ސިޔާދަތު ދިފާއުކުރުމުގެ އަޒުމް ޓައިވާނުގެ ރައީސް އާކުރައްވައިފި

ޗައިނާއިން ޓައިވާނާ ދެކޮޅަށް އަސްކަރީ ތަމްރީނުތަކެއް ބާއްވައި، ރޮކެޓް ހަމަލާތަކެއް ފޮނުވާލާފައިވާ ދަނޑިވަޅެއްގައި، ޓައިވާނުގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކުރުމަށް އެ ގައުމުން އޮތީ ތައްޔާރަށް ކަމަށް ރައީސް ލައި ޗިންގް-ޓޭ ވިދާޅުވެއްޖެއެވެ.
އައު އަހަރުގެ މުނާސަބަތުގައި ތައިޕޭގައި ހުންނަ ރިޔާސީ ގަނޑުވަރުގައި ހުންނަވައިގެން ދެއްވި ޚިޠާބެއްގައި ރައީސް ލައި ވިދާޅުވީ، ޓައިވާނުގެ ރައްޔިތުންގެ ކިބައިގައި އަމިއްލަ ނަފްސު ދިފާއުކުރުގެ ހިތްވަރު ހުރިތޯ ބައިނަލްއަގުވާމީ މުޖުތަމައުން ބަލަމުންދާ ކަމަށެވެ. އަދި ގައުމުގެ ދިފާއީ ބާރު ވަރުގަދަކުރުމަކީ އަބަދުވެސް އެމަނިކުފާނުގެ އެންމެ އިސް ސިޔާސަތު ކަމަށް ވިދާޅުވިއެވެ.
ޗައިނާއިން މިދިޔަ ހަފުތާގައި ކުރިއަށްގެންދިޔަ "ޖަސްޓިސް މިޝަން 2025" ތަމްރީނުތަކުގައި ޓައިވާނާ ދިމާލަށް ގިނަ އަދަދެއްގެ ރޮކެޓް ފޮނުވާލައި، މަނަވަރުތަކާއި ހަނގުރާމަމަތީ މަތިންދާބޯޓުތައް ވަނީ ހަރަކާތްތެރިވެފައެވެ. މިކަމާ ގުޅިގެން އެމެރިކާގެ ޚާރިޖިއްޔާއިން ބުނެފައިވަނީ ޗައިނާގެ މި އަމަލުތަކުގެ ސަބަބުން ސަރަހައްދީ ނުތަނަވަސްކަން އިތުރުވަމުންދާ ކަމަށާއި، މިފަދަ ފިއްތުންތައް ހުއްޓާލުމަށް ބެއިޖިންގްއަށް ގޮވާލާ ކަމަށެވެ.
ރައީސް ލައިގެ ޚިޠާބުގައި، ޓައިވާނުގެ ދިފާއީ ބަޖެޓަށް 40 ބިލިއަން ޑޮލަރު އިތުރުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ތާއީދުކުރުމަށް އިދިކޮޅު ޕާޓީތަކަށް އިލްތިމާސްކުރެއްވިއެވެ. މި ހުށަހެޅުން މިހާރު އޮތީ އިދިކޮޅު ފަރާތްތަކުގެ ކޮންޓްރޯލް އޮންނަ ޕާލަމެންޓުގައި ހުއްޓިފައެވެ.
"ކުރިއަށް އޮތް 2026 ވަނަ އަހަރަކީ ޓައިވާނަށް ވަރަށް މުހިންމު އަހަރަކަށް ވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ. "އަޅުގަނޑުމެން އެންމެ ގޯސް ހާލަތަކަށް ތައްޔާރުވާންޖެހޭ، އެކަމަކު އެންމެ ރަނގަޅު ގޮތް މެދުވެރިވުމަށް އުންމީދުކުރަންޖެހޭ."
ޓައިވާނުގެ މިލްކުވެރިކަމާމެދު ދައުވާކުރާ ޗައިނާއިން ވަނީ ރައީސް ލައިގެ ވާހަކަފުޅަށް ވަރުގަދަ ރައްދެއް ދީފައެވެ. ޗައިނާގެ ޓައިވާން އެފެއާޒް އޮފީހުން ބުނީ ލައި ޗިންގް-ޓޭ މަސައްކަތް ކުރައްވަނީ ބައިނަލްއަގުވާމީ މުޖުތަމައަށާއި އަމިއްލަ ރައްޔިތުންނަށްވެސް އޮޅުވާލަން ކަމަށާއި އޭނާގެ ވާހަކަފުޅަކީ ދޮގާއި ނަފްރަތުން ފުރިފައިވާ ވާހަކަތަކެއް ކަމަށެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގްވެސް ވަނީ އައު އަހަރުގެ މެސެޖުގައި، ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށާއި، ޓައިވާނުގެ މައްޗަށް ފުރިހަމަ ބާރު ހިންގުން އެއްވެސް ބަޔަކަށް ނުހުއްޓުވޭނެ ކަމަށް ވިދާޅުވެ އިންޒާރު ތަކުރާރު ކުރައްވާފައެވެ.
މިދިޔަ ހަފުތާގައި ބޭއްވި އަސްކަރީ ތަމްރީނުތަކަކީ މިހާތަނަށް ޓައިވާނާ އެންމެ ކައިރީގައި ޗައިނާއިން ބޭއްވި އެންމެ ބޮޑު ތަމްރީނުތަކެވެ. މިކަމުގެ ސަބަބުން ޓައިވާނުގެ ވައިގެ ދަތުރުފަތުރަށް ބުރޫ އަރައި، ގިނަ ފްލައިޓްތަކެއް ކެންސަލް ކުރަން ޖެހުނެވެ. މި ތަމްރީނުތައް ބާއްވާފައި މިވަނީ އެމެރިކާއިން ޓައިވާނަށް 11.1 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ނިންމިތާ ދެ ހަފްތާވެސް ނުވަނީހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ