ވަޓްސްއެޕް ގްރޫޕްގެ ކުރީގެ މެސެޖުތައް އާ މެންބަރުންނަށް ފެންނަ ގޮތް ހަދަނީ

ވަޓްސްއެޕް ގްރޫޕަކާ އަލަށް ގުޅޭ މީހުންނަށް، އެ ގްރޫޕުގައި ކުރިން ކޮށްފައިވާ މެސެޖުތައް ނުފެންނާތީ ކުރިމަތިވާ ދަތިތަކަށް މެޓާއިން މިހާރު މިވަނީ ހައްލެއް ހޯދައިދީފައެވެ. ވަޓްސްއެޕުން މިހާރު ދަނީ ގްރޫޕުގައި ކުރިން ދެކެވިފައިވާ ވާހަކަތައް އާ މެންބަރުންނަށް ފެންނާނެ ގޮތް ހެދުމަށް "ރީސެންޓް ހިސްޓްރީ ޝެއަރިންގް" ފީޗާގެ ނަމުގައި މުޅިން އައު ފީޗާއެއް ތައާރަފުކުރަމުންނެވެ. މި އާ ފީޗާގެ ދަށުން، ގްރޫޕުގައި މިހާރު ތިބި މެންބަރުންނަށް ގްރޫޕުގެ ކުރީގެ މެސެޖުތައް އާ މެންބަރުންނާ ހިއްސާކުރެވޭނެއެވެ. ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސްދޭ "ޑަބްލިއުއޭ ބީޓާ އިންފޯ"އިން ބުނާ ގޮތުގައި، ފާއިތުވި 14 ދުވަހުގެ ތެރޭގައި ކޮށްފައިވާ މެސެޖުތަކުގެ ތެރެއިން 100 މެސެޖާ ހަމައަށް އާ މެންބަރުންނަށް ފެންނަ ގޮތަށް ހިއްސާކުރެވިދާނެއެވެ. މީގެ ސަބަބުން ގްރޫޕުގައި އެންމެ ފަހުން ދެކެވެމުންދާ ވާހަކަތައް އާ މެންބަރަށް ފަސޭހައިން އޮޅުންފިލާނެއެވެ. https://sun.mv/217056 މި ފީޗާ ބޭނުންކުރެވޭނީ ގްރޫޕަށް އާ މީހަކު އެޑްކުރާ ވަގުތު، މެސެޖުތައް ހިއްސާކުރަން ބޭނުންތޯ އަހާ އޮޕްޝަން އިޚްތިޔާރު ކުރުމުންނެވެ. މީގެ އިތުރުން، ހިއްސާކުރާ މެސެޖުތަކުގެ އަދަދު މަދުކުރުމުގެ ފުރުސަތު ވެސް ޔޫޒަރުންނަށް ލިބިގެންވެއެވެ. ފާހަގަކޮށްލެވޭ އަނެއް ކަމަކީ، މިގޮތަށް ހިއްސާކުރާ މެސެޖުތައް އާ މެންބަރުންނަށް ފެންނާނީ ތަފާތު ކުލައެއްގައެވެ. އޭރުން އެއީ ކުރީގެ މެސެޖުތަކެއްކަން އާ މެންބަރަށް ފަސޭހައިން ދެނެގަނެވޭނެއެވެ. އަދި މެސެޖުތައް ހިއްސާކުރުމުން ގްރޫޕުގެ ހުރިހާ މެންބަރުންނަށް އެކަމުގެ ނޮޓިފިކޭޝަން ދާނެއެވެ. މި ނޮޓިފިކޭޝަނުގައި އެ މެސެޖުތައް ހިއްސާކުރި މީހެއްގެ ނަން ވެސް ފެންނަން ހުންނާނެއެވެ. ވަޓްސްއެޕުން ބުނާ ގޮތުގައި، މެސެޖުތައް އާ މެންބަރަށް ފެންނާނީ އެކަން ކުރަން ގްރޫޕުގެ މެންބަރަކު އަމިއްލައަށް އިޚްތިޔާރު ކުރުމުންނެވެ. އޮޓޮމެޓިކުން އެއްވެސް މެސެޖެއް ހިއްސާއެއް ނުވާނެއެވެ. މި ފީޗާ މިހާރު އެންޑްރޮއިޑް އަދި އައިއޯއެސް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ވެސް ލިބޭނެއެވެ. މި ފީޗާ އަދި ލިބިފައި ނުވާނަމަ، ވަޓްސްއެޕްގެ އެންމެ ފަހުގެ ވާޝަން އަޕްޑޭޓް ކުރުމަށް އިރުޝާދުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ