ރައީސް އެސްޓޯނިއާއަށް ކުރެއްވި ދަތުރުގެ ރަސީދުތައް އާންމުކުރަން އަންގައިފި

ރައީސް މުހައްމަދު މުއިއްޒު މީގެ އަހަރެއް ކުރިން އެސްޓޯނިއާއަށް ހަފުތާއަކަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ތަފްސީލާއި އޭގެ ރަސީދު އާންމުކުރަން އިންފޮމޭޝަން ކޮމިޝަން (އައިކޮން) އިން އިއްޔެ އަންގައިފި އެވެ. 
ވީ ކިހިނެއް؟ - ޖެނުއަރީ 2025ގައި ރައީސް މުއިއްޒު ކުރެއްވި އެ ދަތުރުފުޅަށް 1.3 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ރައީސް އޮފީހުން އޭރު ބުންޏެވެ. 
އެ ހަރަދުތަކުގެ ތަފްސީލް އާންމު ނުކުރާތީ އޭގެ ތަފްސީލާއި ރަސީދުތައް އާންމުކުރަން 'ދައުރު'ން އެދުނު ނަމަވެސް އަހަރެއްހާ ދުވަހު ރައީސް އޮފީހުން މައުލޫމާތު ނުދީ އޮތުމުން އިއްޔެ އަޑުއެހުމެއް ބޭއްވި އެވެ. 
ތަފްސީލް - މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން 'ދައުރު'ން އެދުނު މައުލޫމާތަކީ: 
ޓިކެޓުތަކަށް ކުރި ހަރަދު
ހުރުމާއި ކެއުމަށް ކުރި ހަރަދު
އެހެނިހެން ހަރަދުތައް
ރަސީދުތައް
ރައީސް އޮފީހުން މައުލޫމާތު ދޭން އޮންނަ މުއްދަތު އިތުރުކުރުމަށް ފަހު ޖޫން 2025ގައި ދިން ޖަވާބުގައި އޮންނަނީ އެ ދަތުރަށް 1.3 މިލިއަން ރުފިޔާ ހަރަދުވިކަން އެކަންޏެވެ. 
ބުނީ ކީކޭ؟ - އިއްޔެ ބޭއްވި އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވީ ރައީސް އޮފީހުން މުއްދަތު ވެސް ހަމަވި ފަހުން ޖަވާބެއް ފޮނުވި ނަމަވެސް އެދިފައިވާ އެއްވެސް މައުލޫމާތެއް ދިން ކަމަށް ބެލެވެން ނެތް ކަމަށެވެ. 
އެދިފައިވާ މައުލޫމާތަކީ ހަރަދުތަކުގެ އެކި ތަފްސީލާއި ރަސީދުތައް ކަމާއި، ޖަވާބުގައި ހިމެނޭ ޖުމްލަ ހަރަދުގެ އަދަދަކީ މައުލޫމާތަށް އެދުނު ފަރާތުގެ ސުވާލުގައި ވެސް ހިމެނޭ އަދަދެއް ކަމެވެ.
އެހެންކަމުން އެދިފައިވާ މައުލޫމާތުތަކުގެ ތެރެއިން ހަރަދުތަކުގެ ތަފްސީލްތައް ދޫކުރުމަށް އާހިދު އެންގެވި އެވެ. އަދި ރަސީދުތަކުގައި ޒާތީ މައުލޫމާތު ހިމެނޭ ނަމަ، އެ ބައި އުނިކުރުމަށް ފަހު ދޫކުރުމަށް ވެސް އެންގެވި އެވެ. 
"އެދިފައިވާ މައުލޫމާތުތަކުގެ ތެރެއިން، ޓިކެޓުތަކަށް ކުރި ހަރަދު، ހުރުމާއި ކެއުމަށް ކުރި ހަރަދު، އެހެނިހެން ހަރަދުގެ މައުލޫމާތު ދޫކުރަން ވާނެ. އަދި ރަސީދުތައް ވެސް އުނިކުރަން ޖެހޭ [ޒާތީ] މައުލޫމާތެއް އުނިކުރުމަށް ފަހު ދޭން ވާނެ،" އާހިދު ވިދާޅުވި އެވެ. 
އާ އަހަރުގެ ހަފްތާ ބަންދަށް ފަހު އަންނަ އާދީއްތަ ދުވަހު ސަރުކާރު ހުޅުވުމުން މަސައްކަތު ފަސް ދުވަހުގެ ތެރޭގައި މައުލޫމާތުތައް ދިނުމަށް އެންގެވި އެވެ. އެ މުއްދަތު ހަމަވާނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހަށެވެ. 
ގުޅުން ހުރި ކަމެއް - މީގެ ކުރިން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިއު ޔޯކަށް ކުރެއްވި ދަތުރެއްގެ ރަސީދުތައް އާންމުނުކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ވެސް ދިޔަ އެވެ. 
މި ސަރުކާރުން ވެސް އެ ސްޓޭންޑް ފުރަތަމަ ދެމެހެއްޓުމުން އަމާޒުވި ފާޑުކިއުންތަކާ ގުޅިގެން ސްޓޭންޑް ބަދަލުކޮށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ނެގި އެވެ. އަދި އެ މައުލޫމާތު އާންމުކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ