ދިލްޖީތުގެ ދިފާއުގައި ނަސީރުއްދީނު ޝާހް ވާހަކަ ދެއްކުމުން މައްސަލަ ވަރަށް ގޯސްވެއްޖެ
އިންޑިއާ ޕަންޖާބަށް ނިސްބަތްވާ އެކްޓަރު އަދި ލަވަކިޔުންތެރިޔާ ދިލްޖީތު ދޮސާންޖާ ދެކޮޅަށް އެ ޤައުމުގެ ގިނަ ބަޔަކު އަޑުއުފުލަމުން އަންނައިރު ކުރީގެ އެކްޓަރު ނަސީރުއްދީނު ޝާހު ދިލްޖީތުގެ ދިފާއުގައި ވާހަކަ ދެއްކި މައްސަލަ ވަރަށް ބޮޑަށް ގޯސްވެއްޖެއެވެ. ނަސީރުއްދީނު ދިލްޖީތުގެ ދިފާއުގައި ވާހަކަ ދެއްކުމާ ގުޅިގެން ފިލްމު ޑައިރެކްޓަރު އަޝޯކް ޕަންޑިތު ވަނީ ނަސީރުއްދީނަށް އަމާޒުކޮށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ރައްދުކޮށްފައެވެ. އޭއެންއައިއަށް ދިން އިންޓަވިއުއެއްގައި މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން އަޝޯކް ބުނީ ދިލްޖީތުގެ ދިފާއުގައި ނަސީރުއްދީނު ވާހަކަ ދެއްކުމުން އެކަމާ ހައިރާން ނުވާ ކަމަށެވެ. ދިލްޖީތާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނަކީ ގޭންގުތައް ހިންގާ މީހުންގެ ގޮތުގައި ނަސީރުއްދީން ވަނީ ވަރަށް ފާޅުގައި ސިފަކޮށްފައި ކަމަށާއި ނަސީރުއްދީން ފަދަ ބެލުންތެރިންގެ އިހުތިރާމާއި ލޯބި ހޯދާފައިވާ އަދި ތައުލީމީ އެކްޓަރެއްގެ ބަސްމަގު އެގޮތަށް ހުރުމަކީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށް އަޝޯކް ވަނީ ބުނެފައެވެ. ޕާކިސްތާނުގެ މަޝްހޫރު ބަތަލާ ހާނިއާ އިންޑިއާގެ ލަވަކިޔުންތެރިޔާ އަދި އެކްޓަރު ދިލްޖީތުގެ މިއުޒިކް ކޮންސެޓްއެއްގައި ބައިވެރި ވަނީ -- ފޮޓޯ/ ފިލްމުފެއަ ދިލްޖީތު ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ފިލްމު "ސަރުދާރު ޖީ"އަށް ކާސްޓުން ހޮވުމަކީ އެކްޓަރުގެ ޒިންމާއަކަށް ނުވި ނަމަވެސް ޕާކިސްތާނުގެ ފިލްމީ ތަރިންނާ އެކު މަސައްކަތް ނުކުރުމުގެ އިހުތިޔާރު އެކްޓަރެއްގެ ހައިސިއްޔަތުން އޮންނާނެ ކަމަށާއި އެގޮތަށް އަމަލުކުރުމާއި ނުކުރުން އެއީ ދިލްޖީތުގެ އަތްމަތީގައި އޮތް ކަމެއް ކަމަށް އަޝޯކް ވަނީ ބުނެފައެވެ. އިންޑިއަން ފިލްމް އެންޑް ޓެލެވިޒަން ޑައިރެކްޓާސް އެސޯސިއޭޝަންގެ ރައީސްގެ މަގާމު ވެސް އަދާކުރަމުން އަންނަ އަޝޯކް ބުނީ، ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސައިން އެމްޕްލޯއީސްގެ ފަރާތުން ވާހަކަދައްކާ މީހެއްގެ ހައިސިއްޔަތުން އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުމުގެ ހާލަތު ނަސީރުއްދީން ފަދަ އެކްޓަރަކަށް ކިޔައިދޭންޖެހުމަކީ ހިތާމަކުރާކަމެއް ކަމަށެވެ. ވޭތުވެދިޔަ 50 އަހަރުތެރޭ ޕާކިސްތާނުން އިންޑިއާއަށް ދީފައިވާ ޓެރަރިޒަމުގެ ހަމަލާތަކުގެ ތަފްސީލަށް ނުދިޔަސް އެ ޤައުމުން އިންޑިއާއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލުތައް ހިންގަމުން އަންނަ ވާހަކަތައް ދޮގުކުރެވެން ނެތް ކަމަށް އަޝޯކް ވަނީ ބުނެފައެވެ. ނަސީރުއްދީން ދިލްޖީތުގެ ދިފާއުގައި ވާހަކަ ދެއްކި ނަމަވެސް އެކްޓަރާ ދެކޮޅަށް ރަސްމީ ސިފައެއްގައި މައްސަލަ ހުށަހަޅާފައިވާ ކަމަށާއި ކަމާބެހޭ އިދާރާތަކުން އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް އަޝޯކް ވަނީ އޭއެންއައިއަށް ދިން އިންޓަވިއުގައި ބުނެފައެވެ. އެކްޓަރު ދިލްޖީތުގެ ދިފާއުގައި ތެދުވެފައިވާކަން ހާމަކުރުމަށް ނަސީރުއްދީން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މިއީ ބަޔަކު މީހުން އިސްވެ އަޑީގައި ތިބެގެން ދިލްޖީތުގެ ތަރި އޮއްސާލުމަށާއި އެކްޓަރުގެ މިއުޒިކް އަދި ފިލްމީ ކެރިއަރު ހަލާކުކޮށްލުމަށް ހިންގާ ކެމްޕޭނެއް ކަމަށެވެ. ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށާއި ދިލްޖީތަކީ ބައިނަލް އަޤްވާމީ ދުނިޔޭގައި ވެސް އައިކަން އެއް ކަމަށެވެ. އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މަސްރަހު ގޯސްވެފައި ވަނީ މި އަހަރުގެ އޭޕްރިލް މަހުގެ 22 ގައި ކަޝްމީރުގެ އިންޑިއާ ފަޅީގައި އޮންނަ ޕަހަލްގަމްގައި ހަރަކާތްތެރިވި އިންޑިއާގެ ފަތުރުވެރިންތަކަކަށް ބަޔަކު މީހުން ބަޑީގެ ހަމަލާދީ މަރާލުމާ ގުޅިގެންނެވެ. މި ހަމަލާ އަކީ ޕާކިސްތާނުގެ ސަރުކާރާއި އެ ޤައުމުގެ އަސްކަރިއްޔާ އަޑީގައި ތިބެގެން ދިން ހަމަލާއެއް ކަމަށް އިންޑިއާއިން ވަނީ ތުހުމަތުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ