހަރެމެން އެބަ ޖެހޭ ދަނޑުމަތީ އަހަރެމެން އަށް ކުރެވޭނެ ކަންކަމަށް ފޯކަސް ކުރަން" މިދިޔަ މަހު އާސެނަލްގެ ކޮންޓްރެކްޓް އާ ކުރި ގަބްރިއަލް ބުނެފައިވެ އެވެ.
ފްރާްންސްގެ ލިލް އަށް ކުރިން ކުޅުނު، ގަބްރިއަލް ބުނީ މިދިޔަ ސީޒަނުގައި އާސެނަލަށް މަދުވެގެން ތިން ތަށި ހޯދުމުގެ ފުރުސަތު ލިބުނު ކަމަށެވެ. އެކަމަކު، ފަހު ވަގުތު އެ ކާމިޔާބީއާ ހަމައަށް ނުދެވުމުން އެކަމުގެ އަސަރު ޓީމަށް އަދިވެސް ކޮށްފައިވާ ކަމަށް ވެސް ގަބްރިއެލް ވަނީ ބުނެފަ އެވެ.
އާސެނަލުން ވަނީ އަންނަ ސީޒަނަށް އެ ޓީމުގެ ސްކޮޑް ވަރުގަދަ ކުރުމުގެ ގޮތުން ޗެލްސީގެ ފޯވާޑް، ނޯނީ މަޑުކޭ، ރެއާލް ސޮސިއެޑާޑްގެ މާޓިން ޒުބިމެންޑީ، ބްރެންޓްފޯޑްގެ ކެޕްޓަން، ކްރިސްޓަން ނޯގާޑް، ޗެލްސީގެ ކީޕަރު ކެޕާ އަރިއްޒަބަލާގާގެ ގެ ސޮއި ހޯދައިފަ އެވެ. މީގެ އިތުރުން، އެ ޓީމުން އަންނަނީ ސްޕޯޓިން ލިޒްބަން އަށް ކުޅޭ ސްވިޑެންގެ ފޯވާޑް ވިކްޓަ ޔޯކެރޭޝްގެ ސޮއި ހޯދަން މަސައްކަތް ކުރަމުންނެވެ.
އާސެނަލަށް ކުރިއަށް އޮތް ސީޒަން އިތުރަށް އުނދަގޫވާނެ އާސެނަލަށް ކުރިއަށް އޮތް ސީޒަން އިތުރަށް އުނދަގޫވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ