އަޚުލާޤީ މަސްލަހަތު ފަށަންވީ ކޮންތާކުން؟
އަޚުލާޤީ މަސްލަހަތު ފަށަންވީ ގޭތެރެއިންނެވެ. އިންސާނަކު މުޖުތަމަޢަށް ނުކުންނަނީ ގޭތެރެއިންނެވެ. އޭނާގެ ތަރުބިއްޔަތު ފެށެނީ ވެސް އެ ތަނުންނެވެ. އެ މީހަކު މުޖުތަމަޢަށް ނުކުމެ ރަމްޒުކޮށްދެނީ ވެސް އޭނާގެ ގޭތެރެއެވެ. ލޮބުވެތި ކިޔުންތެރިންނެވެ. މިއަދު އަޅުގަނޑުމެން ކޮންމެ މީހަކު ވެސް އަމިއްލަ ނަފުސަށާއި އަނބިދަރީންނާމެދު ވިސްނައިލުމުން އެނގެނީ އިޞްލާޙުކުރަން ޖެހޭ ވަރަށް ގިނަ ކަންކަން ހުރިކަމެވެ. އިޞްލާޙުގެ ވާހަކަ ފައްޓައިފިއްޔާ، އެ ވާހަކައިގެ އަމާޒު ގޮސް ހުއްޓެނީ އިސްލާމީ އަޚުލާޤާ ހަމައަށެވެ. އެ ގޮތަށް އެ ކަން އެ ވަނީ އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައި ވީމައެވެ. ޢަމަލީ ގޮތުން ދީނީ ޙަރަކާތްތަކާ ތިމާ ދުރުގައި އުޅުނަސް، ފިކުރީ ގޮތުން އެދެވެނީ އިސްލާމީ އަޚުލާޤުގެ ވެރިއަކަށް ވާށެވެ. ވަކީން ޚާއްޞަކޮށް ތިމާގެ ޒިންމާގައި ތިބޭ މީހުންގެ ކިބައިން އެދެވެނީ ރަނގަޅު ޚުލްޤެއް ފެނުމެވެ. އެހެނަސް އެ ކަން އެހެން ނުވަނީ ކީއްވެގެން ކަމެއް ގިނަ ފަހަރު ބަލައެއް ނުލެވެއެވެ. މުސްލިމުން އެ މީހުންގެ އިސްލާމީ އަޚުލާޤު ދަމަހައްޓާ ނަމަ މިއަދު އަޅުގަނޑުމެންގެ މުޖްތަމަޢުތަކުން މި ފެންނަ ނޭދެވޭ މަންޒަރުތައް މަދުވީހެވެ. ރަށުތެރެ އަމާންވީހެވެ. ހިތްތަކުން ބިރުވެރިކަން ފިލައިދިޔައީހެވެ. މި ކަންކަން ހާސިލުކުރުމަށް ޓަކައި އެންމެން ވެސް އިސްލާމީ އަޚުލާޤުން ޒީނަތްތެރިވާން ބޭނުން ވެއެވެ. އެހެނަސް އަޚުލާޤީ މަޞްލަޙަތު ފަށަންވީ ކޮންތާކުން ކަމެއް ގިނަ މީހުންނަކަށް ނޭނގެއެވެ. އަޚުލާޤި މަސްލަހަތު ފަށަން ވީ ހުރިހާ ގެއެއްގައެވެ. ގޭގޭގައި މި ކަން ފަށާނީ މައިންބަފައިންނެވެ. އަޚުލާޤީ ގޮތުން ރަނގަޅު ދަރިފަސްކޮޅެއް ބޭނުންވުމަކީ އެ ކަން ހާސިލުވާނޭ ސަބަބެއް ނޫނެވެ. ނަތީޖާ ބޭނުންވަންޏާ ޖެހޭނީ މަސައްކަތްކުރާށެވެ. މައިން ބަފައިން ދަރިންގެ ކުރިމަތީ ނަމޫނާ ދައްކަންވީއެވެ. އެއީ ކީރިތި ޤުރުއާނުގައި ﷲ އެންގެވި މަންހަޖެވެ. އަދި އެ އިލާހު މީސްތަކުންނަށް ޓަކައި އިޚްތިޔާރުކުރެއްވި ގޮތެވެ. އިންސާނިއްޔަތު ތަރުބިއްޔަތު ކުރެއްވުމަށް ފޮނުއްވެވި ރަސޫލާގެ ކިބައިގައި ރިވެތި އަޚުލާޤުގެ ފުރިހަމަ ނަމޫނާ ލެއްވެވިއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿لَّقَدْ كَانَ لَكُمْ فِي رَسُولِ اللهِ أُسْوَةٌ حَسَنَةٌ﴾ (الأحزاب: ٢١) މާނައީ: "ހަމަކަށަވަރުން، ﷲގެ ރަސޫލާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއް ވެއެވެ." އަޚުލާޤީ މަސްލަޙަތު ފަށަން ޖެހޭ މުއައްސަސާގައި ނުރަނގަޅު ނަމޫނާ ފެންނަންޏާ އިޞްލާޙީ ކިތަންމެ ފިޔަވަޅެއް އެޅިކަމުގައި ވިޔަސް ޢަމަލީ ނަތީޖާއެއް ނުފެންނާނެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم، މީސްތަކުންނަށް ޤުރުއާން އުނގަންނަވައި ދެއްވައިފައި އެއާ އެއްގޮތަށް ޢަމަލުފުޅު ނުބަހައްޓަވާ ނަމަ، އަޑުއެއްސެވި ޞަޙާބީންނަށް އޭގެން އެއްވެސް އަސަރެއް ނުކުރީހެވެ. ޙަދީޘްކުރައްވާ އެއްޗަކާ އެކަލޭގެފާނުގެ ޢަމަލުފުޅާ ދިމާނުވި ނަމަ ނަސޭހަތުގައި އެއްވެސް އަގެއް ނުހުންނާނެއެވެ. މިއަދު އިސްލާމީ އުންމަތުން ފެންނަ އެންމެ ހިތާމަވެރި މަންޒަރަކީ ނަސޭހަތްދެއްވަން ތިއްބެވި ފަރާތްތަކުން، ދެއްވާ ނަސޭހަތުގައި މަތީ ނުހިންގަވާ ކަމެވެ. އެ ދުވަހު މުސްލިމުންގެ ވެރިޔަކީ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمއެވެ. މިއަދުގެ ވެރިން ނަމޫނާ އެބަ ދައްކާބާއެވެ؟ އެ ދުވަހު އެކަލޭގެފާނު ފިރިއެއްގެ ގޮތުގައި ނަމޫނާ ދެއްކިއެވެ. މިއަދު ފިރިންގެ ފަރާތުން އެކަން ފެނޭބާއެވެ؟ އެ ދުވަހު އެކަލޭގެފާނު ވެވަޑައިގެންނެވީ ނަމޫނާގައި އެންމެ ރިވެތި ބައްޕައަށެވެ؟ މިއަދުގެ ބައްޕައިން ކިހިނެތްބާއެވެ؟ އެ ދުވަހާއި މިއަދު އަޅާބަލައިގެން ފެންނަން އޮތީ، ނަމޫނާ ގެއްލިފައި ވާތަނެވެ. މި ހުރިހާ ގެއްލުމެއްގެ އަސްލަކީ އަޚްލާޤީ ގޮތުން ރަނގަޅު ޝަޚުސެއް ބިނާނުކުރެވުމެވެ. ރަނގަޅު މުސްލިމެއް އުފެއްދިފައި ނެތުމެވެ. އެކަން ކުރެވޭނީ އެންމެ ފުރަތަމަ މުއައްސަސާއަކީ ގޭތެރެއެވެ. ގޭތެރެއިން ނުދެވޭ ހިތްވަރެއް އެހެން އެއްވެސް ތަނަކުން ނުހޯދޭނެއެވެ. ދަރިންގެ ޅަފަތުގައި މައިންބަފައިން ބޭނުން ގޮތަކަށް އެ ކުދިން ތަރުބިއްޔަތު ކުރެވެން އޮންނަ ދުވަހު، އެ ކަން ކުރަންވީ ގޮތް ޚުދު މައިންބަފައިންނަށް ވެސް ނޭނގޭތީ، މިއަދު ބެލެވެނީ ޒަމާނުގެ އޮއިވަރުގައި ދެމެމުންދާ މަންޒަރުތަކަށެވެ. މުސްތަޤުބަލާއި ކާމިޔާބާމެދު ހީކުރުވާ ޙަޤީޤަތެއް ނެތް ހުވަފެންތަކަށެވެ. މުސްލިމެއްގެ ޙަޤީޤީ މަންޒިލާއި މަޤްޞަދު އޮޅުންފިލައިފައި ތިބި މައިންބަފައިންގެ އަތްމަތީގައި ނޫނީ އިސްލާމީ އަޚުލާޤުގެ ދަރިއެއް ތަރުބިއްޔަތު ނުކުރެވޭނެއެވެ. ރަނގަޅު ރިވެތި ނަމޫނެއް ހިމަނުއްވައިފައި ރަސޫލަކު ފޮނުއްވެވީ ބޭކަރު ގޮތެއްގައެއް ނޫނެވެ. އަދި އެއީ މީސްތަކުންނަށް އުނދަގުލާއި ތުރާ ޖައްސާކަށް ވެސް ނުމެނޫންމެއެވެ. އެހެނަސް އެއީ ދުނިޔޭގައި ވެސް ތަހުޒީބީ އުޅުމެއް އުޅެ، އާކިރަތުގެ ނަސީބުން ވެސް މީހާ މަޙުރޫމު ނުކުރެއްވުމަށެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمގެ ކިބައިގައި ފުރުހަމަ ނަމޫނާ ލައްވައިފައި ވަނީ ވެސް އާޚިރަތުގެ ސަވާބަށް އެދޭ މީހުންނަށެވެ. އެއީ ގިނަގިނައިން ﷲ ހަނދުމަކުރާ މީހުންނެވެ. އެ އިލާހު ވަޙީކުރެއްވިއެވެ. ﴿لَّقَدْ كَانَ لَكُمْ فِي رَسُولِ اللهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللهَ وَالْيَوْمَ الْآخِرَ وَذَكَرَ اللهَ كَثِيرًا﴾ (الأحزاب: ٢١) މާނައީ: "ހަމަކަށަވަރުން، ﷲގެ ރަސޫލާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއް ވެއެވެ. (އެއީ) ﷲގެ ދަރުމައާއި، އާޚިރަތުގެ ސަވާބަށް އެދޭ، އަދި ގިނަގިނައިން ﷲ ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ. އެހެންކަމުން ޙަޤީޤީ މާނައިގައި އަޚުލާޤު ރަނގަޅު ދަރީންތަކެއް ބޭނުމިއްޔާ އަޚުލާޤީ މަސްލަހަތު ފަށަންވީ ގޭތެރެއިންނެވެ. އެންމެ ފުރަތަމަ އިޞްލާޙުވާންވީ ބައްޕައެއް. ދެން މަންމައެވެ. ދެ މީހުން އެކީއެކުގައި ދަރީންނަށް ރަނގަޅު ނަމޫނާއަކަށް ވާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ