"ރާޔާ މާލެ" ޕޭޖުން ގަހަނާ ވިއްކުމުގެ ނަމުގައި، ސްކޭމް ހިންގަތީ ސަމާލުވާން އެދިއްޖެ
'ރާޔާ މާލެ' ކިޔާ އެކައުންޓުއަކުން ގަހަނާ ވިއްކުމުގެ ނަމުގައި، އިންޓަނެޓު ބޭންކިންގެ މައުލޫމާތު ވަގަށް ނަގައިގެން ސްކޭމެއް ހިންގާތީ، ސަމާލުވާން ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން މިރޭ އިލްތިމާސްކޮށްފިއެވެ. 'ރާޔާ މާލެ' ކިޔާ އެކައުންޓުއަކުން މީސްމީޑިއާގައި އަންނަނީ، ގަހަނާ ވިއްކާ ކަމަށް ބުނެ އިޝްތިހާރު ކުރަމުންނެވެ. ފުލުހުން ބުނީ، އެ ޕޭޖަކީ ކޭޝް ކާޑާއި އިންޓަނެޓު ބޭންކިންގެ މައުލޫމާތު ވަގަށް ނަގަން ހިންގާ ސްކޭމެއް ކަމަށެވެ. މިގޮތުން، އެ ޕޭޖުން ކަސްޓަމަރުން ހޯދަނީ، 'ކްލޯޝާ ސޭލް'ގެ ނަމުގައި 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ދޭ ކަމަށް ބުނެއެވެ. ޕޭމަންޓު ހަދާ ވަގުތު، ބޭންކުގެ ފޭކު ލޮގިން ޕޭޖެއް ދައްކައި، ކަސްޓަމަރުގެ ޔޫޒާ ނޭމާއި ޕާސްވޯޑު އެ ޕޭޖުން އަންނަނީ ހޯދަމުންނެވެ. އެ މައުލޫމާތު ބޭނުން ކޮށްގެން، ސްކޭމަރުން އިންޓަނެޓު ބޭންކިންއަށް ވަދެ، އެކައުންޓުގައި ހުންނަ ފައިސާ ފޭރެމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެހެންވެ، ފުލުހުން ވަނީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށް، ސްކޭމަރުންގެ ކިބައިން ރައްކާތެރިވާނެ ގޮތް ކިޔައިދީފައެވެ. މިގޮތުން، ބޭންކަށް ވަނުމަށް ވެބްސައިޓެއްގައި ދީފައިވާ ލިންކަކަށް ނުފިތުމަށާއި އެއްވެސް ލިންކެއްގައި އޯޓީޕީ ހިއްސާނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި، އެ ވެބްސައިޓުގައި މައުލޫމާތު ހިއްސާކުރެވިފައިވާނަމަ، ބޭންކަށް ގުޅައި، ކާޑާއި އެކައުންޓު ބްލޮކް ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ޓެކްނޮލޮޖީއަށް އަންނަ ބަދަލާ ގުޅިގެން ސްކޭމަރުން އަންނަނީ، އެކި އުކުޅުތައް ބޭނުންކޮށްގެން ފައިސާ ހޯދަމުންނެވެ. މި ގޮތުން، ކެންސަރު ޖެހިފައިވާ މީހަކަށް އެހީވުމުގެ ނަމުގައި ސްކޭމެއް ހިންގާތީ ސަމާލުވާން ފުލުހުން ވަރަށް ފަހުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ