ޕާކިސްތާނުގެ ހުޅަނގު ދެކުނުގައި އޮންނަ ބަލޫޗިސްތާން ޕްރޮވިންސްގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް، އެއްވަގުތެއްގައި ދިން ޓެރަރިސްޓު ހަމަލާތަކެއްގައި 120 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.
އިއްޔެ ދިން މި ހަމަލާތަކަކީ ފަހުގެ ތާރީޚެއްގައި އެ ސަރަހައްދުގައި ހިނގި އެންމެ ނުރައްކާތެރި އަދި ލޭއޮޮހޮރުވުމުގެ އެންމެ ބޮޑު ހާދިސާއެވެ. ފުލުހުންގެ މަރުކަޒުތަކާއި، ސަލާމަތީ ޗެކްޕޮއިންޓްތަކާއި، ސަރުކާރުގެ އިމާރާތްތަކުގެ އިތުރުން އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް ދިން މި ހަމަލާތަކުގެ ސަބަބުން މުޅި ޕްރޮވިންސްގައި ބިރުވެރިކަން ފެތުރި، އާންމު ދިރިއުޅުމަށް ބޮޑެތި ބުރޫތަކެއް ވަނީ އަރާފައެވެ.
ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، ހަމަލާތައް ފެށުނު ވަގުތު އާންމުންނާއި ސަލާމަތީ ބާރުތަކުގެ ގިނަ ބަޔަކު މަރުވިއިރު، އޭގެ ފަހުން ހިންގި ސަލާމަތީ އޮޕަރޭޝަންތަކުގައި ވެސް ސިފައިންގެ 90 އަށްވުރެ ގިނަ މީހުން ވަނީ މަރާލާފައެވެ. ހަމަލާދިން މީހުން، ބާރުގަދަ ބޮންތަކާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްފައިވާއިރު، ބައެއް ތަންތަނުގައި އުޅަނދުތަކުގައި ރޯކޮށް، މަގުތަކާއި ރޭލު ދަތުރުކުރާ ދަގަނޑު މަގުތަކަށް ފަދަ މުހިންމު ވަސީލަތްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މި ހާދިސާއާ ގުޅިގެން ކުއްލި ސަލާމަތީ ފިޔަވަޅުތައް އަޅައި، ދަތުރުފަތުރުގެ ޚިދުމަތްތައް މެދުކަނޑާލުމަށްފަހު، ބަލޫޗިސްތާނުގެ އެކި ސަރަހައްދުތަކަށް ވަނީ އިތުރު ސިފައިން ފޮނުވާފައެވެ.
މި ހަމަލާތަކުގެ ޒިންމާ އުފުލާފައިވަނީ ޕާކިސްތާނުގެ ޖަމާއަތެއް ކަމަށްވާ ބަލޫޗް ލިބަރޭޝަން އާމީ (ބީ.އެލް.އޭ) އިންނެވެ. މި ޖަމާއަތަކީ މީގެ ކުރިންވެސް ސަލާމަތީ ބާރުތަކަށާއި ސަރުކާރުގެ މަޝްރޫއުތަކަށް އަމާޒުކޮށް ހަމަލާދީފައިވާ ބައެކެވެ. ޕާކިސްތާނު ސަރުކާރުން މި ހަމަލާތައް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވާއިރު، ގައުމުގެ ހަމަޖެހުމާއި ސަލާމަތަށް ހުރަސްއަޅާ މިފަދަ ޓެރަރިސްޓް އަމަލުތަކާ ދެކޮޅަށް ހިންގާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށް ވެސް ވަނީ ވައުދުވެފައެވެ.
ޕާކިސްތާނުގެ އެންމެ ބޮޑު ނަމަވެސް އާބާދީ އެންމެ މަދު ބަލޫޗިސްތާނަކީ، ސިޔާސީ ހަމަނުޖެހުންތަކާއި، އިގްތިސާދީ ގޮތުން އެކަށީގެންވާ ތަރައްގީއެއް ލިބިފައި ނެތުމުގެ ސަބަބުން ދިހަވަރަކަށް އަހަރު ވަންދެން ނުތަނަވަސްކަމުގައި އޮތް ސަރަހައްދެކެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މި ފަހުގެ ހަމަލާތަކުން ހާމަވަނީ އެ ސަރަހައްދުގެ ސަލާމަތީ ނިޒާމަށް އޮތް ބޮޑެތި ގޮންޖެހުންތަކެވެ.
ވަރުގަދަ ހަމަލާތަކެއްގައި ޕާކިސްތާނުގައި 120 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ