ޚަރަދު ކުޑަކުރުމަށް ޚާއްސަ ޕްލޭނެއް އެކުލަވާލައި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވަން މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ވަޒީރު ވަނީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އަޅުވާ ފިޔަވަޅުތަކުގެ ތެރެއިން މިހާރު ޚަރަދު ކުޑަކުރެވޭނެ ދައިރާތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ބަޖެޓުގެ ތެރެއިންވެސް މީގެ ކުރިން މަސައްކަތް ކުރެވިފައިވާ ކަމަށެވެ. މިއަހަރުގެ ބަޖެޓުގައި އާމްދަނީ އާއި ޚަރަދުގެ ފަރަޤު ކަމުގައިވާ ބަޖެޓު ޑެފިސިޓް މިދިޔަ 5 އަހަރާއި އަޅާބަލާއިރު، ކުޑަކުރެވިފައިވާ ކަމަށް ވަޒީރު ޒަމީރު ވިދާޅުވިއެވެ. އެގޮތުން މިހާރު ބަޖެޓު ޑެފިސިޓް ހުރީ 6 ބިލިޔަން ރުފިޔާގައި ނަމަވެސް، މިހާރު ކުރިމަތިވެފައިވާ ހާލަތުގައި މިއަދަދު 8 ބިލިޔަނަށް އަރާނެ ކަމަށް މިހާރު އަންދާޒާ ކުރެވޭ ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން ޚަރަދު ކުޑަކުރުމަށް ފިޔަވަޅު އެޅުމުގެ ގޮތުން ޚަރަދު ކުޑަކުރަން ހާއްސަ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަން މާލީ ވަޒީރު ހާމަކުރެއްވިއެވެ. މި ޕްލޭނުގެ ދަށުން ރިކަރަންޓު ޚަރަދުތައް ހިފެހެއްޓުމަށާއި، އައު ވަޒީފާތަކަށް މީހުން ނެގުމާއި، އަދި މިނޫންވެސް ހުރި ޚަރަދު ކުޑަކުރެވޭނެ ދައިރާތައް ބަލަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
" އަޅުގަނޑުމެން ޓީމު އެބަ މަސައްކަތް ކުރޭ ސޭވް ކުރެވޭނެ ގޮތަށް ރިކަރެންޓް ބައެއް އެކްސެޕެންސެސްތައް ކޮންޓެއިން ކުރުމާއި، ބަޖެޓުތެރެއިން މިހުންނަށް ކަންތައް މިސާލަކަށް ހަޔަރިންއާއި، ދެން ހުރި ބައެއް ކަންތައްތަކުގައި، އަޅުގަނޑު އެބައޮތް ލިސްޓެއް ހަދާފައި ރައީސް އަރިހަށް ގެންދަން އަޅުގަނޑުމެން ބޭނުންވެއޭ މިވެނި ކަންކަމަށް ބަދަލު ގެންނަން. އެހެންވީމަ ރައީސްގެ ލަފަޔާއެކު ބަދަލު ގެންނައިރު ވަކި އަދަދަކަށް ސޭވް ވާނެ. " މާލީ ވަޒީރު ވިދާޅުވިއެވެ.
މާލީ ވަޒީރު ވަނީ މިފިޔަވަޅުތައް އަޅާއިރު، ގިނަ ކަންކަމަށް ރިއާޔަތް ކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި، އާމްދަނީން ގެއްލޭ މިންވަރަށް ބަލައި ޚަރަދު ކުޑަކުރުމާއި، އިތުރަށް ޚަރަދުތައް ފޫބެއްދުމަށް ހޯދަންޖެހޭ ފައިނޭންސިން ހޯދުމަށް ވިސްނަންޖެހޭ ކަމަށް ވިދާޅުވިއެވެ.
މިކަންކަމަށް ރިއާޔަތްކޮށް ތައްޔާރުކުރާ ޕްލޭން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އަރިހަށް ގެންދަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެ ފަހުން ސަރުކާރުން އަޅަން ނިންމަވާ ފިޔަވަޅުތައް ހާމަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ޚަރަދުތައް ކުޑަކުރުކަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ރާއްޖެ އިން ބޭރަށް ސަރުކާރުގެ ފަރާތުން ކުރާ ދަތުރުތައް މި ވަގުތަށް ހުއްޓާލާފައިވާކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ. އޭގެ ބަދަލުގައި އޮންލައިންކޮށް ބައިވެރިވެވޭ ބައްދަލުވުންތަކުގައި އޮންލައިންކޮށް ބައިވެރިވުމަށް މިހާރު އިދާރާތަކަށް މަޝްވަރާ އަރުވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ދަތުރުތައް މިގޮތަށް މަޑު ޖައްސާލި ނަމަވެސް، ޚާރިޖީ ވަޒީރު ކުރައްވާ ދަތުރުފުޅުތަކަށް ބަދަލެއް ނާންނާނެ ކަމަށް މާލީ ވަޒީރު ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން ޚަރަދު ކުޑަކުރުމަށް، ގިނަ ފިޔަވަޅުތަކެއް އަޅަމުންދާއިރު، އެންމެ އިސްކަމެއް ދޭނީ ސިއްޚީ ދައިރާ އަދި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި ރައްޔިތުންނަށް ދޭންޖެހޭ އެއްވެސް އަސާސީ ޚިދުމަތަށް ހުއްޓުމެއް ނާންނާނެ ގޮތަށް ކަންކަން އިންތިޒާމު ކުރައްވާނެ ކަމަށް މާލީ ވަޒީރު ވަނީ ވިދާޅުވެފައެވެ.
ޚަރަދު ކުޑަކުރުމުގެ ޕްލޭނެއް އެކުލަވާލައި ރައީސަށް ހުށަހަޅުއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ