ސަލްޓަން ޕާކު ތަރައްގީކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތް، ރައީސް ބައްލަވާލައްވައިފި

ސަލްޓަން ޕާކު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ގައުމީ ދިފާއީ ބާރުން ކުރައްވަމުންގެންދަވާ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިއްޔެ ބައްލަވާލައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ، ސަލްޓަން ޕާކަށް މިއަދު މެންދުރު ކުރެއްވި މި ޒިޔާރަތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ބެއްލެވުމުގެ ދަށުން ތަރައްގީ ކުރައްވަމުންގެންދަވާ ސަލްޓަން ޕާކުގައި އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި އަލަށް ގާއިމުކުރާ އެކިއެކި ވަސީލަތްތަކުގެ މައުލޫމާތު ސާފުކުރައްވައި، ޕާކު ތަރައްގީ ކުރުމުގައި އަމަލީގޮތުން މިހާރު ކުރެވިފައިހުރި މަސައްކަތްތައް ވަޒަންކުރެއްވި އެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިއްޔެ ފާހަގަކުރާ ފިޠުރު ޢީދުގެ މުނާސަބަތުގައި ގައުމީ ދިފާއީ ބާރުން ވިލަރެސްކޮށްގެން ކުރިއަށްގެންދާ "އީދު ހަވީރު 1447"ގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން އިއްޔެ ހަވީރު ސަލްޓަން ޕާކު ހިމެނޭހެން އެ ސަރަހައްދުގައި އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދަން ނިންމަވާފައިވާ އެކިއެކި ހަރަކާތްތަކުގެ މައުލޫމާތު އޮޅުންފިލުވާފައެވެ.
މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި، ސަލްޓަން ޕާކު ތެރޭގައި ގާއިމުކޮށްފައިވާ އޯވަރހެޑް އޮބްސްޓެކްލް ކޯރސްގެ އިތުރުން ޝޫޓިންގ ރޭންޖާއި ސަލްޓަން ޕާކް ސަރަހައްދުގައި ގާއިމުކޮށްފައިވާ ސްޓޯލްތައް ތައްޔާރުކުރުމުގެ އެންމެފަހުގެ މަސައްކަތްތައް ބައްލަވާލެއްވި އެވެ.
ޒަމާންތަކަކަށް އަޅާނުލެވި ވީރާނާވަމުންދިޔަ ސަލްޓަން ޕާކު އަލުން ތަރައްގީ ކުރައްވައި، އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި އަލަށް ގާއިމުކުރާ އެކިއެކި ވަސީލަތްތަކާއިއެކު ކުރު މުއްދަތެއްގެ ތެރޭގައި އެ ޕާކު އަލުން ހުޅުވާލެއްވުމުގެ ގޮތުން އެ މަސައްކަތް ވަނީ ގައުމީ ދިފާއީ ބާރާއި ހަވާލުކުރައްވާފައެވެ. ސަލްޓަން ޕާކު އަލުން ތަރައްގީ ކުރެވިގެންދާއިރު ސަލްޓަން ޕާކުގެ ވިންޓާ ޕާކު ހުރި ސަރަހައްދުގައި އީ- ގޭމިން މަރުކަޒެއް ވެސް ގާއިމުކުރެވިގެންދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ