ޕީސީބީގެ ރައީސްކަމަށް އެ ބޯޑުގެ ކުރީގެ ރައީސް ނިޒާރު އަލުން އައްޔަންކޮށްފި

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރިޔާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސްކަމަށް، ވިޔަފާރިއާއި އިދާރާތައް ހިންގުމުގެ ތަޖުރިބާކާރެއް ކަމަށްވާ މުޙައްމަދު ނިޒާރު އަލުން އައްޔަންކޮށްފިއެވެ. ނިޒާރު އެ މަގާމަށް އައްޔަންކުރީ، ޕީސީބީގެ ރައީސް މުޙައްމަދު އަނަސް މިއަދު އެ މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އަނަސް ވަނީ 'ސަން'އަށް އެކަން ކަށަވަރުކޮށްދެއްވައިފައެވެ. މިދިޔަ އަހަރުގެ މާރިޗު މަހު ޕީސީބީގެ ރައީސްކަމަށް އައްޔަންކުރި އަނަސް ވަނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވައިފައެވެ. އޭނާ މީގެ ކުރިން އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި ފިނޭންސްގެ ނައިބު މިނިސްޓަރުކަމުގެ އިތުރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އޮޑިޓް މެނޭޖަރުކަމާއި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސަރުކަމުގެ މަގާމު ހިމެނެއެވެ. ފިނޭންސް މިނިސްޓްރީގެ ނައިބެއްގެ ގޮތުގައި ވެސް އަނަސް މަސައްކަތް ކުރެއްވީ މި ސަރުކާރުގައެވެ. https://sun.mv/203657 ނިޒާރަކީ ބައިނަލްއަގުވާމީ ވިޔަފާރި، ކޯޕަރޭޓް މެނޭޖްމަންޓް އަދި ދައުލަތުގެ އިދާރާތައް ހިންގުމުގެ ދާއިރާއިން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ނިޒާރު ވަނީ، 2014ވަނަ އަހަރުން ފެށިގެން 2019އަށް ޕީސީބީގެ ރައީސްކަން މީގެ ކުރިން ކުރައްވައިފައެވެ. ސަރުކާރުގެ ޓްރޭޑް ކުންފުނި އެސްޓީއޯގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައި، އެ ކުންފުނީގެ މުހިންމު ދާއިރާތަކުގެ ޖެނެރަލް މެނޭޖަރުކަމާއި ޑެޕިއުޓީ ޑިރެކްޓަރުކަން ފަދަ އިސް މަގާމުތައް ނިޒާރު ފުރުއްވިއެވެ. އޭނާ ވަނީ، ސަޕްލައި ޗެއިން ހަރުދަނާކުރުމާއި، ބައިނަލްއަގުވާމީ ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުން ފަދަ އިސްތިރާޖީ މުހިންމު މަޝްރޫއުތަކުގައި ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން، މޯލްޑިވް ގޭހާއި މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑް ފަދަ ކުންފުނިތަކުގެ ބޯޑު މެންބަރުކަން ވެސް އޭނާ ފުރުއްވައިފައިވެއެވެ. ނިޒާރަކީ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން އެމްބީއޭ، އަދި ގްރެޖުއޭޓް ސެޓްފިކެޓުން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، ކޯޕަރޭޓް ގަވަނަންސާއި ދައުލަތުގެ ކުންފުނިތައް ހިންގުމާ ގުޅޭ ބައިނަލްއަގުވާމީ ގިނަ ތަމްރީނު ޕްރޮގްރާމްތަކާއި މަތީ ފަންތީގެ ފޯރަމްތަކުގައި ބައިވެރިވެވަޑައިގެންފައިވެސް ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ